27 ނޮވެމްބަރ 2016 - 12:39

ސްކޫލްތަކަކީ ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ތަނަކަށް ވީ ހިނދު، މި ބުރަ މަސްއޫލިއްޔަތު އަދާކުރާ ޓީޗަރުންނާއި ސްކޫލްގެ އެހެނިހެން ފަރާތްތަކާ އެކު ގާތް ގުޅުމެއް އޮންނަން ޖެހޭ އެންމެ ޚާއްސަ ބަޔަކީ ބެލެނިވެރިންނެވެ. ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ބަދަހި ވުމުން ދަރިވަރުންނަށް ނުހަނު ގިނަގުނަ ފައިދާތައް ކުރެއެވެ. މިގޮތުން ދަރިވަރުންގެ ކިޔެވުމަށާއި ޢިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބެ އެވެ. ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނަމަ ދަރިވަރުން އުފާވެރިކަމާއި ޝައުގުވެރިކަމާ އެކު ޤަވައިދުން ސްކޫލަށް ހާޒިރުވާން މަގު ފަހިވެ އެވެ. މީގެ އިތުރުން ސްކޫލާ ދޭތެރޭ ދެކޭ ގޮތް ރަނގަޅުވެ، ސްކޫލުގެ ލަނޑުދަޑިތައް ހާސިލުކުރަން ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާ އެހީތެރިކަން ބޮޑުވެގެން ދެ އެވެ.
ދަރިވަރުންނާ ބެހޭ ގޮތުން އެންމެ ފުރިހަމަ މަޢުލޫމާތު އެނގޭނެ ފަރާތަކީ ބެލެނިވެރިންނެވެ. އެހެންކަމުން ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް ހިއްސާ ކުރަން ޖެހޭ މަޢުލޫމާތުތައް ދެނެގަތުމަށް ދެ ފަރާތުގެ ގުޅުން ހަރުދަނާ ކުރަން ޖެހެ އެވެ. މި ގުޅުން އެންމެ ފުރިހަމަ ގޮތުގައި ބަދަހިވެގެން ނޫނީ ދަރިވަރަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް ސްކޫލުގައި ނުވަތަ ކްލާސް ތެރޭގައި ކިޔަވައިދިނުމާއި އެހެނިހެން ހަރަކާތްތައް ކުރިޔަށް ގެންދަން ހުރަސްތަކާ ދިމާވާނެ އެވެ.
ދަރިވަރަކު ސްކޫލަށް އަންނަން ފެށުމާ އެކު އެއީ ކުރަން ޖެހޭ ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުންނަކީ ކިޔެވުމުގައި ކާމިޔާބު ބަޔަކަށް ހަދަން ސްކޫލުގެ ތަފާތު ހަރަކާތްތަކުގައި ބެލެނިވެރިން ޝާމިލުވެ، އެހީތެރިކަން ފޯރުކޮށްދޭން ސްކޫލުން މަރުޙަބާ ކިޔާނެ އެވެ.
އެގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންތައް ހިއްސާކޮށްލާނަމެވެ.
- ދަރިވަރުންގެ ތަފާތު ޕްރޮޖެކްޓްތަކުގައި އެހީތެރިވުން
- ގޭގައި ކުރަން ހަވާލުކުރާ މަސައްކަތްތަކުގައި އެހީތެރިވުން
- ސްކޫލް ނުވަތަ ކްލާސްރޫމް ތެރެ ކިޔަވައިދިނުމާ ގުޅުން ހުރި ނުވަތަ ކިޔަވަން ފަހި މާހައުލަކަށް ހަދަން އެހީތެރިކަން ފޯރުކޮށް ދިނުން
މީގެ އިތުރުން ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން ވެސް ބެލެނިވެރިންގެ އެހީތެރިކަން މުހިންމެވެ. ސްކޫލް ނިމިގެން ދަރިފުޅު ގެއަށް ދިޔުމުން ސްކޫލްގެ ކަންތައްތައް އޮޅުންފިލުވަން ދަރިވަރުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލެވިދާނެ އެވެ. ސްކޫލުގައި ކުރާ މަސައްކަތްތައް ޝައުގުވެރިކަމާ އެކު ބެލެނިވެރިން ބަލަމުންދާ ނަމަ ސްކޫލްގެ ވާހަކަތައް ދަރިވަރުން ހިއްސާ ކުރާނީ ޖެހިލުމެއް ނެތި އެވެ. އަދި ދަރިވަރު ހިތްހަމަޖެހޭ ނުވަތަ ދަރިވަރަށް އުފާވެރިކަން ގެނެސްދޭ ފަދަ ޢިބާރާތްތައް ފޮތްތަކުގައި މުދައްރިސުން ލިޔެ، ބެޖެއް ފަދަ އެއްޗެއް ޖަހާފައި ނަމަ އެ އުފަލުގައި ބައިވެރިވާކަން ހާމަކޮށްދިނުމުމަކީ ދަރިވަރުން ރަނގަޅަށް މަސައްކަތް ކުރަން އެޅޭނެ ބާރެކެވެ. ބެލެނިވެރިން ކޮންމެ ދުވަހަކު ވެސް ދަރިވަރުންގެ ފޮތްތައް ބަލަމުން ދާ ނަމަ ސްކޫލުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން އެ ކުދިން ގަދައަޅާ މަސައްކަތް ކުރާނެ އެވެ. އަދި މުދައްރިސުން ދަރިވަރުންގެ ފޮތްތައް ބަލާ މިންވަރު ވެސް އެނގޭނެ އެވެ.
ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނަމަ ބެލެނިވެރިންގެ ބައްދަލުވުންތަކަށް ބަރާބަރަށް ހާޒިރުވާ މަންޒަރު ފެންނާނެ އެވެ. ވަކިވަކި ޓީޗަރުންނާ ބައްދަލުކޮށްލަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފަސްނުޖެހޭ ނަމަ ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤުގެ ކަންކަމުގައި ސްކޫލާ މަޝްވަރާކޮށް އެންމެ ފައިދާކުރަނިވި ގޮތަކަށް ކަންކަން ނިންމަން ތައްޔާރަށް ތިބިކަން ސްކޫލަށް ކަށަވަރުވާނެ އެވެ.
އާންމު ގޮތެއްގައި ސެކަންޑަރީ ގްރޭޑްތަކުގެ ބެލެނިވެރިންނަށް ވުރެ ޕްރައިމަރީ ގްރޭޑްތަކުގެ ބެލެނިވެރިން ސްކޫލް ކަންކަމުގައި ބައިވެރިވެގެން އުޅޭ މިންވަރު ބޮޑުކަން ފާހަގަކުރެވެ އެވެ. ނަމަވެސް ދަރިވަރު ކޮންމެ ގްރޭޑެއްގައި އުޅުނަސް ދަރިވަރުންގެ ކަންކަމުގައި ބެލެނިވެރިންނަށް ސްކޫލަށް އާދެވިދާނެ އެވެ. ވަކިން ޚާއްސަކޮށް ޤަވައިދުން ދަރިވަރުން ސްކޫލަށް ގެނެސް، ނިމޭ ގަޑީގައި ބެލެނިވެރިން ކުދިން ބަލާ ދާ ނަމަ އެކުދިން އެކަނި މަގުމަތީގައި އުޅުމުގެ ފުރުސަތު ކުޑަވާނެ އެވެ.
ބެލެނިވެރިންނާ ސްކޫލާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރަން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާއިން އިސް ދައުރެއް އަދާކުރެވިދާނެ އެވެ. ބެލެނިވެރިންނާއި މުދައްރިސުންގެ ޚިޔާލުތަކާ މަޝްވަރާތަކުން ނިންމާ ނިންމުންތައް ދަރިވަރުންނަށް ފައިދާކުރަނިވި ގޮތަކަށް ބައްޓަން ކުރެވި، ދެ ފަރާތުގެ ދެމެދުގައި އޮންނަ އިތުބާރު ބޮޑުވާނެ އެވެ. ހިތްހަމަޖެހި، އުފާވެރިކަމާ އެކު ސްކޫލުގެ ކަންކަމުގައި ބައިވެރިވެވޭނެ އެވެ.
މުސްތަޤުބަލުގައި ގައުމުގެ އިސް މަގާމުތަކުގައި ޚިދުމަތް ކުރަން ތިބޭނީ މިހާރުގެ ދަރިވަރުންނެވެ. އެހެންކަމުން އެ ކުދިންނަށް ދޭ ތަޢުލީމާއި ތަރުބިއްޔަތު، ބެލެނިވެރިންނާއި ސްކޫލުން ހަމަހަމައަށް ބައިވެރިވެގެން ނޫނީ ނުދެވޭނެ އެވެ. މުދައްރިސުންނާއި ސްކޫލުގެ ރަނގަޅު ވާހަކަ ދަރިވަރުންނަށް އަޑުއިވޭ ހިސާބުގައި ދައްކާ ނަމަ ސްކޫލާއި މުދައްރިސުން ދެކެ ދަރިވަރުން ވާ ލޯބި ބޮޑުވާނެ އެވެ. ހިތްހަމަނުޖެހުމެއް އުޅޭ ނަމަ ނުވަތަ އިތުރަށް މަޢުލޫމާތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި ސީދާ ސްކޫލުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ހައްލެއް ހޯދުން ބުއްދިވެރި އެވެ. މިއާ ޚިލާފަށް ހީވާ ހީވުންތަކަށް ރިޢާއަތްކޮށް، ކަމާ ނުބެހޭ މީހުންނާ އެކު އެފަދަ ވާހަކަތައް ދައްކާ ނަމަ މައްސަލައަށް ހައްލެއް ނުހޯދި އިތުރަށް މައްސަލަތައް ވާނީ ބޮޑެވެ.
ހުރިހާ ބެލެނިވެރިންގެ އަމާޒަކަށް ވާން ޖެހޭނީ ސްކޫލާ ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވުމެވެ. ސްކޫލުގެ ޤަވައިދުތަކަށް ހުރުމަތްތެރިކޮށްހިތާ، ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤު ރަނގަޅުކުރަން ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވުމެވެ. އޭރުން މުޖުތަމަޢުން ފެންނަ ނުރަގަނޅު ކަންތައްތަކުގައި ޝާމިލްވާ ކުދިންގެ އަދަދު މަދުވެގެން ދާނެކަން ޔަޤީނެވެ.
ނާޒުލީން އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ އެއް ސްކޫލް ކަމަށްވާ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލެވެ.