01 އޮކްޓޯބަރ 2020 - 13:49

ހަށިގަނޑުގައި ކޮވިޑް-19 ހުރިކަން 15 މިނެޓުން ދެނެގަނެވޭ ކޮވިޑް-19ގެ އެންޓިޖެން ޓެސްޓުތައް ރާއްޖޭގައި ބޭނުންކުރަން ވަކި ހާއްސަ އުސޫލެއް ހަދާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް މިހާރު ބޭނުންކުރަމުން އަންނަ އެންޓިޖެން ޓެސްޓުތައް ރާއްޖެއަށް ތައާރަފްކުރީ ހޯމަ ދުވަހު މެޑްޓެކް ކުންފުނިންނެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19އަކީ އާ ބައްޔަކަށް ވާއިރު މި ބައްޔަށް ކުރާ ޓެސްޓުތައް ވެސް ކުރަން ޖެހެނީ ބަލައިގެން ކަމަށެވެ. އެގޮތުން ޑަބްލިއު އެޗްއޯއިން ވެސް މިހާރު ވަކި ގައިޑްލައިނެއް ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ މި ޓެސްޓު ކުރަން ފަށާއިރު ޓެސްޓު ކުރާނީ ކިހިނެތްތޯއާ ކޮން ބަޔަކުތޯ ބަލައި އެކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެހެންވެ މިކަމާ ގުޅިގެން ޓެގް ޓީމާއި އެޗްޕީއޭ މަޝްވަރާކޮށް ވަރަށް އަވަހަކަށް އުސޫލެއް ކަނޑައަޅައި ނެރޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެންޓިޖެން ޓެސްޓު ކުރެވޭނެ ވަކި ހާލަތްތަކެއް މި ހުންނަނީ. ޕީސީއާރް ޓެސްޓު ކުރެވޭހެން ކޮންމެ ކޮންމެ މީހެއްގެ ނުކުރެވޭނެ. ޓެސްޓުކޮށްގެން އަދި އޭގެ ވެލިއުއެއް ނާންނާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މެޑްޓެކުން ރާއްޖެއަށް ތައާރަފްކޮށްފައިވާ އެންޓިޖެން ޓެސްޓް ކިޓްތަކަކީ މިހާރު ވެސް އެކި ގައުމުތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ކްރެޑިޓް ކާޑު ސައިޒުގެ ޓެސްޓުގެ ސެންސިޓިވިޓީ އަކީ 97 ޕަސެންޓެވެ. ސްޕެސިފިސިޓީ ނުވަތަ އިންފެކްޝަން ދެނެގަތުމުގެ ޕަސެންޓޭޖަކީ 98.5 ޕަސެންޓް ކަމަށް ކްލިނިކަލް ސްޓަޑީތަކުން ދައްކަ އެވެ.
ލެބޯޓްރީ ތަހުލީލުކުރުމަށް ބޭނުންކުރާ އާލަތްތައް އުފެއްދުމުގައި މަޝްހޫރު އެބޮޓް ލެބޯޓްރީގެ ޕޯޓަބަލް އެންޓިޖެން ޓެސްޓް ކިޓަކީ ނޭސަލް ސްވަބް ބޭނުންކޮށްގެން ޓެސްޓު ހަދާ ކިޓެކެވެ. ކަމާބެހޭ އިދާރާތަކަށް ފަސޭހަވާނެ ގޮތަށް، އެބޮޓުން ވަނީ ޓެސްޓާ ގުޅޭ ހާއްސަ އެޕެއް ތައާރަފްކޮށް ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތް ހަދައިފަ އެވެ.