19 އޮކްޓޯބަރ 2020 - 21:03

ތ. ވޭމަންޑޫ ރައްޔިތުން ދަތުރުދާން ތައްޔާރުކުރި ހާއްސަ ސަރަހައްދު އިއްޔެ ހުޅުވައިފި އެވެ.

މި މަސައްކަތުގައި އިސްވެ ހަރަކާތްތެރިވީ، އެ ރަށުގައި އޮންނަ "ވޭމަންޑޫ ބަނޑު" ގްރޫޕުގެ ފިރިހެނުންނެވެ. އެ ގްރޫޕުން "މިހާރު" އަށް ވާހަކަ ދެއްކި އަރީފް އާދަމް ބުނީ މި މަސައްކަތަށް 200،000 ރުފިޔާ ހޭދަކުރި ކަމަށެވެ.

"ޕިކްނިކް އޭރިއާ ހަދަން އަޅުގަނޑުމެންނަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ލިބުނު 50،000 ރުފިޔާ. ދެން ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ހެޔޮ އެދޭ އެހެން މީހުން އެހީވެދިން،" އަރީފް ބުންޏެވެ.

ކައްކާނެ ބަދިގެއަކާއި ބާބަކިއު ސަރަހައްދަކާ އެކު ތައްޔާރުކޮށްފައިވާ މި ޕިކްނިކް އޭރިއާ ހަދާފައި ވަނީ ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ކަމުދާނެ ގޮތަށެވެ. ކުޑަކުދިންނަށް ހާއްސަ ފުޓްބޯޅަ ދަނޑެއް ހަދާފައިވާ އިރު ވޮލީ ކުޅޭނެ ސަރަހައްދެއް ވެސް ހަމަޖައްސާފައިވެ އެވެ.
"ދަތުރު ގޮސް އުޅޭ އިރު ނަމާދު ވެސް ކުރެވޭ ގޮތަށް، ހާއްސަ ނަމާދު ކޮޓަރިއެއް ވެސް އެ ސަރަހައްދުގައި ހަދާފައި ހުންނާނީ،" އޭނާ ބުންޏެވެ.
ޕިކްނިކް އޭރިއާ އާންމުންނަށް ރަސްމީކޮށް ހުޅުވީ އިއްޔެ އެވެ. އެ ތަން ރީތިކުރަން ކޮށްފައިވާ މަސައްކަތަށް އާންމުންގެ ތަރުހީބު ލިބުނު ކަމަށް އަރީފް ބުންޏެވެ.
ޕިކްނިކް އޭރިއާ ތައްޔާރުކޮށްފައި ވަނީ ދަތުރުދާ މީހުންނަށް ފަސޭހަ އިން އަވިން ރައްކާތެރި ވެވޭނެ ގޮތަށް ކުޑަ ވެސް ޖަހައިގެންނެވެ. އަދި ފިނި އަށިތަކާއި ޖޯއްޔާއި އުނދޯލި ވެސް އެ ސަރަހައްދުގައި ބަހައްޓާފައިވެ އެވެ.
"އަޅުގަނޑުމެން ހެދިން ވަކަރުން ފާލަމެއް. އޭގައި ވޭމަންޑޫގެ ނަން ޖަހާފައި ހުންނާނީ. އާންމުކޮށް ރަށްރަށުގައި ނަން ޖަހާފައި ހުންނާނީ އުނދޯއްޔެއް މަތީ، އަޅުގަނޑުމެން ބޭނުންވީ ތަފާތުކޮށްލަން،" އަރީފް ބުންޏެވެ.
މި ތަން ތައްޔާރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖޫން މަހެވެ.