ފާރިސް އާއި ނާދިރާ ޕީޕީއެމުން ވަކިކުރި މައްސަލަ ބާތިލް ކުރަން ކޯޓަށް ހުށަހަޅައިފި
ފާރިސް އާއި ނާދިރާ ޕީޕީއެމުން ވަކިކުރި މައްސަލަ ބާތިލް ކުރަން ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ ޕާޓީން ވަކި ކުރި މައްސަލަ ބާތިލް ކުރަން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރު ކޯލިޝަނުން ނެރޭ ތްރީ ލައިން ވިޕާ ހިލާފަށް މަޖިލީހުގައި ވޯޓު ދެއްވާތީ ފާރިސް ޕީޕީއެމުން ވަކި ކުރިއިރު، ނާދިރާ ވަކި ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވާ ކަމަށް ބުނެ އެވެ. ނަމަވެސް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ބުނަނީ އެ މެމްބަރުންގެ މައްސަލައެއް ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ނެތް ކަމަށާއި އެހެންވެ އަދިވެސް އެއީ ޕާޓީގެ މެމްބަރުން ކަމަށެވެ.

މި ދެ ބޭފުޅުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރަން ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވާ މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސޫއުދެވެ.

ސުއޫދުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި ގޮތުގައި ފާރިސް އާއި ނާދިރާ ވަކި ކުރި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ސުލޫކީ ކޮމެޓީގެ ބައްދަލުވުމަކީ ގަވާއިދާ އެއްގޮތަށް ބޭއްވި ސައްހަ ބައްދަލުވުމަކަށް ނުވާތީ އެވެ.

"ސުލޫކީ ކޮމެޓީ އަށް މައްސަލަ ހުށަހެޅޭނެ ވަކި އިޖުރާއަތްތަކެއް އެބަހުރި. އެހެންވީމަ އެއާ ހިލާފަށް މައްސަލަ ހުށަހެޅިފައިވަނީ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ސުލޫކީ ކޮމެޓީން މައްސަލަ ބެލުމުގައި ގަވާއިދާ ހިލާފުވެފައިވާ ކަމަށާއި ގަވާއިދު ބުނާ ގޮތުން މެމްބަރެއްގެ މައްސަލަ ހުށަހެޅިއްޖެ ނަމަ، އެ އަށް ޖަވާބުދާރީވުމުގެ ފުރުސަތު މެމްބަރަކަށް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ފާރިސް އާއި ނާދިރާ އަށް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ ފުރުސަތު ނުދީ މައްސަލަ ހުށަހެޅުނުކަން ނާނގާ އެ މައްސަލަ ބަލައި ނިންމާފައި އޮތުމަކީ ތަބީއީ އިންސާފުގެ އުސޫލުތަކާ ހިލާފަށް ނިންމާފައި އޮތް ނިންމުމެއް،" ސުއޫދު ވިދާޅުވި އެވެ.

ޕީޕީއެމުން ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުލޫކީ މައްސަލައެއް އެއްވެސް މެމްބަރަކާ މެދު ފެންމަތި ކުރުވަން ބޭނުން ނަމަ، އެކަން ޕާޓީގެ އޮފީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އަދި ސުލޫކީ މައްސަލަތައް ހުށަހަޅަން ޖެހޭ ގޮތް ގަވާއިދުގައި އޮތް ނަމަވެސް އެ ގޮތަށް އަމަލުކޮށްފައި ނެތް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.