20 އޮކްޓޯބަރ 2020 - 13:07

ލަންޑަން (އޮކްޓޯބަރު 20) - ކޮވިޑް-19 އިން ރަނގަޅުވެގެން ހޮސްޕިޓަލުްނ ދޫކޮށްލާތާ މަސްތަކެއް ފަހުން ވެސް އެ ބަލީގެ އަލާމާތްތައް ފެނިދާނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީން ބުނެފި އެވެ.
އިނގިރޭސި ވިލާތުގައި ހެދި ދިރާސާއަކާ ހަވާލާދީ އޮކްސްފޯޑުން ބުނެފައި ވަނީ ކޮވިޑް ޖެހި ރަނގަޅުވެފައިވާތާ ދޭއް ނުވަތަ ތިން މަސް ފަހުން ވެސް ނޭވާ ކުރުވުމާއި ވަރުބަލިވުމާއި އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ކަންކަން ދިމާވެދާނެ ކަމަށެވެ.
"މި ހޯދުންތަކުގެ އަލީގައި، ކޮވިޑް-19 އާ ގުޅޭ ފިޒިއޮލޮޖިކަލް ޕްރޮސެސް އިތުރަށް ބަލާ ހޯދަން ޖެހޭ،" އޮކްސްފޯޑުގެ ޑިޕާޓްމަންޓް އޮފް މެޑިސިންގެ ޑޮކްޓަރު ބެޓީ ރަމަން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް އިންސްޓްޓިއުޓް ފޯ ހެލްތު ރިސާޗް އިން މިދިޔަ ހަފުތާގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ޖެހުމަށް ފަހު، ދެން ފެނިގެންދާ "ލޯންގް ކޮވިޑް" ގައި ހަށިގަނޑާއި ސިކުނޑީގެ ހުރިހާ ބައިތަކަކުން ވެސް އަލާމާތްތައް ފެނިދާނެ ކަމަށެވެ.
އޮކްސްފޯޑުގެ ދިރާސާ އިން ދައްކާފައި ވަނީ، އެ ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރޭން ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ 64 ޕަސެންޓް މީހުންގެ ނޭވާކުރުވެ 55 ޕަސެންޓް މީހުން ވަރުބަލިވާ ކަމަށެވެ. އެމްއާރްއައި ސްކޭނުން ދައްކާފައިވާ ގޮތުގައި 60 ޕަސެންޓް މީހުންގެ ފުއްޕާ މެއަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފަ އެވެ. އަދި 29 ޕަސެންޓް މީހުންގެ ކިޑްނީ އަށް ގެއްލުން ލިބި، 26 ޕަސެންޓް މީހުންގެ ހިތަށް ގެއްލުން ލިބިފައިވާ އިރު 10 ޕަސެންޓް މީހުންގެ ލިވަ އަށް ވަނީ ގެއްލުން ލިބިފަ އެވެ.