ސައިފްގެ އޮޓޯބައޮގްރަފީ ފާސްކުރާނީ ކަރީނާ!
ސައިފްގެ އޮޓޯބައޮގްރަފީ ފާސްކުރާނީ ކަރީނާ!

ސައިފް އަލީ ޚާންގެ އޮޓޯބައޮގްރަފީ އަންނަ އަހަރު ނެރޭނެކަން އިއުލާންކޮށްފައި ވަނިކޮށް އެއާ ގުޅޭ ގޮތުން އަންހެނުން ކަރީނާ ކަޕޫރް ސައިފަށް "އިންޒާރެއް" ދީފި އެވެ.

ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާ އަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ ބައޮގްރަފީ ޕްރިންޓްކުރަން ފޮނުވުމުގެ ކުރިން އޭގައި އޭނާއާ ބެހޭ ގޮތުން ލިޔެފައި ހުރީ ކޮން ވާހަކަތަކެއްތޯ ބަލާފައި ނޫނީ ޕްރިންޓްކުރަން ފޮނުވަން ނުކެރޭނެ ކަމަށެވެ.

"ސައިފް ކައިރީ އަހަރެން ބުނެފައި އޮންނާނެ ފޮތުގެ ފައިނަލް ޑްރާފްޓް އަހަރެން އެޑިޓްކޮށްފައި ނޫނީ ލާހިކެއް ނޫނޭ ޕްރިންޓަށް ފޮނުވާކަން. އަހަރެން ބޭނުންވާނެ އަހަންނާ ބެހޭ ގޮތުން އޭގައި ލިޔެފައި ހުރީ ކޮން ވާހަކަތަކެއްތޯ ބަލަން،" ކަރީނާ ބުންޏެވެ.

އޭނާ ބުނީ ފިރިމީހާގެ އޮޓޯބައޮގްރަފީއެއް ނެރުމަކީ ކާމިޔާބީއެއް ކަމަށާއި އެއިން ސައިފްގެ ފޭނުންނަށް ވަރަށް ގިނަ ކަންކަން އެނގިގެން ދާނެ އެވެ. އެކަމަކު އޮޓޯބައޮގްރަފީގެ ވާހަކަ ސައިފް ފުރަތަމަ ބުނުމުން އެކަމާ ކަންބޮޑުވިކަމަށް ބުންޏެވެ.

"ފުރަތަމަ އަހަރެން ގަތީ ބިރު. އަދި އެ ވާހަކަ ގަބޫލުކުރަން ވެސް ދަތިވެގެން ތަކުރާރުކޮށް ސައިފް ކައިރީ އެހިން ހަމަ ސީރިއަސްކޮށް ބުނާ އެއްޗެއް ހެއްޔޭ،" ކަރީނާ ބުންޏެވެ. "ސައިފަކީ އަސްލު ވަރަށް އޯޕަން މީހެއް. އޭނާގެ ނުހުންނާނެ ކަންކަން ފޮރުވުމުގެ ގޮތެއް. އެހެންވީމަ ބައޮގްރަފީއެއް ނެރުމަކީ މައްސަލައެއް ވެސް ނޫން."

ޕަބްލިޝިން ހައުސް ހާޕާޒް ކޮލިންސް އިންޑިއާގެ ތައްގަނޑުގައި 50 އަހަރުގެ އެކްޓަރުގެ ބައޮފްރަފީ ނެރެން ނިންމިކަން އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އަދި އަންނަ އަހަރު އެ ނެރެން ނިންމި ނަމަވެސް އޭގެ ނަމާއި ސީދާ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ބައޮގްރަފީ ނެރޭނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ދާދި ފަހުން ބަތަލާ ނޭހާ ދޫޕިއާގެ ޝޯ "ނޯ ފިލްޓާ ނޭހާ" ގައި ސައިފް ބުނީ ކަރީނާގެ އޮޓޯބައޮފްރަފީއެއް ލިޔާ ނަމަ އޭގެ ނަމަކަށް ވާނީ "ބެލެންސް އެކްޓް" ކަމަށެވެ. ކަރީނާ އާއި ސައިފް ކައިވެނިކުރީ 2012 ގަ އެވެ. ކަރީނާ މިހާރު އިނީ ދެވަނަ ދަރިއަކަށް ބަލިވެ އެވެ.