26 ސެޕްޓެމްބަރ 2020 - 20:39

ވެކްސިނެއް ލިބި، ގިނަ ބަޔަކާ ހަމައަށް އެ ފޯރުމުގެ ކުރިން ކޮވިޑް-19ގައި މުޅި ދުނިޔެއިން ދެ މިލިއަން މީހުން މަރުވުން އެކަށީގެންވާ ކަމަށް، ޑަބްލިޔުއެޗުއޯ އިން އިއްޔެ ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެމަޖެންސީ ކަންކަމާ ގުޅޭ އެންމެ އިސް ވެރިޔާ ޑރ. މައިކް ރަޔާން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެ ނަމަ އެ އަދަދު މަތި ވެސް ވެދާނެ ކަމަށެވެ.
ޗައިނާއިން މިދިއަ އަހަރު ބަލި އުފަންވި ފަހުން މިހާތަނަށް ގާތްގަނޑަކަށް މިލިއަނެއްހާ މީހުން މަރުވެއްޖެ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު 32 މިލިއަން ހުރަސްކޮށްފި އެވެ. މީގެ ތެރެއިން 15 މިލިއަން މީހުން ނިސްބަތްވަނީ އެމެރިކާ އާއި ބްރެޒިލް އަދި އިންޑިއާއަށެވެ. އެކަމަކު ޔޫރަޕްގައި ވެސް އަނެއްކާ ކޭސްތައް ގިނަވެ، އެންމެ ފުރަތަމަ އެޅި ހަރުކަށި ފިޔަވަޅުތަކަށް ދާން ޖެހޭ ވަރަށް ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި ލޮކްޑައުން ކުރުން ވެސް ހިމެނެ އެވެ.
އެކަމަކު ޑރ. ރަޔާން ވިދާޅުވީ ލޮކްޑައުންއަކީ އަބަދުވެސް އެންމެ ފަހުން އަޅަން ޖެހޭ ފިޔަވަޅު ކަމަށެވެ. އެހެންކަމުން ޔޫރަޕް މީހުން ފުރަތަމަ ކުރަން ޖެހޭ ސުވާލަކީ، ބަލިން ރައްކާތެރިވުމުގެ އެހެން ފިޔަވަޅުތައް ރަނގަޅަށް އެޅިއްޖެތޯ އެވެ.
"ސެޕްޓެމްބަރު މަހު އަނެއްކާ އަހަރެމެން އެނބުރި ލޮކްޑައުންއަކަށް ދާން ޖެހޭ ކަމަށް ވިސްނުމަކީ ވެސް ވަރަށް ދެރަ ކަމެއް،" ޑރ. ރަޔާން ވިދާޅުވި އެވެ.
ވެކްސިނެއް ލިބުމުގެ ކުރިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށް އަރާފާނެތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވީ "އެއީ ވެދާނެ ކަމެއް" ކަމަށެވެ.
ތަޖުރިބާކާރު ވިދާޅުވި ގޮތުގައި މަރުވާ މީހުންގެ އަދަދު ދަށަށް ދިޔައީ ބައްޔަށް ފަރުވާ ދޭނެ ގޮތްތައް ރަނގަޅު ފެންވަރަކަށް ދިއުމުންނެވެ. އެކަމަކު ފަރުވާ ރަނގަޅުވުމާއި ކާމިޔާބު ވެކްސިނަކީ މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށް އެރިޔަނުދޭން ހުރި ހަމައެކަނި ސަބަބުތައް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ނަންބަރާ ހަމައަށް ނުގޮސް ވާނެ ގޮތް ހަދަން އަހަރެމެން މި ތިބީ ތައްޔާރުވެގެންތަ؟" ޑރ. ރަޔާން ސުވާލުކުރެއްވި އެވެ.
"އެ ހުރިހާ ކަމެއް އަހަރެމެންނަށް ނުކުރެވޭ ނަމަ، ދެ މިލިއަނަކީ ހިޔާލީ އަދަދެއް ނޫން. ހިތާމައާ އެކު ބުނަން ޖެހެނީ އެއީ ހަމަ ވެދާނެ ކަމެކޭ."