27 އޮކްޓޯބަރ 2016 - 14:23

ދިރާގަށް ލިބުނު އާމްދަނީ ރެކޯޑު އަދަދަކަށް މައްޗަށް ގޮސް، އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރު (ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހޭދަވި މުއްދަތު)ގެ މާލީ ބަޔާން މުވާސަލާތީ ހިދުމަތް ދޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނިން މިއަދު ވަނީ އާއްމުކޮށްފަ އެވެ. އެ ބަޔާނާ އެކު ދިރާގުން އާއްމު ކުރި ހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.7 ބިލިއަން ރުފިޔާ އަށް ވުރެ 184 މިލިއަން ރުފިޔާ (11 ޕަސެންޓް) އިތުރު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ދިރާގަށް ވަނީ ރެކޯޑް މިންވަރެއްގެ ސާފު ފައިދާ ވެސް ލިބިފަ އެވެ. އެ ގޮތުން، މިިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ސާފު ފައިދާގެ ގޮތުގައި 562 މިލިއަން ރުފިޔާ ލިބުނަސް، މި އަހަރުގެ އެ މުއްދަތުގައި ދިރާގަށް، ސާފު ފައިދާގެ ގޮތުގައި ލިބުނީ 653 މިލިއަން ރުފިޔާ އެވެ. އެއީ 16 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތިން ވަނަ ކުއާޓަރަށް އެކަނި ބަލާ އިރު ދިރާގަށް ވަނީ 617 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ އޭގެ ކުރީ ކުއާޓަރު (އޭޕްރީލް މަހުން ޖޫން މަހަށް) ގައި ލިބުނު 577 މިލިއަން ރުފިޔާ އަށް ވުރެ ހަތް ޕަސެންޓް އިތުރު އަދި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު 549 މިލިއަން ރުފިޔާ އަށް ވުރެ 12 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ސާފު ފައިދާ ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. އެ ގޮތުން، އެ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 203 މިލިއަން ރުފިޔާ ދިރާގަށް ލިބުނެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ހިއްސާއަކަށް ފައިދާގެ ގޮތުގައި 10.72 ރުފިޔާ ބަހާފައި ވާއިރު، މި އަހަރުގެ މިހާތަނަށް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 806 މިލިއަން ރުފިޔާ ދިރާގުން ވަނީ ބަހައިފަ އެވެ.
- އާމްދަނީ: 1.9 ބިލިއަން ރުފިޔާ
- ސާފު ފައިދާ: 653 މިލިއަން ރުފިޔާ
- ހިއްސާގެ ފައިދާ (ހިއްސާއަކަށް): 10.72 ރުފިޔާ
- ހިއްސާގެ ފައިދާ (ޖުމްލަ): 806 މިލިއަން ރުފިޔާ
ތިންވަނަ ކުއާޓަރުގެ މާލީ ބަޔާން އާއްމުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލްސް ވިދާޅުވި ގޮތުގައި މިދިޔަ ތިން ކުއާޓަރުގައި ވެސް އެ ކުންފުނިން ވަނީ ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ދިރާގުގެ ނެޓްވޯކުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދިނުމަށް ކުރާ އިންވެސްޓްމަންޓުތަކެވެ.
"މި ކުއާޓަރުގައި ވެސް، މި އަހަރުގެ މިހާތަނަށް މާލީ ގޮތުން ކުންފުނިން ދައްކަމުން މި އަންނަ ރަނގަޅު ޕާފޯމަންސް ފެނިގެންދާނެ،" ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮބިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިރާގުން ހިދުމަތް ދޭ ހުރިހާ ދާއިރާއަކުން ވެސް ލިބޭ މަތިވަމުން އަޔަސް، އެންމެ ބޮޑު އާމްދަނީއެއް މިހާރު ލިބެނީ އަދި އެންމެ ބާރަށް ކުރިއަރަނީ ވެސް މޮބައިލްގެ ހިދުމަތްތަކުން ލިބޭ އާމްދަނީ އެވެ. ހާއްސަކޮށް، މޮބައިލް އިންޓަނެޓަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި އެހެންވެ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ ޕެކޭޖު ފަދަ މޮބައިލާ ގުޅުންހުރި ހިދުމަތްތައް ތައާރަފް ކުރަމުން އަންނަކަން ރޮބިން ފާހަގަކުރެއްވި އެވެ.
"މި ހިސާބުން އަޅުގަނޑުމެން އަދި ހުއްޓާލާކީ ނޫން. ލިބެމުން މި އަންނަ ބޮޑު އާމްދަނީ އެ ގޮތުގައި ދަމަހައްޓައި ކުރިއަރުވަން މަސައްކަތް ކުރުމާ އެކު، ކަސްޓަމަރުން ބޭނުންވާނެ ފެންވަރު ރަނގަޅު ހިދުމަތްތައް ދޭނަން،" އޭނާ ވިދާޅުވި އެވެ.
ބަހުރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް އަދި އާއްމުންގެ 6.2 ޕަސެންޓް ހިއްސާ އޮންނަ ދިރާގުން ވަނީ މިދިޔަ ކުއާޓަރުގައި ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ. އެ ގޮތުން، ކ. މާފުށީގައި ފައިބަ ނެޓްވޯކެއް ގާއިމުކުރުމާއި ލ. އަތޮޅުގެ ރަށްރަށުގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދޭން ފެށުމާއި އިންސްޓޯލްމަންޓަށް އައިފޯން 7 ވިއްކުމާއި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ހާއްސަ މޮބައިލް ޕެކޭޖެއް ތައާރަފްކުރުމުގެ އިތުރަށް އެންމެ ހެޔޮ އަގުގައި ހައްޖު ދުވަސްވަރު ސައުދީ އަރަބިއްޔާ އަށް ގުޅުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.