13 އޮކްޓޯބަރ 2020 - 11:32

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ރީޖަނަލް އޯގަނައިޒޭޝަނެއް ކަމަށްވާ ޔޫރަޕިއަން އިންސްޓިޓިއުޓް ފޮ އެކްސްޕޯޓް ކޮމްޕްލައިއަންސް (އެއިފެކް) ގެ އޮފީހެއް ރާއްޖޭގައި ހުޅުވައި އެތަނުގެ އޮޕަރޭޝަންތައް ރާއްޖޭގައި ރަސްމީކޮށް ފަށައިފި އެވެ.
އީޔޫގެ ހެޑް އޮފީހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެއިފެކްގެ އޮޕަރޭޝަންތައް ރާއްޖޭގައި ރަސްމީކޮށް ފެށީ އީޔޫގެ ބައިނަލްއަގްވާމީ ހިދުމަތްތައް ރާއްޖޭން ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން ކަމަށެވެ. އެއިފެކްގެ އޮފީސް ހުންނަނީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. މާރަމްގަ އެވެ.
އެއިފެކް އިން މި ދުވަސްވަރު މަސައްކަތްކުރަމުން އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް އެތަނުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާއްޖޭގައި ތަންފީޒުކުރުމަށެވެ. "ވެކްސިނޭޓް ޔޯ ބިޒްނަސް" ގެ ނަމުގައި ފަށާފައިވާ އިނިޝިއޭޓިވް އަމާޒުކޮށްފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ މަގްސަދަކީ އެއިފެކް އިން އެކުލަވާލާފައިވާ "އިމަޖަންސީ އިންޓަނޭޝަނަލް ސްޓޭންޑާޑް" ސީރީޒްގައި ހިމެނޭ މައިގަނޑު ދެ ސްޓޭންޑަޑާ އެއްގޮތަށް ވިޔަފާރިތަކުން އަމަލުކުރުމާއި އެކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމެވެ. އޭގައި ހިމެނެނީ ވިޔަފާރިތަކަށް ހާއްސަ ސްޓޭންޑަޑަކާއި ތަންތަން ސާފުކޮށް، ސެނިޓައިޒްކުރުގެ މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ސްޓޭންޑާޑެކެެވެ.
މީގައި ބައިވެރިވުމުން، އެ ތަނަކުން ކޮވިޑުން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކަކީ އެއިފެކް ގަބޫލުކުރާ ފިޔަވަޅުތަކެއްކަން އޮންލައިންކޮށް ބަލައިލެވޭނެ އެވެ. މިހެން ކަންތައް ކުރުމުން ބޭރުން އަންނަ ޓޫރިސްޓުންނާއި ޔޫރަޕްގެ ވިޔަފާރިތަށް ރާއްޖެއާ ދެމެދު ކުރާ އިތުބާރުު ބޮޑުވާނެ އެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދަނީ ޔުނިވާސިޓީ އޮފް ޓުރިން (ޔުނީޓޯ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެންނެވެ. އެ ދެ ޔުނިވާސިޓީއާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އައިފެކް އިން ވަނީ ކޮމްޕްލައަންސް އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.