30 އޮކްޓޯބަރ 2016 - 19:30

ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގަތުމަށް ކުރި ހަރަދާ ގުޅިގެން އެމްޓީސީސީގެ މިދިޔަ ކުއާޓަރުގެ ސާފު ފައިދާ ދަށްވެއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 14.5 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 29.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީން އާއްމުކުރި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު އެ ކުންފުނިން 74 މަޝްރޫއުއެއް ހިންގަމުން ގެންދިޔަ އެވެ. އަދި ދެވަނަ ކުއާޓަރެކޭ އެއްވަރަށް މާލީ ހާލަތު ހިފެހެއްޓިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި 17.7 މިލިއަން ރުފިޔާ ކެޕިޓަލް އެސެޓް ނުވަތަ ތަކެތި ހޯދުމަށް ވަނީ އިންވެސްޓްކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުނިން 296.8 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި އެ ކުންފުނިން ވިޔަފާރި އަށް ކުރި ހަރަދުތައް ކެނޑުމަށް ފަހު 55.2 މިލިއަން ރުފިޔާ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.