06 އޮކްޓޯބަރ 2020 - 08:02

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ އޮންނަ ގައުމުގެ މަގާމު ޖަޕާނަށް އަހަރުތަކެއް ފަހުން ގެއްލި، އެ މަގާމު މުޅިން އަލަށް ނިއު ޒީލެންޑަށް ލިބިއްޖެ އެވެ.
އދ. ގައި ހިމެނޭ 193 ގައުމުގެ ޕާސްޕޯޓް ދަރަޖަކޮށްގެން ޕާސްޕޯޓް އިންޑެކްސް ރޭންކްގެ އެންމެ މަތިން ނިއު ޒީލެންޑް ޖާގަ ހޯދީ އެ ގައުމުގެ ޕާސްޕޯޓަށް ވޯލްޑް އޮޕެންނެސް ސްކޯ (ޑަބްލިއުއޯއެސް) އިން 129 ގެ މާކްސް ލިބިގެންނެވެ. ގައުމުތަކުގެ ޕާސްޕޯޓް ދަރަޖަކުރަނީ ދަތުރުފަތުރުކުރާ އިރު ހިލޭ ވިސާ ލިބުމާއި ގައުމުތަކަށް ދަތުރުކުރާ އިރު އޮން އެރައިވަލް ވިސާ ފަސޭހަ އިން ލިބުން ފަދަ ކަންކަމަށް ބަލައިފަ އެވެ. ނިއު ޒީލެންޑް ޕާސްޕޯޓަކީ 86 ގައުމަކުން ހިލޭ ވިސާ ލިބޭ އަދި އޮން އެރައިވަލް ވިސާ 43 ގައުމަކުން ލިބޭ ޕާސްޕޯޓެކެވެ.
ޕާސްޕޯޓްގެ އިންޑެކްސްގެ އެންމެ މަތިން ނިއު ޒީލެންޑް ޖާގަ ހޯދި އިރު އެ ގައުމާ އެންމެ ގާތުން 128 ގެ ސްކޯއާއަކާ އެކު ދެވަނަ އިން ޖާގަ ހޯދި ގައުމުތަކަކީ ޖަރުމަނާއި އޮސްޓްރިއާ އާއި ލަގްޒެމްބާގާއި ސްވިޓްޒަލެންޑާއި އަޔަލެންޑާއި ދެކުނު ކޮރެއާ އާއި ޖަޕާންގެ އިތުރުން އޮސްޓްރޭލިއާ އެވެ.
ތިން ވަނައިގައި ހިމެނޭ ގައުމުތަކަކީ ސްވިޑްން، ބެލްޖިއަމް، ފްރާންސް، ފިންލޭންޑް، އިޓަލީ އަދި ސްޕެއިނެވެ. ހަތަރު ވަނައިގައި ހިމެނޭ ގައުމުތަކަކީ ނެދަލެންޑްސް އާއި ޑެންމާކާއި ޕޯޗްގަލާއި ލިތުއޭނިއާ އާއި ނޯވޭ އާއި އައިސްލެންޑާއި އަދި ކެނެޑާ އެވެ.
ލިސްޓްގެ ގަދަ 10 ގައި ވެސް އެމެރިކާ ލައްވާނުލި އިިރު، އެ ގައުމު އޮތީ މެލޭޝިއާއާ އެކު ލިސްޓްގެ 21 ވަނައިގަ އެވެ. މެލޭޝިއާ ޕާސްޕޯޓަކީ 52 ގައުމަކަށް ހިލޭ ވިސާ އާއި 40 މަންޒިލަކަށް އޮން އެރައިވަލް ވިސޭ ލިބޭ ޕާސްޕޯޓެކެވެ.
ޕާސްޕޯޓް ދަރަޖަކޮށް ޕާސްޕޯޓް އިންޑެކްސް އިން ނެރުނު ލިސްޓްގެ އެންމެ ފުލުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި 31 ގެ ސްކޯއެއް ލިބުނު އަފްޢާނިސްތާނާއި އިރާގް ހިމެނެ އެވެ. އެ ގައުމުތަކަށް ވުރެ ތަންކޮޅެއް ކުރީގައި އުޅޭ ގައުމުތަކުގެ ތެރޭގައި ސީރިއާ (34)، ސޯމާލިއާ (35) އަދި ޔަމަން (36) ހިމެނެ އެވެ. މި ގައުމުތައް ފާހަގަކުރެވެނީ ދާހިލީ ހަމަނުޖެހުންތައް ވެސް ބޮޑު، ޓޫރިސްޓުންގެ މެދުގައި މަގުބޫލުކަން ވެސް ކުޑަ ގައުމުތަކުގެ ގޮތުގަ އެވެ.
ޕާސްޕޯޓް އިންޑެކްސް އިން ބުނި ގޮތުގައި މި އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ދަތުރުފަތުރަށް ބޮޑެތި ހުސްތަކެއް އެޅިފައިވެ އެވެ. އަދި މިކަމާ ހުރެ ގައުމުތައް ހުރީ "ބަންދުވެފައި" ކަމަށް ބުންޏެވެ.