07 ސެޕްޓެމްބަރ 2020 - 10:28

ސްޕޯޓްސް މިނިސްޓްރީގެ އިސްނެގުމާ އެކު ލިވަޕޫލްގެ ކުރީގެ ޑޮކްޓަރު ޒަފަރު އިގްބާލް (ޒަފް) ރާއްޖޭގެ ގައުމީ ޓީމުތަކަށް ރޭ ސެޝަނެއް ނަގައިދީފި އެވެ.

ޒޫމް ވީޑިއޯ ކޯލް މެދުވެރިކޮށް ރޭ ދޮޅު ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި އެކި ގައުމީ ޓީމުތަކުން ދެ ޖިންސުގެ ކުޅުންތެރިން ބައިވެރިވި އެވެ. ކުޅިވަރު ކުޅުންތެރިންގެ އިތުރުން ސްޕޯޓްސް ފިޒިޝަނުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި އެސޯސިއޭޝަންތަކުގެ އިސް މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގައި ޑރ. ޒަފް ވަނީ ނިއުޓްރިޝަން އާއި ފިޓްނަސް ފަދަ އެތުލީޓުންނަށް މުހިއްމު ކަންތައްތަކާ ބެހޭގޮތުން މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދީފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވި ކުޅުންތެރިއަކު "މިހާރަ"ށް ބުނީ މި ސެޝަންގެ ސަބަބުން ރަނގަޅު ކަންކަން އެނގިގެންދިޔަ ކަމަށާއި ހާއްސަކޮށް ފިޓްނަސްގެ ކަންތައްތަކަށް އިތުރަށް ފަރުވާތެރިވެ އަނިޔާއިން ސަލާމަތްވުމުގައި އަމަލުކުރާނެ ގޮތްތައް ވެސް އެނގިގެންދިޔަ ކަމަށެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ލޮކްޑައުން ކުރި މުއްދަތުގައި ކުޅިވަރު ކުޅުންތެރިން ދިގު މުއްދަތަކަށް ނުކުޅެ ހުންނަން ޖެހުމުން އޭގެ ސަބަބުން ދިމާވާ ފިޓްނަސްގެ އުނދަގޫތަކުން އަރައިގަންނަން ޑރ ޒަފްގެ ސެޝަންގެ އެހީތެރިކަން ލިބިގެންދިޔަ ކަމަށެވެ.
"ވަރަށް އުފާވެއްޖެ ގައުމީ ޓީމުތަކުން 180 އަށް ވުރެން ގިނަ އެތުލީޓުން މި ސެޝަންގައި ބައިވެރިވީމަ. އުއްމީދަކީ ކޮންމެވެސް ގޮތަކުން މި ސެޝަންގެ ފައިދާ ހުރިހާ ފަރާތަކަށް ލިބިގެންދިއުން، އަދި ރާއްޖޭން ޑރ.ޒަފްއާ ބައްދަލުވާނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު ޓްވީޓްކުރެއްވި އެވެ.
ޑރ.ޒަފް ބުނީ ރާއްޖޭގެ ކުޅުންތެރިންނާ އެކު މި ސެޝަން ކުރިއަށް ގެންދަން ދައުވަތު ދިނީތީވެ އެކަމަށް ސްޕޯޓްސް މިނިސްޓަރު މަހުލޫފަށް ޝުކުރު އަދާކުރާކަމަށާއި ރާއްޖޭގެ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމުގެ ކަންތައް ބައްޓަންކުރަން އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން މިނިސްޓަރު ކުރައްވާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ ޑރ. ޒަފް، 2005 ވަނަ އަހަރު ސްޕޯޓްސް އެންޑް އެގްސަސައިޒް މެޑިސިން އިން މަތީ ތައުލީމް ހާސިލްކުރުމަށް ފަހު ކުޅިވަރު ކްލަބްތަކާއި ކުޅިވަރުގައި އުޅޭ އެކި ފަރާތްތަކަށް ސެޝަންތައް ނަގައިދޭން ފެށި އެވެ. އޭނާގެ މަސައްކަތް ރަނގަޅުވުމުން އިނގިރޭސި ލޭޓަން އޯރިއެންޓުން ފުރުސަތު ލިބި އެ ޓީމުގައި މަސައްކަތްކުރަން ފެށި އެވެ. ލޭޓަން އޯރިއެންޓުގައި ޑރ. ޒަފް ވަނީ ގިނަ ޒުވާން ކުޅުންތެރިން ޅަ އުމުރުގައި ދިމާވާ އަނިޔާތަކުން ރިކަވާވެ ކުރިއަށް ދިއުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.
ލޭޓަން އޯރިއެންޓުގައި އޭނާ މަސައްކަތް ރަނގަޅުވުމުގެ ނަތީޖާ އަކަށްވީ 2007 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްގެ އެކަޑަމީން އޭނާ ގެންދިއުމެވެ. އެއް އަހަރު އެކެޑަމީގައި މަސައްކަތްކުރުމަށް ފަހު ޖެހިގެން އައި އަހަރު ފުރަތަމަ ޓީމުގެ ޑޮކްޓަރަކަށް ޑރ. ޒަފް ޕްރޮމޯޓްކުރި އެވެ. ދެ އަހަރު އެ ޓީމުގައި މަސައްކަތްކޮށް ޑރ. ޒަފް ލިވަޕޫލާ ގުޅުނީ 2010 ވަނަ އަހަރު އެވެ.
ލިވަޕޫލްގައި ޑރ.ޒަފް ހޭދަކުރި ދުވަސްތަކުގައި ތިން ކޯޗުންނާ އެކުގައި މަސައްކަތްކުރި އެވެ. އެއީ ކެނީ ޑަލްގީޝް އާއި ރޯއީ ހޮޖްސަން އަދި ބްރެންޑަން ރޮޖާސް އެވެ. ލިވަޕޫލާ އެންމެ ފުރަތަމަ ގުޅުނީ ޓީމު ޑޮކްޓަރެއްގެ ގޮތުގައި ނަމަވެސް ފަހުން އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން ސްޕޯޓްސް މެޑިސިން ޑިޕާޓްމަންޓުގެ ހެޑެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ލިވަޕޫލްގައި ޑރ.ޒަފް ވަނީ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ފެނާންޑޯ ޓޮރޭޒް، ލުއިސް ސުއަރޭޒާއި ސްޓީވެން ޖެރާޑްގެ އަނިޔާގެ މައްސަލަތަކުން އަރައިގަންނަން އެހީތެރިވެދީފަ އެވެ. ސުއަރޭޒާއި ޖެރާޑް ވަނީ އެ ދެ ކުޅުންތެރިންގެ ލިވަޕޫލް ޓީވީ އަށް އޭރު ދިން އިންޓަވިއުތަކުގައި ޑރ. ޒަފްގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ސުއަރޭޒް ވަނީ އޭނާގެ އޮޓޯބައިގްރަފީގައި ވެސް ޒަފްގެ ފަރާތުން ލިބުނު އެހީތައް ފާހަގަކޮށްފަ އެވެ.
ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ފަހު ޑރ.ޒަފް ލިވަޕޫލާ ވަކިވާން 2015 ވަނަ އަހަރު ނިންމި އެންމެ ބޮޑު ސަބަބަކީ އާއިލާއާ ދުރުގައި ހުންނަން ޖެހުމުން ދިމާވި ދަތިތަކެވެ. އޭނާގެ އާއިލާ ލަންޑަންގައި ދިރިއުޅެމުންދާތީ އާއި ދަރިފުޅުގެ ބަލި ހާލަތު ހުރިގޮތުން ލަންޑަނަށް ދިިރިއުޅުން ބަދަލުކުރީ ލިވަޕޫލްގައި އޭނާ އަދާކުރަމުން އައި "ހުވަފެނީ ވަޒީފާ" ދޫކޮށްލުމަށް ފަހު އެވެ.
ލަންޑަނަށް ދިރިއުޅުން ބަދަލުކުރުމާ އެކު އެކި ކްލަބްތަކުގެ ހުށަހެޅުންތައް ޑރ. ޒަފް އަށް ލިބެން ފެށި އެވެ. އޭގެެ ތެރެއިން އޭނާ އެންމެ ގަޔާވާ ޕްރޮޖެކްޓް ހުށަހެޅީ ޕްރިމިއާ ލީގުގެ ކްލަބް ކްރިސްޓަލް ޕެލަސް އިންނެވެ. މިހާރު އޭނާ ޕެލަސްގައި މަސައްކަތްކުރަމުން އަންނައިރު، އަމިއްލަ ގޮތުން ވެސް އަންނަނީ އެކި ކުޅުންތެރިންނަށް ދިމާވާ ފިޓްނަސްއާ އެ ފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފުޓްބޯޅައިގެ އިތުރުން ކްރިކެޓް ޓީމުތަކަށް ވެސް ކޮންސަލްޓަންޓެއްގެ ގޮތުގައި ޑރ. ޒަފް އަންނަނީ މަސައްކަތްކުރަމުންނެވެ.