އާދަމްގެ ގާތިލް ސަމާހު މަރަން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި
އާދަމްގެ ގާތިލް ސަމާހު މަރަން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް މުހައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

އާދަމްގެ ގާތިލް ސަމާހު މަރަން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި
އާދަމްގެ ގާތިލް ސަމާހު މަރަން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ޖުލައި، 2012 ގައި ކ. ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖެނުއަރީ، 2013 ގަ އެވެ. އެ ހުކުމް ސަމާހުުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުގެ މަތިން އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހުށަހެޅީ ދައުލަތުންނެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ އާދަމް ހަލީމަށް ހަމަލާދީ މަރާލި ކަމަށް ސަމާހު ދަށު ކޯޓުގެ ޝަރީއަތުގެ އިއުތިރާފްވުމަށް ފަހު ފަހުން އެކަމަށް އިންކާރުކޮށް އަދި ކުރިން އެކަމަށް އެއްބަސްވީ މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމަށް އޭނާ ބުންޏަސް، އެފަދައިން ބުނާ ބުނުމަށް ބާރު ދޭ ހަރުދަނާ ކަންތައްތަކެއް އޭނާއަށް ދެއްކިފައިނުވާ ކަމަށެވެ. އަދި މަޖުބޫރީ ހާލަތެއް ކަމަށް ބުނެ ސަމާހުގެ ފަރާތުން ފާހަގަކުރި ކަންކަމަކީ އޭނާ ނުކުރާ ކަމަކަށް އެއްބަސްވާންޖެހޭ ފަދަ މަޖުބޫރީ ހާލަތެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

"ސަމާހުުގެ ފަރާތުން ހައި ކޯޓުގައި ފާހަގަކޮށް، ހުށަހެޅި ކަންކަމަކީ އޭނާ ތަހުގީގުގައި ބަންދުގައި ހުންނަން ޖެހުމާއި ތަހުގީގު ކުރެވުނުއިރު މުހައްމަދު ސަމާހުއާ ސުވާލު ކުރެވުމާއި މިފަދަ ކަންތައްތައް ކަމުގައިވާއިރު އެކަމަކީ މުހައްމަދު ސަމާހު ނުކުރާ ކަމެއް ކުރި ކަމަށް ބުނެ ކުށަކަށް އިއުތިރާފްވާން ޖެހޭ ފަދަ މަޖުބޫރީ ހާލަތެއް ކަމުގައި ގަބޫލު ނުކުރެވޭ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފަނޑިޔާރެއްގެ ކުރިމަތީގައި، ޝަރީއަތުގެ މަޖިލީހެއްގައި އެއްވެސް މަޖުބޫރުކަމެއް ނެތި ވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ނޫނީ ނުބެލެވޭނެ އެވެ. އަދި މީހެއްގެ ހައްގެއް އެކުލެވޭ ކަމަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ފިގުހު އިލްމުވެރިން ބަޔާން ކުރައްވާފައިވާ ކަމަށާއި އަދި އެގޮތަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ދަށު ކޯޓުގައި ސަމާހުއަށް ދައުވާ ސާފުކޮށް ބަޔާންކޮށް ދިނުމުން އޭނާ ޖަވާބުދާރީވާނީ އަމިއްލައަށް ކަމަށާއި ވަކީލެއްގެ އެހީ ބޭނުން ނުވާ ކަމަށް ސަމާހު ދަށު ކޯޓުގައި ބުނެފައިވާ ކަމަށާއި އެހެންވެ، ގާނޫނުއަސާސީން ލިބިގެންވާ ހައްގުތައް ސަމާހަށް ދަށު ކޯޓުން ދީފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ސަމާހު މެރުމަށް ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ނުކުރުމަކީ އެ ހުކުމް އޭނާ ވެސް ގަބޫލުކުރާކަމުގެ ހަރުދަނާ ދަލީލެއް ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އާދަމްގެ ހަލީމްގެ ވާރިސުން ބޭނުންވަނީ މަރަން މަރު ހިފަން ކަމަށް އެ މީހުން ބުނެފައި ވާއިރު، އާދަމްގެ ހަލީމްގެ ވާރިސެއްގެ ގޮތުގައި ހުރި ބާލިޣުނުވާ ކުޑަކުއްޖަކު ހުއްޓަސް، ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވަންދެން މަރަށް މަރު ހިފުން ފަސްކުރަން ނުޖެހޭނެ ކަމަށް ސުންނަތް ޖަމާއަތުގެ ހަނަފީ މަޒްހަބާއި މާލިކީ މަޒްހަބުގައި އޮންނަކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެގޮތަށް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސަމާހު މެރުމަށް ކުރި ހުކުމް ރަނގަޅު ކަމަށެވެ.

"މުހައްމަދު ސަމާހު މެރުމަށް ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން." އެ ހުކުމުގައިވެ އެވެ.

ސަމާހު މެރުމަށް ހައި ކޯޓުން ތާއީދު ކުރިޔަސް، އެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރަން ސަމާހަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ މުއްދަތުގައި ސަމާހުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.

އާދަމް ހަލީމަށް ސަމާހު ވަޅިއަކުން ހަމަލާދިނީ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް ނިކުމެ އުޅޭތަން އާދަމް ހަލީމަށް ފެނިގެން އޭނާ ޕޮޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުންނެވެ.