29 އޮކްޓޯބަރ 2016 - 15:12

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންއާ ދެމެދު މިހާރު އުފެދިފައިވާ ހަމަނުޖެހުމުގައި ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ރައީސް ޔާމީންގެ ބޭބޭފުޅު އަބްދުﷲ ހަމީދުގެ އާއިލާ ވެސް ދެބައިވެއްޖެ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވާންދެން މިނިސްޓަރުކަން ކުރެއްވި، މަރުހޫމް އަބްދުﷲ ހަމީދުގެ ދަރިކަނބަލުން ހާލާ ހަމީދާއި ދަރިކަލުން ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ މިކޯޅުމުގައި ދެބެންގެ ހިޔާލު ފާޅުކުރައްވައިފަ އެވެ. ޖެނީވާގައި ރާއްޖޭގެ ސަފީރުގެ ގޮތުގައި ހުންނެވި ހާލާ މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، މައުމޫން ހަމީދު ވަނީ އެކަން ދޮގުުކުރައްވައި ރައީސް މައުމޫނު ދިފާއު ކުރައްވަ އެވެ.
ފޭސްބުކް ޕޯސްޓެއްގައި ހާލާ ވިދާޅުވީ ރައީސް މައުމޫން މިހާރު އެ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށްޓަކައި ނޫން ކަމަށާއި އެއީ ބާރަށާއި އަމިއްލަ ނަފުސަށާއި އެމަނިކުފާނުގެ ބޭފުޅުންނަށް ޓައި ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމަށެވެ.
އަދި މައުމޫންގެ ވެރިކަމުގައި ކުރެއްވި މަސައްކަތާއި ގައުމަށް ގެންނެވި ތަރައްގީ އަށް އިހުތިރާމް ލިބިގެންވާ ކަމަށާއި އެކަމަކު ވެރިކަމުގެ މައްޗަށް މައުމޫނުގެ ބާރު މިހާރު ނުހިނގާކަން އެ މަނިކުފާނު ގަބޫލުފުޅު ކުރައްވަން ޖެހޭނެ ކަމަށް ހާލާ ވިދާޅުވި އެވެ.
މިކަން ދޮގު ކުރައްވައި ހާލާގެ ކޮއްކޮ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަރުހޫމް ބައްޕަ (ހަމީދު) ހުންނެވި ގޮތަށް އޭނާ ވެސް ހުންނެވީ ރައީސް މައުމޫނާ އެކުގައި" ކަމަށެވެ.
މީގެ އިތުރުން އޭނާ އަންނަނީ ޕީޕީއެމް މައްސަލައިގައި ރައީސް ޔާމީން އަމަލު ކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެހެންވެ، ގައުމުގެ މިހާރުގެ އެންމެ ބޮޑު މި މައްސަލަ މިވަނީ އާއިލީ ބޮޑު މައްސަލައަކަށް ވެސް ވެފަ އެވެ.
މައުމޫންގެ ސަރުކާރުގައި 18 އަހަރު ވާންދެން މަސައްކަތް ކުރެއްވި ހާލާ ވަނީ މިހާރު ކުރިމަތިވެފައިވާ މި މައްސަލަ އޭނާގެ ކުރީގެ ހަނދާނަކާ ވެސް ގުޅުވާލައްވާފަ އެވެ.
"2005 އަހަރު ރައީސް މައުމޫން އަޅުގަނޑު ހާޒިރު ކުރައްވާފައި ވިދާޅުވި ބައްޕަ (އަބްދުﷲ ހަމީދު) ކެބިނެޓް ވަކިކުރައްވަން ނިންމެވި ވާހަކަ. އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ޒުވާނުންނަށް ފުރުސަތު އެބަ ދޭން ޖެހޭ ކަމަށާއި ބައްޕަ މިހާރު ރިޓަޔާ ކުރައްވާ އުމުރަށް ހިނގައްޖެ ކަމަށް،" ރައީސް މައުމޫން ސަރުކާރުގައި އޭރު އިސް މަގާމެއްގައި ހުންނެވި ހާލާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރައީސް މައުމޫން ވެސް މިހާރު އެ ހުންނެވީ އެ ހާލަތުގައި."
އޭނާ ވިދާޅުވީ މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ޔާމީންއަކީ ތިމާގެ ބޭފުޅެއް ވިޔަސް ނުވަތަ ދުރުހިލޭ މީހަކަށް ވިޔަސް، އެ މަނިކުފާނުގެ ވެރިކަމަށް މައުމޫން އިހްތިރާމް ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި، ބޮޑުބޭބޭފުޅު މައުމޫންގެ ހުރިހާ ބޭފުޅުންނަށް މަތީ މަގާމުތައް ދެއްވާފައިވީ ނަމަވެސް، މައުމޫން އުޅުއްވާ ގޮތުން ސިހުން ލިބިވަޑައިގަންނަވާ ކަމަށް ހާލާ ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑު މައުމޫނާއެކު ހުންނެވި ފަދައިން މިހާރު މި ހުންނެވީ ރައީސް ޔާމީނާއެކު،" ހާލާ ވިދާޅުވި އެވެ.