ކަރަން ޖޯހަރާ ދެކޮޅަށް މި ފަހަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް
ކަރަން ޖޯހަރާ ދެކޮޅަށް މި ފަހަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް

އެކި ކަންކަމާ ގުޅުވައިގެން ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރަށް އިނގިލި ދިއްކުރާ މީހުންގެ ލިސްޓް ދިގުވަމުންދާ އިރު އޭނާއާ ދެކޮޅަށް މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން ވެސް ވާހަކަ ދައްކައިފި އެވެ.

އެކްޓިން އަށް ނުކުތް ނަމަވެސް ބެލުންތެރިން ބަލައިނުގަނެ، ފިލްމީ ދާއިރާ އިން ހަވާސާވެފައިވާ ފައިސަލް، 54، ބޮލީވުޑަށް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަރަންގެ ދުއްތުރާ އޭނާ ވެސް ތަޖުރިބާކުރި ކަމަށާއި ކަރަން އަކީ އޭނާ ގަޔާނުވާ މީހުންނަކީ އެއްވެސް ބައެއް ނޫންކަން ދައްކަން މަސައްކަތްކުރާ މީހެއް ކަމެއް ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރު ބޭބެ އާމިރު ޚާންގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގެ ތެރޭގައި ދަންނަ މީހަކާ ވާހަކަ ދައްކަން ހުއްޓައި އެ ދޭތެރެ ކަރަން ވަދެ، އޭނާ ކުޑަކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށް ބުންޏެވެ.

"އެ މީހަކީ ކާކުކަމެއް އަހަރެން ބުނާކަށް ބޭނުމެއް ނޫން. އެކަމަކު ކަރަން ވަނީ އަހަންނާއި މި ބުނާ މީހާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވައި، އޭނާގެ ސަމާލުކަން ހޯދަން މަސައްކަތްކޮށް، އަހަންނަކީ އެއްވެސް މީހެއް ނޫންކަން ދައްކަން މަސައްކަތްކޮށްފައި." ފައިސަލް ބުންޏެވެ. "މިކަހަލަ ކިތަންމެ ކަމެއް އެބަހުރި ތަޖުރިބާކުރެވިފައި."

އޭނާ ބުނީ ބެލުންތެރިން ބަލައިގަންނަ ފަދަ ކާމިޔާބު މީހަކަށް އެ މީހަކު ނުވާ ނަމަ ބޮލީވުޑުން އޮންނަނީ ބާކީކޮށް އެކަހެރިކޮށްލުމުގެ އުސޫލެއް ކަމަށެވެ. އަދި މިކަން އެންމެ ބޮޑަށް ފެންނަނީ އިންޑަސްޓްރީގެ ނުފޫޒު ގަދަ މީހުންގެ ފަރާތުން ކަމަށް ބުންޏެވެ.

"މޭލާ އަށް ފަހު އަހަރެން ވަރަށް އުންމީދުކުރިން ކެރިއަރު ރަނގަޅު ހިސާބަކަށް ދާނެ ކަމަށް. އަހަރެން ގަބޫލު ވެސް ކުރަން އެ ފިލްމުގައި އަހަންނަށް ރަނގަޅު އެކްޓިންއެއް ވެސް ދެއްކުނު ކަމަކަށް. އެކަމަކު އެވަރުން ވެސް ބެލުންތެރިން އަހަރެން ބަލައެއް ނުގަތް. ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އެ މީހުންގެ އޮފީސްތަކަށް އަހަންނަށް ވަނަވެސް ނުދޭ،" ފައިސަލް ބުންޏެވެ.

ދެހާސް ވަނަ އަހަރު ރިލީޒްކުރި "މޭލާ" އަކީ ބޭބެ އާމިރާ އެކު ފައިސަލް ކުޅުނު ފިލްމެކެވެ. އޭނާ ލީޑިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ 1994 ގެ ފިލްމު "މަދުހޯޝް" އިންނެވެ. ނަމަވެސް ފައިސަލް ކުޅުނު އެއްވެސް ފިލްމަކީ ބެލުންތެރިން ގަޔާވި ފިލްމުތަކެއް ނޫނެވެ.

އޭނާ ބުނިގޮތުގައި ނެޕޮޓިޒަމްގެ ވާހަކަ ބޮލީވުޑްގައި ކިތަންމެ ގަދަޔަސް ކަން އަސްލު ހިނގަނީ އެގޮތަކަށް ނޫނެވެ. އެހެން ނޫން ނަމަ އާމިރުގެ ކާއްކޮ އަށް ވީތީ އެތައް ފުރުސަތުކެއް ލިބުނީސް ކަމަށާއި ކާމިޔާބު މީހަކަށް ވެވުނީސް ކަމަށް ފައިސަލް ބުންޏެވެ.

"މި އިންޑަސްޓްރީ އަކީ އަސްލު ކުރިއަށްދާން ވަރަށް އުނދަގޫ ގޮންޖެހުން ބޮޑު ދާއިރާއެއް. ނަސީބަކީ ވެސް ވަރަށް މުހިއްމު އެއްޗެއް. ހަމައެއާ ބުރަކޮށް މަސައްކަތްކުރަން ޖެހޭނެ. ހަމައެއާއެކު ނެޓްވޯކަކީ ވެސް ވަރަށް މުހިއްމު ބައެއް." ފައިސަލް ބުންޏެވެ.

އޭނާ ބުނިގޮތުގައި ޝާހްރުކް ޚާނާއި އަކްޝޭ ކުމާރު ފަދަ ތަރިންނަކީ ފިލްމީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތި އިންޑަސްޓްރީ އަށް ނުކުމެ އަމިއްލަ މަސައްކަތުން ކުރި ހޯދި ތަރިންނެވެ. އެހެންވެ އެއީ އަބަދު ވެސް އޮންނާނެ ފުރުސަތެއް ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"ދެން މިހާރުގެ ތަރިންނަށް ބަލާ ނަމަ ރާޖްކުމާރު ރާއޯ އާއި އަޔޫޝްމަން ކުރާނާ އަދި ދާދި ފަހުން މަރުވި ސުޝާންތު ސިންގް ރާޖްޕޫތަކީ ވެސް އިންޑަސްޓްރީއާ މުޅިން ބޭރުން މި ދާއިރާ އަށް ނުކުމެ ކާމިޔާބު ހޯދި ހުނަރުވެރި ތަރިން." ފައިސަލް ބުންޏެވެ.

އޭނާ ބުނިގޮތުގައި އަމިއްލަ ކެރިއަރުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ބޭބެ އާމިރާ އަޅާކިޔުމެވެ. އަދި އެކަމުން ސަލާމަތްވޭތޯ ލައްކަ މަސައްކަތްކުރި ކަމަށާއި އެއްވެސް މީހަކު "ފައިސަލް ޚާން" ބަލައިގަންނަން ބޭނުން ނުވި ކަމަށް ބުންޏެވެ.

"ކާމިޔާބީ އަކީ ވަކި މީހަކަށްވީތީ ލިބޭ އެއްޗެއް ނޫން. ބޮލީވުޑްގައި ކާމިޔާބު ހޯދި ތަރިންނަށް ބަލާ އިރު މުޅިން ބޭރުން އިންޑަސްޓްރީ އަށް ވަދެ ކާމިޔާބު ހޯދި ތަރިންގެ އަދަދު ގިނަ އިންޑަސްޓްރީގެ ތެރެއިން ނުކުމެ ކާމިޔާބު ހޯދި ތަރިންނަށް ވުރެ،" ފައިސަލް ބުންޏެވެ. "އެކަމަކު އެހެން ވިޔަސް އަހަރެން ވެސް ގަބޫލުކުރަން މި އިންޑަސްޓްރީގައި ގްރޫޕިޒަމާއި ވަކިކޮޅަކަށް ބުރަވުން ފަދަ މައްސަލަތައް ބޮޑުކަން."