01 އޮކްޓޯބަރ 2020 - 17:56

ހުޅުމާލެ ދެވަނަ ފޭސްގެ އެންމެ އިރުމަތީ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ ބައެއް ގެތަކުގައި މީހުން ދިރިއުޅެއް ފެށުމާ އެކު އެ ސަރަހައްދަށް ވަދެވޭ ގޮތަށް މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުން ދިރިއުޅެން ފަށާފައި ވަނީ މީހުންނަށް ދޫކޮށްފައިވާ ބައެއް ގޯތިތަކުގައި ކަމަށެވެ. މީހުން އުޅެން ފެށީ އެޗްޑީސީން ދިން ހާއްސަ ހުއްދައެއްގެ ދަށުން ވަކި ސަރަހައްދެއްގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެނީ ފިޔަވަހި އެކެއްގެ ނިރޮޅު މަގާ ގުޅޭ ދިމާލުން ފޭސް ދޭއްގެ މަގުތަކާއި ގޯތިތަކުގަ އެވެ.
އެޗްޑީސީން ބުނީ މިއަދުން ފެށިގެން ދެވަނަ ފިޔަވަހީގެ ވަކި ސަރަހައްދަކަށް އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވައިލައިފައިވާ ކަމަށާއި އެގޮތަށް ހެދީ އެތަނުގައި ދިރިއުޅޭ މީހުންނަށް އެ ތަނަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ކަމަށެވެ.
އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވައިލައިފައި ވަނީ ނިރޮޅުމަގު އެންމެ އިތުމަތީ ބްރިޖުންނެވެ. އެ ބްރިޖު ހުޅުވާލި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަޙައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި، އަރައި ފޭބުން މަނާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ދެވަނަ ފޭސްގެ ބީޗް ސަރަހައްދު ބޭނުންކުރުމުގައި ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދެ ވަނަ ފޭސް އާންމުކޮށް ހުޅުވާލުމާ އެކު މިއަދު ހަވީރު ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ދިޔަ އެވެ. ނަމަވެސް މީހުން އުޅޭ ސަރަހައްދު ނޫން އެހެން ހިސާބުތަކަށް ވެހިކަލްގައި ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 2015 ވަނަ އަހަރު އެވެ. އެތަނުގައި އާންމުންނަށް އަޅާފައިވާ ފްލެޓްތަކުގައި މީހުން އުޅެން ފެށުމަށް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.