ރަނގަޅު ފެށުމަކާ އެކު ސިޓީ އަށް ލީގުގެ ރެކޯޑެއް
ރަނގަޅު ފެށުމަކާ އެކު ސިޓީ އަށް ލީގުގެ ރެކޯޑެއް

ވުލްވަހެމްޓަން، އިންގްލެންޑް (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 3-1 އިން ވުލްވްސް ބަލިކޮށް މެންޗެސްޓާ ސިޓީން ރެކޯޑެއް ގާއިމްކޮށްފި އެވެ.

ސިޓީ ވަނީ މިދިޔަ 10 ސީޒަނުގައި ވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެ ޓީމަކީ އެކަން ހާސިލްކުރި ފުރަތަމަ ޓީމެވެ. އަނެއްކޮޅުން ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތަކުގައި 44 ގޯލު ފެނުނުއިރު، މިއީ ލީގުގެ އެއް ހަފްތާގައި އެންމެ ގިނަ ގޯލު ފެނިގެންދިޔަ ފަހަރެވެ. ކުރިން އެ ރެކޯޑް އޮތީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެ ފަހަރު ލީގުގެ 10 މެޗުގައި 43 ގޯލު ޖަހާފައިވެ އެވެ.

ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީން ފުރަތަމަ ހާފް ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނިޓްގައި ޖެހީ މިދިޔަ ސީޒަނު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކެވިން ޑިބްރޭނާ އެވެ. މި ޕެނަލްޓީ އަކީ ވުލްވްސްގެ ރަމޮން ސައީސް އޭރިއާ ތެރެއިން ޑިބްރޭނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ސިޓީގެ ދެ ވަނަ ގޯލު މެޗުގެ 32 ވަނަ މިނިޓްގައި ޖެހީ ފިލް ފޯޑެން އެވެ. ރަހީމް ސްޓާލިން ހަމަޖެހިލާފައި ދިން ބޯޅައެއް ފޯޑެން ވަނީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގައި ޑިބްރޭނާ އަށް ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ފޮނުވާލި ބޯޅަ ވުލްވްސްގެ ޕޯޗުގީސް ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ސިޓީ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ. ވުލްވްސް އިން މި ހާފްގައި ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކުރި އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 78 ވަަނަ މިނިޓްގައި ރައުލް ހިމެނޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ޑެނިއަލް ޕޮޑެންސް ދިން ބޯޅަ އަކުންނެވެ. ސިޓީގެ ފަހު ގޯލު އިތުރު ވަގުތުގައި ޖެހީ ގަބްރިއެލް ޖީސޫސް އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ ފައިގައި ޖެހިފައި ގޮހެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރަނގަޅު ޕްރީ ސީޒަނެއް ފުރިހަމަ ނުކުރެވޭތީ މެޗުގެ ކޮންމެވެސް ހިސާބަކުން ގޯސް ވަގުތު ތަކެއް އަންނާނެ ކަމަށް ބެލެވުނު ކަމަށާއި އެކަމަކު އެ ވަގުތުތަކުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ޖުމްލަކޮށް މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ މެޗުގެ ނަތީޖާ އެ ޓީމަށް ގޯސްވީ ފުރަތަމަ ހާފް ދިޔަ ގޮތުން ކަމަށާއި މި ލެވަލްގައި ކުޅޭއިރު ފެށުން ގޯސްވެއްޖެނަމަ މެޗެއްގެ ނަތީޖާ ނެރެން ވަރަށް އުނދަގޫވާނެ ކަމަށެވެ.

ލީގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޝެފީލްޑް ޔުނައިޓެޑް އަަތުން އަމިއްލަ ދަނޑުގައި ކުޅުނު އެސްޓަން ވިލާ ވަނީ 1-0 އިން މޮޅުވެފަ އެވެ.