ޑޮކްޓަރަށް ދެއްކުން ދަތިވެފައި ވާތީ އަތޮޅުތަކުގައި މެޑިކަލް ކޭމްޕުތައް ބާއްވަނީ
ޑޮކްޓަރަށް ދެއްކުން ދަތިވެފައި ވާތީ އަތޮޅުތަކުގައި މެޑިކަލް ކޭމްޕުތައް ބާއްވަނީ

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ ގުޅިގެން، މާލެ ކައިރީގެ އަތޮޅުތަކުގައި އުޅޭ މީހުންނަށް ޑޮކްޓަރަށް ދައްކަން ދަތިވެފައި ވާތީ މެޑިކަލް ކޭމްޕުތައް ބާއްވަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ނަޔާޒު އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ ހެދި، ސިއްހީ ބޭނުމަށް މާލެ އަށް ދަތުރުކުރުމަށް ހުރަސް އެޅިފައިވާތީ، އެކަމަށް ހައްލެއް ހޯދައިދޭން ކ، އއ، އަދި އދ. ގައި އުޅޭ މީހުންނަށް ހާއްސަ ކޮށްގެން މެޑިކަލް ކޭމްޕުތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

ކ. ހިންމަފުއްޓަށާއި ހުރާ އަދި މާފުށީގެ އިތުރުން އދ. ރަސްދު އާއި މަހިބަދޫ އަށް ރޭޑިއޮލޮޖިސްޓަކު މިދިޔަ މަހު ފޮނުވައި 2-3 ދުވަހުގެ ކޭމްޕެއް ބޭއްވި އެވެ. އަދި މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަޔާޒު ވިދާޅުވި އެވެ.

"މަހިބަދޫގައި އެއް އަހަރު ދުވަހު މަސައްކަތް ކުރާނެ ރޭޑިއޮލޮޖިސްޓެއް މަހެއްހާ ދުވަހު ފޮނުވާނަން،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓާއި ގަމަށް ދިއުމުގެ އިތުރުން އެހެން ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް ސިއްހީ ބޭނުމަށް މާލެ ކައިރީގެ އަތޮޅުތަކުން ދަތުރުކުރެ އެވެ. އެގޮތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށާއި ބ. އަތޮޅު ހޮސްޕިޓަލަށް ވެސް އާންމުކޮށް ދަތުރުކުރެ އެވެ.

ސިއްހީ ފަރުވާގެ މައްސަލަތަކަށް ހައްލެއް ހޯދައިދޭން އެކި ހޮސްޕިޓަލްތަކުން އަންނަނީ އަމިއްލަ އަށް އިސްނަގައިގެން މެޑިކަލް ކޭމްޕުތައް ވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ކަށީގެ ހާއްސަ ކޭމްޕެއްގައި، އެ އަތޮޅުގައި މީގެ ކުރިން ނުކުރާ ކަށީގެ އޮޕަރޭޝަނެއް ވެސް މި މަހު ކުރީ ކޮޅު ކުރި އެވެ.