21 ސެޕްޓެމްބަރ 2020 - 15:28

އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ ކްލަބް އީގަލްސްގެ ސްރީލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ކްލަބް ދޫކޮށްލައިފި އެވެ.
މީގެ ފަސް އަހަރު ކުރިން 2015 ވަނަ އަހަރު އީގަލްސް އަށް ބަދަލުވި ސުޖަން ވަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކޮވިޑް-19 ތެރޭ ރާއްޖެ ލޮކްޑައުންކުރިއިރު ސުޖަން ވެސް ވަނީ ރާއްޖޭގައި ތާށިވެފަ އެވެ. ދެ މަހަށް ވުރެން ގިނަ ދުވަސްވީ ފަހުން ސުޖަން އަށް އެންމެ ފަހުން ގައުމަށް ދެވުނީ މެއި މަސް ތެރޭގަ އެވެ. ސުޖަން ވަނީ އެ މުއްދަތު ތެރޭ އީގަލްސް އިން އެހީވި ކަމަށް ބުނެފަ އެވެ.
ސުޖަން "މިހާރަ"ށް ބުނީ އީގަލްސް ދޫކޮށްލުމަކީ ހަޔާތުގައި ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށެވެ.
"މިއީ ހަޔާތުގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުން. އެއީ އަހަރެން މި ހިސާބަށް ގެނެސްދިން އެއް ބަޔަކީ އީގަލްސް. އެ ޓީމު ދޫކޮށްލުން އެއީ ފަސޭހަ ކަމެއް ނޫން. އަހަންނަށް އީގަލްސް އިން ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓާނަން،" 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އީގަލްސްއާ އެކު ކާމިޔާބުކުރި ސުޖަން ބުންޏެވެ.
އީގަލްސް އިން "މިހާރަ"ށް ބުނީ ކުރިއަށް އޮތް ސީޒަނަށް ވެސް އެ ޓީމުން ސުޖަން ގެންނަން ބޭނުންވި ކަމަށެވެ. ސުޖަން ލަންކާގައި މަޑުކުރަން ނިންމުމަކީ އޭނާގެ ނިންމުމެއް ކަމަށް އީގަލްސް އިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ސުޖަން އަށް ދަރިއަކު ލިބިފައިވާއިރު، އާއިލާއާ އެކު ގިނަ ވަގުތު ހޭދަނުކުރެވުމަކީ އޭނާ އަށް އޮތް ކަންބޮޑުވުމެކެވެ. އެހެންވެ މި ވަގުތު ވިސްނާފައި އޭނާ އަށް އެންމެ މުހިއްމީ އާއިލާ އަށް ވަގުތު ދިނުން ކަމަށްވާތީ އަމިއްލަ ގައުމުގައި މަޑުކުރަން ނިންމީ އެވެ.
"100 ޕަސެންޓް ޔަގީންކަމެއް މި އަހަރު އަހަރެން މަޑުކުރާނީ. އާއިލާ އަށް ވަގުތު ދެވޭ ގޮތަކަށް މި ވަގުތު ކުރިއަށްދާނީ،" ލަންކާ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ސުޖަން ބުންޏެވެ.
ސުޖަން ބުނީ އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި ކްލަބެއް ނިންމާނީ ހުރިހާ ގޮތަކަށް ވިސްނުމަށް ފަހު އޭނާ ކުރިއެރޭނެ ފުރުސަތު އޮތް ޓީމަކުން ކަމަށެވެ.
ހަ އަހަރު ތެރޭ އޭނާ ވަނީ އީގަލްސް އަށް ފަސް ސީޒަން ކުޅެދީފަ އެވެ. ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު 2016 ވަނަ އަަހަރު ހޯދި ސުޖަން ވަނީ އީގަލްސް އަށް 101 މެޗު ކުޅެދީފަ އެވެ. އޭގެ ތެރެއިން 45 މެޗު އޭނާ ކޮޅަށް ގޯލެއް ނުވަދެ އެވެ. ސާފް ސުޒުކީ ކަޕްގައި 2018 ވަނަ އަހަރު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ސުޖަން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސުޖަންގެ ކެރިއަރުގައި އެންމެ ބޮޑަށް އެހީތެރިވެދިން އެއް ފަރާތަކީ އޭނާ ސިފަ ކުރާގޮތުގައި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް އެވެ.