ފުރަތަމަ ޑިވިޝަނުގެ ޓީމުތައް ޕްރެކްޓިސް ފަށަން ހުއްދަދީފި
ފުރަތަމަ ޑިވިޝަނުގެ ޓީމުތައް ޕްރެކްޓިސް ފަށަން ހުއްދަދީފި

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ޕްރެކްޓިސްތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް ހުއްދަދީފި އެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމުތައް ޕްރެކްޓިސް ފަށަން ހުއްދަދީފި
ފުރަތަމަ ޑިވިޝަނުގެ ޓީމުތައް ޕްރެކްޓިސް ފަށަން ހުއްދަދީފި

ޕްރެކްޓިސްތައް ފަށަން ހުއްދަދިނުމާ ބެހޭގޮތުން މިއަދު ހެނދުނު ބޭއްވި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ އިތުރުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި އެފްއޭއެމް އަދި ޕޮލިހެވެ.

ބައްދަލުވުމާ ބެހޭގޮތުން ޖަވާ "މިހާރަ"ށް ވިދާޅުވީ ހުއްދަދީފައިވަނީ ގައިޑްލައިންތަކެއްގެ ތެރެއިން ކަމަށާއި އެކަންކަން ކުރިއަށްދާ ގޮތް އެޗްޕީއޭ އާއި ފުލުހުން ވެސް ބަލާނެ ކަމަށެވެ.

"ހުއްދަ ލިބިފައިވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ޕްރެކްޓިސް އަށް އެކަނި. ދެން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ގައިޑްލައިންތަކާ ބެހޭގޮތުން. އެ ހުރިހާ ކަމެއް ކުރިއަށްދާ ގޮތް އެޗްޕީއޭ އިން ވެސް ބަލާގޮތަށް ޕްރެކްޓިސްތައް ފަށަން ހުއްދަ ލިބިފައި މިއޮތީ،" ޖަވާ ވިދާޅުވި އެވެ.

ހުއްދަ ލިބުނުހާ އަވަހަކަށް ޕްރެކްޓިސް ފަށަން ތައްޔާރަށް އޮތް ކަމަށް ގިނަ ކްލަބްތަކެއްގެ އޮފިޝަލުން ވަނީ "މިހާރު" އަށް ބުނެފަ އެވެ. މި މަހު ޕްރެކްޓިސް ފެށިއްޖެނަމަ އެފްއޭއެމުން ކަނޑައަޅާފައިވާ ތާރީހުގައި ފުޓްބޯޅަ ސީޒަން ވެސް ފަސޭހަތަކެއް ވެގެންދާނެ އެވެ. އެފްއޭއެމުން ރާވާފައި އޮތީ އަންނަ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށާށެވެ. ޕްރެކްޓިސްތައް މި މަހު ފަށައިގެން ކަންތައްތައް ރަނގަޅަށް ދާނަމަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުމުގެ ފުރުސަތު ބޮޑެވެ.

އެޗްޕީއޭ އިން ދިން ލުއިތަކާ އެއްގޮތަށް މިދިޔަ ޖުލައި މަހު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށި އެވެ. އެކަމަކު އޮގަސްޓް މަހުގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވާން ފެށުމުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ޖެހުނެވެ.

އެހެން ނަމަވެސް އޭއެފްސީ ކަޕުގައި ވާދަކުރާ ގޮތަށް އޮތް މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ގައުމީ ޓީމުގެ ޕްރެކްޓިސް ބާއްވަން އެޗްޕީއޭ އިން ހުއްދަ ދިނެވެ. މާޒިޔާ އިން ޕްރެކްޓިސް ވެސް ފެށި ފަހުން އޭއެފްސީން ވަނީ މުބާރާތް ކެންސަލްކޮށްފަ އެވެ. އެއީ ކޮވިޑާ ހެދި އޭއެފްސީ ކަޕްގެ ހުރިހާ ގްރޫޕެއްގެ މެޗުތަކެއް ބޭއްވޭނެ ގޮތެއް ނުފެނުމުންނެވެ.

އޭއެފްސީން މުބާރާތް ކެންސަލްކުރުމުން މާޒިޔާ އިން ވެސް ޕްރެކްޓިސް ހުއްޓާލީ ދެން ލޯކަލް ސީޒަނަށް ފަރިތަކުރުންތައް ފަށަން ހުއްދަ ލިބުމާ އެކީ ކުރިއަށްދާ ގޮތަށެވެ. އެކަމަކު ފަހުން ލޯކަލް ސީޒަނަށް ޕްރެކްޓިސް ފަށަން އެޗްޕީއޭގެ ހުއްދަ ލިބުމުގައި ދަތިތަކެއް ދިމާވާތީ ފުޓްބޯޅައިގެ ފަރާތްތަކުގެ ހިތްހަމަނުޖެހުނެވެ. އަދި ފުޓްބޯޅައިގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ދިއުމަށް ފުރަތަމަ ޑިވިޝަން ކޯޗުންތަކެއް މަސައްކަތް ފެށި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19ގެ ބަލީގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ލުއިތައް ދޭން ވިސްނަނީ މަޑުމަޑުން ކަމަށާއި ފުޓްބޯޅަ ފަދަ ކޮންޓެކްޓް ސްޕޯޓްސް އަކަށް ހުއްދަދިނުމުގައި ރިސްކުތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ހާލަތަށް ބެލުމަށް ފަހު ހުއްދަތައް ދެމުން ގެންދާނެ ކަމަށް ވިދާވި އެވެ. މިއަދު އެފްއޭއެމާ އެކު ބޭއްވި ބައްދަލުވުމުގައި ޑރ ނަޒްލާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހުއްދަ ދިނުމާ އެކު ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން އަންނަނީ ޕްރެކްޓިސް ފަށާނެ އިރެއް ކަނޑައެޅުމުގައި މަޝްވަރާކުރަމުންނެވެ. އެގޮތުން ލަސްވެގެން ހުރިހާ ޓީމަކުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ލަސްވެގެން ފަރިތަކުރުންތައް ފަށާނެ އެވެ. މި އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.