02 އޮކްޓޯބަރ 2020 - 23:50

ވޮޝިންޓަން (އޮކްޓޯބަރު 2) - ކޮވިޑް-19 އަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކިބައިން އަދި ފެންނަނީ ބަލީގެ އާދައިގެ އަލާމަތްތައް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ޓްރަމްޕުގެ ޗީފް އޮފް ސްޓާފް މާކް މެޑޯސް ވިދާޅުވީ ރައީސް ހުންނެވީ "ވަރުގަދަ އަޒުމެއްގައި" ކަމަށާއި ވަރަށް އަވަހަށް ބަލިން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ޓްރަމްޕާ އެކު އަނބިކަނބަލުން މެލަނިއާ ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
ވައިޓް ހައުސްގެ އޮފިޝަލުން ބުނެފައި ވަނީ ޓްރަމްޕުގެ ހުރިހާ ކޮންޓެކްޓްސް ދެނެގަނެ ޓެސްޓް ކުރާނެ ކަމަށެވެ. ޓްރަމްޕުގެ އާއިލާގެ އެހެން ބޭފުޅުންގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.
ޓްރަމްޕާއި މެލަނިއާ ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ތިއްބެވީ ކަރަންޓީނުގަ އެވެ. އެމެރިކާގައި އޮންނަ ގޮތުން ޕޮޒިޓިވްވާ މީހުން 10 ދުވަހު ކަރަންޓީނުގައި ތިބެން ޖެހެ އެވެ.
ކޮރޯނާވައިރަހަށް ޓްރަމްޕް ޓެސްޓްކޮށްފައި ވަނީ އެމަނިކުފާނާ އެންމެ އަރިހުން މި ދުވަސްވަރު މަސައްކަތް ކުރައްވާ އެޑްވައިޒަރު ހޯޕް ހިކްސް ޕޮޒިޓިވްވުމާ ގުޅިގެންނެެވެ. އޮހާޔާގައި އަންގާރަ ދުވަހު ބޭއްވި ރިޔާސީ ބަހުސް އަށް ވެސް 31 އަހަރުގެ ހިކްސް ވަނީ ޓްރަމްޕް އަރިހު އެއާފޯސް ވަންގައި ދަތުރު ކުރައްވައިފަ އެވެ. ބަހުސްގައި ޓްރަމްޕުގެ އާއިލާގެ ބައެއް މެންބަރުން ވެސް ތިއްބެވީ މާސްކް ނާޅުއްވައިފަ އެވެ. ބަހުސްގައި ޓްރަމްޕާ ގާތްގަނޑަކަށް 10 ފޫޓް ދުރުގައި ހުންނެވި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ.
ޓްރަމްޕް ޕޮޒިޓިވްވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ގާތްގަނޑަކަށް 32 ވަނިކޮށެވެ. އަދި ކެމްޕޭނުގެ ފޯރި އެންމެ ގަދަ ދުވަސްވަރު އެވެ. ޓްރަމްޕް ޕޮޒިޓިވްވިއިރު މި މަހު 15 ގައި ވަނީ ދެ ވަނަ ރިޔާސީ ބަހުސް މިއާމީގައި ބާއްވަން ޝެޑިއުލްކޮށްފަ އެވެ. ބަހުސްގެ ތާރީޚަށް ގެންނާނެ ބަދަލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އުމުރުން 74 އަހަރުގެ ޓްރަމްޕް ހިމެނެނީ ހައި-ރިސްކް ކެޓަގަރީގަ އެވެ. އިސްކޮޅުގައި ހަ ފޫޓް ތިން އިންޗި ހުންނަ ޓްރަމްޕުގެ ބަރުދަނީ 111 ކިލޯ އެވެ. ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަކީ 30.5 އެވެ.