ޓޫރިޒަމް ރަނގަޅުވެ، 24،000 އަށް ވުރެ ގިނަ އެނދު އޮޕަރޭޓު ކުރަން ފަށައިފި
ޓޫރިޒަމް ރަނގަޅުވެ، 24،000 އަށް ވުރެ ގިނަ އެނދު އޮޕަރޭޓު ކުރަން ފަށައިފި

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވި ފަހުން 24،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޓު ކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގޭ ޓޫރިޒަމްގެ އެންމެ ފަހުގެ މައުލޫމާތުތައް ހިމަނައި މިއަދު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އަލުން ހުޅުވި ފަހުން މިހާތަނަށް 223 ޓޫރިސްޓު އެސްޓެބްލިޝްމަންޓު ހުޅުވާފައިވާ ކަމަށާއި ޓޫރިސްޓު ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ސަފާރީތައް ހިމެނޭހެން މިހާތަނަށް 24،000 އަށް ވުރެ ގިނަ އެނދު އޮޕަރޭޓު ކުރަން ފަށާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، ރިސޯޓުތައް ޓޫރިސްޓުންނަށް ހުޅުވާފައިވާއިރު، މި މަހު 15 ގައި ލޯކަލް ޓޫރިޒަމަށް ރަށް ރަށް ވެސް ހުޅުވައިލާނެ އެވެ. އެކަމަށް ހާއްސަ ގައިޑްލައިނެއް ހަދާނެ ކަމަށާއި އޭގެ ތެރޭގައި ގެސްޓު ހައުސް އިން ދިއުމުގެ 72 ގަޑިއިރުގެ ކުރުން ޕީސީއާރު ޓެސްޓް ހެދުން ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ އަލުން ބޯޑަރު ހުޅުވި ފަހުން ރާއްޖޭގެ ޓޫރިޒަމް ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ލޯކަލް ޓޫރިޒަމަށް ހުޅުވައިލުމުން ޓޫރިޒަމް އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި، ފުރަތަމަ މަހުގެ ތެރޭގައި އައީ އެންމެ 1،752 ޓޫރިސްޓުންނެވެ. ނަމަވެސް މި އަދަދު އިތުރުވެ މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ބޯޑަރު އަލުން ހުޅުވުމާ އެކު، ފުރަތަމަ ދުވަސްކޮޅު 37 ރިސޯޓު ހުޅުވި ނަމަވެސް މި އަހަރު ނިމެންވާއިރަށް 80 ޕަސަންޓު ރިސޯޓުތައް ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ލަފާކޮށްފައި ވެ އެވެ. ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާ އާއި ޔޫއޭއީންނެވެ.

ކޮވިޑަށް ފަހު، ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގެންފައިވާއިރު، އެކި ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ވަރުގަދަ ކެމްޕެއިންތަކެއް ކުރިއަށް ގެންދަން އެމްއެމްޕީއާރުސީން ވަނީ ނިންމައިފަ އެވެ.