30 އޮކްޓޯބަރ 2016 - 12:00

ލަންޑަން (އޮކްޓޯބަރު 30) - އާސެނަލަށް ކުޅޭ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ އަށް ކުރިމަތިކުރުވާ ފާޑުކިއުންތަކަށް އޭނާ ޖަވާބު ދެނީ ގޯލު ޖަހައިގެން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް މޮޅުކޮށްދިނުމުގައި ޖިރޫގެ ދައުރު ބޮޑެވެ. މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ޖިރޫ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެއީ މިދިޔަ ސީޒަނުގެ ފަހު މެޗުގައި ލަނޑު ޖެހި ފަހުން ޖިރޫ ލީގުގައި ލަނޑު ޖެހި ފުރަތަމަ މެޗެވެ.
އަނިޔާގެ ސަބަބުން މި ސީޒަނުގައި އާސެނަލް ކުޅުނު ގިނަ މެޗުތަކުން ޖިރޫ ނުފެނެ އެވެ. އަނިޔާއިން ރަނގަޅުވި ނަމަވެސް އާސެނަލްގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދަން ޖިރޫ އަށް ވަނީ އުނދަގޫވެފަ އެވެ.
"ޖިރޫ އަކީ ފާޑުކިއުންތަކާ ކުރިމަތިލާން ކެރޭ ޕްރޮފެޝަނަލެއް. ފްރާންސް ގައުމީ ޓީމާއި އާސެނަލުގައި ވެސް އޭނާ އަށް އަބަދުވެސް ފާޑުކިޔައި. އެކަމަކު އެ ފާޑުކިއުންތަކަށް ސީދާ ރައްދެއް ނުދީ އޭނާ އެކަމަށް ޖަވާބުދެނީ ގޯލު ޖަހައި ޓީމު މޮޅުކޮށްދީގެން،" ރޭ ސަންޑަލެންޑް އަތުން 4-1 އިން މޮޅުވި މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުންޏެވެ.
ވެންގާ ބުނީ އުމުރުން 30 އަހަރުގެ ޖިރޫ އަކީ މި ފަހަރުގެ ލީގަށް އާސެނަލުން ވާދަކުރާއިރު އެ ޓީމަށް ބޭނުންތެރި ކުޅުންތެރިޔެއް ކަމަށާއި މިދިޔަ ދެ ސީޒަނުގައި ވެސް އެ ޓީމުގެ އެޓޭކްގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ޖިރޫ ހިމެނޭ ކަމަށެވެ.
އާސެނަލުން އެންމެ ފަހުން ލީގު ހޯދީ 2004 ވަނަ އަހަރު އެވެ. އެ ޓީމު މިދިޔަ ސީޒަން ނިންމާލީ ލީގުގެ ދެ ވަނައިގަ އެވެ.