09 އޮކްޓޯބަރ 2020 - 15:33

މިޝިގަން (އޮކްޓޯބަރު 9) - އެމެރިކާގެ މިޝިގަން ސްޓޭޓުގެ ޑިމޮކްރެޓިކް ގަވަރުނަރު ގްރެޗެން ވިޓްމާ ވަގަށް ނަގަން ރޭވި ރޭވުމުން ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

އޮފިޝަލުން ބުނީ ވިޓްމާ ވަގަށް ނަގަން ރާވަމުން ދިޔައީ ހަ މީހުންގެ ގްރޫޕަކުން ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން މިޝިގަންގައި އެޅި ހަރުކަށި ފިޔަވަޅުތަކާ މެދު ވިޓްމާ އަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ. ވިޓްމާ އެޅުއްވި ބައެއް ފިޔަވަޅުތައް ކޯޓުން ވެސް ވަނީ ބާތިލްކޮށްފަ އެވެ.
އެފްބީއައިގެ ލިޔުންތަކުން އެނގޭ ގޮތުގައި ގަވަރުނަރު ކިޑްނެޕް ކުރަން ރޭވި މީހުން މަސައްކަތްކޮށްފައި ވަނީ މިޝިގަންގެ ސަރުކާރު ބަދަލު ކުރުމަށެވެ. ހަ މީހުންގެ ރޭވުމުން ފަޅާ އަރުވާލާފައި ވަނީ އެފްބީއައިގެ އަންޑަކަވާ އެޖެންޓެކެވެ.
ގަވަރުނަރު ވަގަށް ނެގުމުގެ ރޭވުން ރާވަމުން ދިޔައީ އިމާރާތެއްގެ ބިންގަރާހުގަ އެވެ. އެ މީހުންގެ ބައްދަލުވުންތަކަށް ވެސް ދަނީ ފޯނުތައް އެހެން ތަނެއްގައި ބަހައްޓައިފަ އެވެ. އެއީ ބައްދަލުވުމުގެ ރޭވުންތައް ރެކޯޑްކޮށްފާނެތީ އެވެ. ނަމަވެސް އެފްބީއައިގެ އެޖެންޓް ވަނީ އެހެން ޑިވައިސްއެއް ބޭނުންކޮށްގެން ރެކޯޑްކޮށްފަ އެވެ.
ގަވަރުނަރު ވަގަށް ނަގަން އުޅުމުގެ ތުހުމަތުގައި 13 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ގްރޫޕުން ރާވަފައި ވަނީ 200 ފިރިހެނުން ހަމަކޮށް ސްޓޭޓުގެ ސަރުކާރުގެ އޮފީސްތައް ހިފައި މުވައްޒަފުން ރަހީން ކުރުމަށެވެ. އޭގެ ތެރޭގައި ގަވަރުނަރު ވެސް ހިމެނެ އެވެ. އެ މީހުން ރާވަފައި ވަނީ ނޮވެމްބަރު މަހުގެ އިންތިޚާބުގެ ކުރިން އެކަން ކާމިޔާބު ކުރުމަށެވެ. އެ ޕްލޭން ނާކާމިޔާބުވެއްޖެ ނަމަ ދެން ރާވާފައި ވަނީ ގަވަރުނަރުގެ ގެއަށް ހަމަލާ ދިނުމަށެވެ.
އެފްބީއައި އިން ބުނެފައި ވަނީ ގަވަރުނަރު ރަހީން ކުރަން އުޅުނު ގްރޫޕުން ވަނީ އެކި ސްޓޭޓްތަކުގައި ތަމްރީނުތައް ބާއްވާފައި ކަމަށެވެ. އަދި އެ މީހުން ވަނީ ބޮން އުފައްދަން މަސައްކަތްކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ގަވަރުނަރު ވިޓްމާ ވިދާޅުވީ މިޝިގަންގައި ހަމަނުޖެހުންތަކަށް ހިތްވަރު ލިބިފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަބަބުން ކަމަށެވެ. މިދިޔަ އެޕްރީލް މަހު ޓްރަމްޕް ވަނީ މިޝިގަންގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން "މިޝިގަން މިނިވަންކުރުމަށް ގޮވާލައި" ޓްވީޓެއް ކުރައްވައިފަ އެވެ. އޭގެ މަސް ދުވަސް ފަހުން ވަނީ ލޮކްޑައުންއާ ދެކޮޅު ބަޔަކު ޕާލަމެންޓް އިމާރާތަށް ވަދެގެންފަ އެވެ.
މިޝިގަންގެ އެޓާނީ ޖެނެރަލް ވިދާޅުވީ މެއި މަހު ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ދެ މީހަކު ވަނީ ގަވަރުނަރު ރަހީން ކުރަން ރޭވި ގްރޫޕުގައި ހިމެނިފައި ކަމަށެވެ.