ކިޔެވުން ފުރިހަމަކުރަން ޒަކާތު ފަންޑުގެ އެހީއަށް ހުޅުވާލައިފި
ކިޔެވުން ފުރިހަމަކުރަން ޒަކާތު ފަންޑުގެ އެހީއަށް ހުޅުވާލައިފި

މާލީ ދަތިތަކާ ހެދި ކޯސް ކުރިއަށްގެންދިއުމުގައި ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުގެ ހާއްސަ އެހީއަށް މިއަދު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށްގެންދަން ދަތިވެފައިވާ ދަރިވަރުންނާއި ކިޔަވަމުން އައި ކޯސް މެދުކެނޑިފައިވާ ދަރިވަރުން އަދި ގްރެޖުއޭޓް ނުވެވިފައި ތިބި ދަރިވަރުންނަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެހީއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ފޯމު، މިނިސްޓްރީގެ ކައުންޓަރުން އަދި islamicaffairs.gov.mv އިން ވެސް ޑައުންލޯޑުކުރެވޭނެ އެވެ. އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ކައުންޓަރު ނުވަތަ[email protected]އަށް މެއިލްކުރަން ވަނީ އެދިފަ އެވެ.

އިއުލާނުގައި ބުނީ އެހީއަށް އެދޭއިރު، އިސްލާމި ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ ދަރިވަރަކަށް ވުމާއި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް ފަހަކުން ފެށިގެން ލެވެލް 10 އާ ހަމައަށް ކިޔަވަމުން އަންނަ ދަރިވަރަކަށް ވާންޖެހޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އަމިއްލަ ޕްރީ ސްކޫލުތަކާއި ގުރުއާން ކްލާސް އަދި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ވެސް ޒަކާތު ފަންޑުން ވަނީ އެހީދޭން ނިންމައިފަ އެވެ.