09 އޮކްޓޯބަރ 2020 - 07:35

ބައެއް ގައުމުތަކުގައި ޕޮލިމާ ނޫޓް ގެންގުޅޭތާ އަހަރުތަކެއް ފަހުން، ޕޮލިމާ ނޫޓް ބޭނުންކުރާ އަރަބި ފުރަތަމަ ގައުމަކަށް ސައޫދީ އަރަބިއްޔާ ވެއްޖެ އެވެ.
އެ ގައުމުގައި އެންމެ ފުރަތަމަ ޕޮލިމާ އަށް ބަދަލުކޮށްފައި ވަނީ ފަސް ރިޔާލުގެ ނޫޓެވެ. ސައޫދީގެ މަރުކަޒީ ބޭންކް ސައޫދީ އަރަބިއަން މަނީޓަރީ އެޖެންސީ (ސަމާ) އިން ބުނީ އާ ޕޮލިމާ ނޫޓް ބޭނުންކުރަން ފެށި ނަމަވެސް ކުރީގެ ނޫޓް އަދިވެސް މުއާމަލާތްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ.
އިގުތިސާދުގެ ތެރޭގައި ބާ ނޫޓް ދައުރުވަމުން ގޮސް، އެ ނޫޓްތައް ހުސްވުމުން ދެން އެއްކޮށް ބޭނުންކުރާނީ ޕޮލިމާ ނޫޓް ކަމަށް ވަނީ ބުނެފަ އެވެ.
ސައޫދީގައި ޕޮލިމާގެ ފަސް ރިޔާލުގެ ނޫޓުން ޕޮލިމާ އަށް ފައިސާ ބަދަލުކުރަން ފެށި ނަމަވެސް، ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަތް އޮތް ތަނުގައި ހުރިހާ ނޫޓެއް ޕޮލިމާ އަށް ބަދަލުކުރާނެ އެވެ.
ސަމާ އިން ބުނި ގޮތުގައި ޕޮލިމާ ނޫޓަކީ ބޭނުންކުރަން މާ ރައްކާތެރި އަދި ހަލާކު ނުވެ، ގިނަ ދުވަހަށް ބޭނުންކުރެވޭނެ އެއްޗަކަށްވެފައި، އެއީ ފޯޖްކުރަން ވެސް އުނދަގޫ އެއްޗަކަށް ވާނެ އެވެ. އެގޮތުން ފަސް ރިޔާލްގެ ނޫޓަކީ ރައްކާތެރިކަމުގެ އެންމެ މަތީ ފިޔަވަޅުތަކާއި ސިފަތަކާ އެކު ޗާޕްކޮށްފައިވާ ނޫޓް ކަމަށް ބުންޏެވެ.
ސައޫދީން ޕޮލިމާ ނޫޓަށް ހިޖުރަކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި އެ ގައުމަކީ އާންމުކޮށް ހޫނު ގަދަ ގައުމަކަށްވުމުން، ކަރުދާސް ނޫޓަކީ ގެންގުޅުމުގެ ތެރޭގައި ތެތްވެ، ހަލާކުވުން ފަސޭހަ އެއްޗަކަށްވުން ހިމެނެ އެވެ. އަދި ޕޮލިމާ ނޫޓަކީ ސާފުކުރަން ފަސޭހަ އެއްޗަކަށްވުމުން މިއީ ސިއްހީ ގޮތުން ވެސް ރައްކާތެރި އެއްޗަކަށް ވާނެ ކަމަށް ބުންޏެވެ.