01 އޮކްޓޯބަރ 2020 - 08:28

ހަމުގެ ކުލަ އަލި ނޫން ކަމަށް ބުނެ ބުނެ ސޯޝަލް މީޑިއާގައި ކިޔާ ފާޑުކިޔުންތަކަށް ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ރައްދު ދީފި އެވެ.
އުމުރުން 20 އަހަރުގެ ސުހާނާގެ ސިފައާ ބެހޭ ގޮތުން ބައެއް މީހުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ކޮމެންޓްތަކެއްގެ ސްކްރީންޝޮޓްތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ އިންޑިއާގައި ހުރި ބޮޑެތި މައްސަލަތުގެ ތެރެއިން އެއް ކަމަކީ ކުލައަލި ދޮން މީހަކަށް ނުވުން ކަމަށްވާ ނަމަ އެ މީހަކަށް ފުރައްސާރަކުރުން ކަމަށެވެ. އެކަމަކު މިކަން ހުއްޓުމަކަށް ގެންނަން ޖެހިފައިވާ ކަމަށް ބުންޏެވެ.
ސުހާނާ ބުނީ އޭނާ ދޮން މީހަކަށް ނުވާތީ ތަކުރާރުކޮށް އެތައް ބަޔަކު އޭނާގެ ސިފަ އަށް މަލާމާތްކޮށް ފުރައްސާރަކުރަމުންދާ ކަމަށެވެ. ސުހާނާ ބުނި ގޮތުގައި އުމުރުން އެންމެ 12 އަހަރުން ފެށިގެން މި ފުރައްސާރައާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި މިކަން ކުރަނީ އަމިއްލަ ގައުމުގެ ރައްޔިތުން ކަމަށާއި މިއީ ވަރަށް ދެރަ ކަމެއް ކަމަށް ބުންޏެވެ.
ސުހާނާ ބުނި ގޮތުގައި މީސްމީހުންގެ ސިފައާ އަޅައިގަނެގެން ސޯޝަލް މީޑިއާގައި ހިތުހުރިހާ އެއްޗެއް ކިޔަނީ އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވޭ ބަލިކަށި މީހުންނެވެ. އަދި ކަޅުވުމަކުން އޭނާ އަށް އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެކަމާ އުފާވާ ކަމަށް ވެސް ބުންޏެވެ. ސުހާނާ ބުނީ އިސްކޮޅުގައި އެންމެ މަދުވެގެން ފަސް ފޫޓް ހަތް އިންޗި ނެތުމާއި ކުލައަލި ނުވުމަކީ ހަޔާތުގެ ބައިވެރިއަކު ވެސް ލިބޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ.
"އަހަންނަކީ އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި ހުރި ކުލަ އަނދިރި މީހެއް. އަދި އެކަމާ އަހަރެމެން ވަރަށް އުފާ ވެސް ކުރަން،" #އެންޑްކަލަރިޒަމް ޖަހާފައި ޕޯސްޓް ނިންމައިލަމުން ސުހާނާ ބުންޏެވެ.
މަތީ ތައުލީމަށް މިހާރު ކިޔަވަމުން އަންނަ ސުހާނާ އަކީ ދެން މާ ގިނަ ދުވަސްތަކެއް ނުކޮށް ބޮލީވުޑަށް ވެސް ނުކުންނާނެ ކަމަށް ބެލެވޭ ކުއްޖެކެވެ. އެކަން އޭނާގެ ބައްޕަ ޝާހްރުކް ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. ސުހާނާ އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާގެ ދެން ތިބެނީ އާރިޔަން ޚާން، 22، އާއި އަބްރަމް، 7، އެވެ.