ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ޗައިނާ އިން ލުއިތަކެއް ދީފި
ބޯޑަރު ބަންދުކުރިތާ ހަ މަސް ފަހުން ޗައިނާ އިން ލުއިތަކެއް ދީފި

ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ޗައިނާ އިން އެ ގައުމުގެ ބޯޑަރު ބިދޭސީންނަށް ބަންދުކުރިހާ ހަ މަސް ފަހުން ލުއިތަކެއް ދީފި އެވެ.

މާޗް މަހު ޗައިނާ އިން ވަނީ ޑިޕްލޮމެޓުންނާއި ހާއްސަ ހާލަތްތައް މެދުވެރިވާ މީހުން ފިޔަވައި އެ ގައުމަށް އެތެރެވުން މަނާކޮށްފަ އެވެ. ނަމަވެސް އޭރު ގައުމުން ބޭރުގައި ތިބި ޗައިނާ މީހުންނަށް ގައުމަށް ދެވެ އެވެ.

ޗައިނާ އިން ބުނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، އަންނަ ހޯމަ ދުވަހުން ފެށިގެން ބިދޭސީންނަށް ލުއިތަކެއް ދޭނެ ކަމަށެވެ. މިހާރު ނިންމާފައިވަނީ ޗައިނާގެ ވިސާ އޮންނަ މީހުންނާއި އާއިލީ ބައްދަލުވުންތަކާއި ވަޒީފާގެ ބޭނުމަށް ރެސިޑެންސް ވިސާ އޮންނަ ބިދޭސީންނަށް ޗައިނާ އަށް އެތެރެވުމުގެ ހުއްދަ ދޭށެވެ.

މިގޮތަށް ޗައިނާ އަށް ދާ މީހުން ވެސް ދެ ހަފުތާ އަށް ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގައި އަންގާ އެހެން ކަންކަމަށް ވެސް އަމަލުކުރަން ޖެހޭނެ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން ކޮމިއުނިޓީ ސްޕްރެޑް ކޭހެއް ނުފެންނަތާ 39 ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަލަށް ހަތް ކޭސް ފެނުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ މުޅިން ވެސް ޗައިނާ އިން ބޭރުގައި ތިބުމަށް ފަހު ގައުމަށް އައި މީހުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެހެން ގައުމުތަކުން ވެސް ލުއި ދެމުން އަންނަ އިރު ޔޫރަޕްގައި އަނެއްކާ ވެސް ބަލީގެ ބިރު ބޮޑުވެ ބައެއް ގައުމުތަކުން އަންނަނީ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ. މިހާތަނަށް މުޅި ދުނިޔެއިން 32 މިލިއަން މީހުން ކޮވިޑް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން 23 މިލިއަން މީހުން ރަނގަޅުވެ ނުވަ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައި ވާތީ މިހާރު ތިބި ބަލި މީހުންގެ އަދަދަކީ ހަތް މިލިއަނެވެ.