21 އޮކްޓޯބަރ 2020 - 08:19

ބުދަ ދުވަހާ ގުޅޭ
އެކަމަކު ނަޝްފާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. އެ ވަގުތު މިހާދަށް ފޯނެއް އައިސްގެން މިހާދު ދުރަށް ޖެހިލިއެވެ.
"މަ ވެސް ދާނަން." ނަޝްފާ ބުންޏެވެ.
"އެކަމަކު ޓެސްޓު މިހާ ކައިރިވެފަ އޮއްވާ ދަރިފުޅަކަށް ނުދެވޭނެއްނު!" ވިސްނައިދޭ ކަހަލަ ރާގެއްގައި ރިފާ ބުންޏެވެ. "ދަރިފުޅު މަޑުކުރޭ މާމަ ކައިރީގަ. ބައްޕަޔާ އެއްކޮށް މަންމަ ދާނަން. މިހާދު ވެސް ދާނެހެން ހީވަނީ."
"އެހެންވެޔޭ އަހަރެން ބިރުގަންނަނީ." ނަޝްފާ މަޑުމަޑުން ބުނެލިއެވެ.
ރިފާ ބަލައިލީ ނަޝްފާ ބުނި އެއްޗެއް ނުވިސްނިގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. އެ ދަނޑިވަޅަކީ އެ ފަދަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަން ނަޝްފާއަށް އެނގެއެވެ. އެހެންނަމަވެސް، އެ ވާހަކަ ނުބުނެވުނީތީ ފަހުން ހިތާމަކުރާކަށް ނަޝްފާ ބޭނުމެއް ނޫނެވެ.
"އަހަރެން މި ހުންނަނީ އަދި އިހަށް މި ވާހަކަ ނުދައްކަން،" ނަޝްފާ ބުންޏެވެ. "މިއަދު އަހަރެންގެ ފްރެންޑެއް ގުޅާފަ ބުނި އޭނަ ދެކުނީމޯ މިހާދު ހޮސްޕިޓަލުން ނުކުންނަނިކޮށް. މި އޮތީ އޭނަ ފޮނުވި ފޮޓޯ!"
ނަޝްފާ ދެއްކީ މިހާދުގެ ފުރަގަހުން ނެގިފައިވާ ފޮޓޯއެކެވެ.
"އޭނައަށް އެނގޭ މަންމަ މެރީކޮށްގެން އުޅެނީ މިހާދާކަން،" ނަޝްފާ އިތުރަށް ކިޔައިދިނެވެ. "އެހެންވެ މިހާދު ފެނުނީމަ އޭނަ ފޮޓޯ ނެގީ. އެކަމަކު މިއަދު އަހަންނަށް ފޮޓޯ ފޮނުވީ. މި ފޮޓޯ ނަގާފަ މި އޮތީ ބައްޕަ އެކްސިޑެންޓުވި ދުވަހު. ގާތްގަނޑަކަށް ހަމަ އެ ވަގުތު. ބަލާބަލަ މިހާދު ލައިގެން ހުރި ގަމީސް. މަންމައަކަށް މި ކަމެއް ނޭނގޭ؟"
ރިފާއަށް ވެސް އެ ކަހަލަ ޝައްކެއް ވިއެވެ. އެކަމަކު މިހާދު އެ ކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ރިފާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނަސް ނަޝްފާ ވިސްނަނީ ރިފާ ވިސްނާހެނެއް ނޫނެވެ.
"ދަރިފުޅާ! މިހާދު ކީއްކުރަން އެ ކަހަލަ ކަމެއް ކުރަންވީ؟" ރިފާ މަޑުމަޑުން ބުންޏެވެ. "އެ ދުވަހު އޭނަގެ ސައިކަލު ކައްސާލައިގެން ވެއްޓުނީ. އޭނަ ބުނި އެ ވާހަކަ. ބައްޕައަށް ކަމެއް ކުރަން މިހާދު ބޭނުމިއްޔާ ކީއްކުރަން ބައްޕަ ބަލާ ބޯޓެއް އެ އަންނަނީ؟"
"އެކްސިޑެންޓު ކޮށްލައިގެން ކުރަން ބޭނުންވި ކަންތައް ނުވީމަ އެ ކަން ނިންމާލަން،" އެއްވެސް ޖެހިލުމެއް ނެތި ނަޝްފާ ބުންޏެވެ. "އެ ކަހަލަ ކަންކަން ކޮށްލަން މާލެއަށް ވުރެ އިންޑިޔާ މާ ފަސޭހަވާނެ. ޑޮކްޓަރުން ވެސް ގަނެލެވޭނެ. ފޯ އެގްޒާންޕަލް! ކީއްވެ އިންޑިޔާ ނޫން ތާކަށް ނުގެންދަނީ. ސިންގަޕޯރ ވެސް އެ އޮތީ. އެ ތާނގެ ސާރވިސް މާ ރަނގަޅު ވެސް ވާނެ."
ދުރުވީމަ!" ރިފާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ. "ޑޮކްޓަރު ބުނި ލަސްވާ ވަރަކަށް ނުރައްކާ ހައްތަހާ ބޮޑޭ ވާނީ! އެހެން ނޫނަސް ދަރިފުޅު ވިސްނާލަބަލަ! މިހާދު ކައިރިން ވަރިވާން މަންމަ ނިންމީ ޒާހިރު ބުނެގެނެއް ނޫނޭ! ދަރިފުޅު ބުނެގެން ނިންމީ! ޒާހިރަށް ކަމެއް ވިޔަސް ނުވިޔަސް ދަރިފުޅޭ ފަހު ބަސް ބުނާ މީހަކީ. ޒާހިރު ހުއްޓަސް ނެތަސް މަންމަގެ ނިންމުން ބަދަލެއް ނުވާނެއްނު! މިހާދަކީ މީހުން މަރާ މީހެއް ނަމަ ދަރިފުޅެއްނު.."
މިހާދު އައުމުން ރިފާގެ ވާހަކަ މެދުކެނޑުނެވެ.
"އެ ކޮޅުން ހުރިހާ ކަމެއް ހަމަޖެހިފަ އޮންނާނީ،" މިހާދު ބުންޏެވެ. "ހުރުމާ، ކެއުމާ، މެޑިކަލް ހުރިހާ ކަމެއް ހަމަޖެހިފަ އޮންނާނީ. އެ ކޮޅަށް ދާއިރު އެ ކޮޅުގަ ތިބޭނެ މީހުން ރެޑީގަ. މި ކޮޅުން ވެސް ދާނެ މީހެއް. ބޭނުންވާ ކަމެއް ރިފާ ހަމަ އެކަނި ބުނެލަން ޖެހޭނީ. ހުރިހާ ކަމެއް ހަމަޖެހޭނެ. ނަޝްފާ ބޭނުމިއްޔާ ނަޝްފާއަށް ވެސް ދެވޭނެ."
ނަޝްފާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ރިފާ ވާހަކަދެއްކިއެވެ.
"އޭނަ ހުންނާނީ މި ކޮޅުގަ. މިހާދު ނުދާނަންތަ؟" ރިފާ ސުވާލުކުރިއެވެ.
ނަޝްފާއަށް ހީވީ ނަޝްފާއަށް ވުރެ މިހާދު އިސްކުރީހެންނެވެ. ނަޝްފާ ގާތުގައި ނުދާން ބުނެފައި މިހާދު ގެންދަން އުޅޭތީއެވެ. މިހާދު ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ.
"ރިފާ ބޭނުންތަ އަހަރެން ދާން؟" މިހާދު އެހިއެވެ.
ނަޝްފާ ބޭނުންވަނީ މިހާދު ނުދާށެވެ. އެކަމަކު ރިފާގެ ނަޒަރުގައި މިހާދު އިންޑިޔާއަށް ދިޔަސް ނުދިޔަސް މިހާދު ބޭނުން ކަމެއް ކުރެވޭނެއެވެ. މިހާދަކީ ނުފޫޒު ގަދަ ވިޔަފާރިވެރިޔެކެވެ. ކަމެއް ކުރާކަށް މިހާދު އެ ތާކު ހުންނާކަށް ނުޖެހެއެވެ.
"އަހަރެން ބޭނުމެއް ނޫން ކަލޭ ދާކަށް،" އިނގެރޭސި ބަހުން ނަޝްފާ ބުންޏެވެ. "ކަލެއަކަށް އަހަރެން އިތުބާރެއް ނުކުރަން."
ރިފާގެ މޫނުމަތީގައި ހީވީ އެތިފަހަރެއް ޖެހިހެންނެވެ. އެކަމަކު ނަޝްފާގެ ނިންމުމާ ދެކޮޅުހަދާކަށް ރިފާ ބޭނުމެއް ނޫނެވެ. ހާއްސަކޮށް މިހާދުގެ ކުރިމަތީގައެވެ. ދެކޮޅުހަދައިފި ނަމަ މިހާދަށް އެ ދެވުނީ ނުބައި މެސެޖެކެވެ. ނަޝްފާ ނުކުރަން ބުނާ ކަމެއް ރިފާއަށް ކުރެވެންޏާ، ކުރަން ބުނާ ކަމެއް ނުކުރުމުގެ ހިތްވަރު ރިފާއަށް ނުލިބެންވީ ސަބަބެއް ނެތެވެ. މިހާދު ކައިރިން ރިފާ ވަރިވާކަށް ނުޖެހޭނެއެވެ.
"އޯކޭ!" މިހާދު ވަރަށް ހަމަޖެހިލައިފައި އެއްބަސްވިއެވެ. "ޕެކްކުރަން ދާންވާނެއްނު! ޒާހިރުގެ އެއްޗެހި ވެސް ގެންދަންވާނެ! ނަޝްފާ މި ކޮޅުގަ ބަހައްޓާފަ ދަމާ!"
ރިފާ ހުރީ މިހާދާ ވަކިން ބައްދަލުކުރަން ބޭނުންވެފައެވެ. އެ ކަމަކަށް ހުރަހެއް ނެތެވެ. މިހާދަކީ ރިފާގެ ފިރިމީހާއެވެ. ވީމާ، އެ ފުރުސަތުގެ ބޭނުން ރިފާ ހިފިއެވެ. ކާރުގައި ގެއާ ދިމާއަށް ދަތުރުކުރަމުން ދިޔަ އިރު، މިހާދާއި ރިފާގެ ދެމެދަށް ވެރިވެފައި ވަނީ އަޖައިބެއް ކަހަލަ ހަމަހިމޭންކަމެކެވެ. ދެ މީހުން ވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެނަސް ދުނިޔޭގެ ކެހިވެރި އުސޫލުތަކުގެ ބޯ ފަރުދާއެއް ދެމެދަށް ހުރަސްއަޅައިފައިވާ ކަހަލައެވެ.
"ސޮރީ!" ރިފާ ބޭނުންވީ ހަމަހިމޭންކަން ނައްތައިލާށެވެ. "ނަޝްފާ ނުވާނެ މިހާދާ އެހެން ވާހަކަދައްކައިގެނެއް."
"ފުރުމުގެ ކުރިން ކޯޓަށް ގޮސް ވަރީގެ ކަންތައް ހަމަޖެއްސިދާނެ!" މިހާދު ދެއްކީ މުޅިން އެހެން ވާހަކައެކެވެ. "ރިފާ ބޭނުމިއްޔާ!"
ރަނގަޅު ވެގެން ގޮސް ވެސް ހައްދެއް އޮންނަން ވާނެއެވެ. ރިފާގެ ނަޒަރުގައި، މިހާދުގެ ރަނގަޅުކަން ހައްދު ފަހަނައަޅައި ހިނގައްޖެއެވެ. ރިފާ ވިސްނީ އެންމެ ކަމަކަށެވެ. މިހާދާއި ރިފާޔާ ދެމެދު އޮތް ގުޅުމަށެވެ. ވަރިވެއްޖެ ނަމަ މިހާދަކީ ދުރުހިލޭ މީހަކަށް ވީއެވެ. ދެން ޒާހިރު ކުރިމަތިކުރާނެ ސުވާލުތަކާއި، ކުރާނެ ޝަކުވާތަކަށް ރިފާއަކަށް ޖަވާބެއް ނުދެވޭނެއެވެ. ރިފާގެ ބޮލުގައި އަޅުވާ ތުހުމަތުތަކަކުން ވެސް ރިފާއަކަށް ސަލާމަތެއް ނުވެވޭނެއެވެ. އިނދެގެން އުޅޭހާ ދުވަހަކު ރިފާއަކީ މިހާދުގެ އަނބިމީހާއެވެ. ޒާހިރުގެ އެތައް ސުވާލަކަށް ރިފާއަށް އެ ޖަވާބު ދެވޭނެއެވެ.
"ފޮއްޓަށް އެއްޗެހި އަޅާފަ ވަގުތު އޮވެއްޖެއްޔާ!" ރިފާ ޖަވާބުދިނެވެ. "މިހާދު ބޭނުމީ މިހާރު ވަރިކުރަންތަ؟"
"އަހަރެން ބޭނުމީ ދުވަހަކު ވެސް ރިފާ ވަރިނުކުރަން،" މަގަށް ބަލަހައްޓައިގެން އިން މިހާދު ބުންޏެވެ. "އެކަމަކު ބޭނުންހާ ކަމެއް ވޭތަ؟ ހުރިހާ ދުއާއެއް އިޖާބަ ކުރައްވާތަ؟ ލޯތްބަކީ އެންމެނަށް ލިބޭ އެއްޗެއް ނޫނޭ. ބައެއް ފަހަރު އަހަންނަށް ހީވޭ އަދިވެސް ކުރަންވާ ވަރަށް އަހަންނަށް މަސައްކަތް ނުކުރެވެނީއޭ. އަދި އެއް ފަހަރު ނަޝްފާޔާ ވާހަކަދައްކާލަންތަ؟ ފަހަރެއްގަ އޭނަ އެއްބަސްވެދާނެއްނު!"
ރިފާގެ ތުންފަތަށް ވެރިވި ހިނިތުންވުމާ އެކުއެކީގައި ކަހަލަ ގޮތަކަށް ލޮލަށް ކަރުނަ ވެސް ޖަމާވާން ފެށިއެވެ. އެއީ މިހާދާ ބައްދަލުވީތީ ލިބުނު އުފަލާއި ވަކިވާން ޖެހޭތީ ލިބޭ ހިތާމައެވެ. ހަޔާތުގެ ބާކީ ބައި މިހާދާ އެކުގައި ވެއަތުކޮށްފައި، އަލުން ދުނިޔެއަށް އަންނަން ރިފާއަށް ފުރުސަތު ލިބުނަސް ރިފާ ބޭނުމީ މިހާދާ ބައްދަލުވި ހިސާބުން ދިރިއުޅުން ފަށާށެވެ. ހަޔާތަކީ ޑައިރީއެއް ނަމަ ނުވަތަ ލޯބީގެ ވާހަކައަކަށް ވި ނަމަ، މިހާދާ ބައްދަލުވި ހިސާބަކީ ރިފާއަށް އެންމެ ހިތްގައިމު ބާބެވެ. އެންމެ ނަލަ ސަފުހާތަކެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ރިފާ ކިޔަން ބޭނުންވާ ލަފުޒުތައް ހުރި ޖުމުލަތަކެވެ. ހިތާމައަކީ، އެ ވާހަކަ ފުރިހަމަ ނުވި ކަމެވެ.
"އޭނަ އެއްބަހެއް ނުވާނެ!" ރިފާ މަޑުމަޑުން ބުންޏެވެ. "ކުރިން ވެސް އަހަރެން ބުނީމެއްނު! އަހަރެން ބޭނުމެއް ނޫން މިހާދު އާދޭސްކުރާކަށް. މީހެއް ދެކެ ލޯބިވުމަކީ ކުށެއް ނޫނޭ މިހާދު! އަހަރެން އެތައް ފަހަރަކު މިހެން ބުނެފިން. އަދިވެސް ބުނާނަން. އަހަންނަކަށް ނޭނގެ އަހަރެން ދެކެ މިހާދު ތިހާ ލޯބިވަނީ ކީއްވެގެން ކަމެއް. ބުނެދީފާނަންތަ؟ މިހާދު ތިހާ ގަޔާވާ ކޮން ސިފައެއްތަ އަހަރެންގެ ހުރީ؟"
މިހާދު ހިނިތުންވެލައިފައި ރިފާއަށް ބަލައިލިއެވެ. ލޮލަށް ވެރިވެފައިވާ ކަރުނައިގެ ތެރެއިން މިހާދަށް ރިފާ ފެނުނީ ފުސްކޮށެވެ. ކަރުނައިގެ ކަނޑެއް ތެރެއަށް ރިފާ ގެނބެމުންދާ ކަހަލައެވެ.
"އަހަންނަށް އެނގުނު ދުވަހަކުން ބުނާނަން،" މިހާދު ބުންޏެވެ. "އަހަރެން ވެސް އެތައް ފަހަރަކު ބުނި ވާހަކައެއް އަލުން ބުނެލަންތަ؟ އަހަރެން މަތިން ހަނދާންނައްތާ ނުލައްޗޭ!"
ރިފާ ބޭނުންވީ އަޑުގެ ކޮޅަށް ރޮއިގަންނާށެވެ. މިހާދުގެ ކޮނޑުގައި ބޯއަޅާލައިގެން އެތައް އިރަކު ރޯށެވެ. ރޮއިރޮއިފައި ބުނާށެވެ. ރިފާ ބޭނުން ވިޔަސް ރިފާއަކަށް މިހާދު ހަނދާންނައްތައެއް ނުލެވޭނެއެވެ. އެކަމަކު އެ ވާހަކަދައްކާކަށް ވަގުތެއް ނެތެވެ. ބޭނުންވި ވަރަކަށް ފޮށި ތައްޔާރެއް ވެސް ނުކުރެވުނެވެ. ތެޅެމުން ފޮޅެމުން ރިފާ ހުޅުލެއަށް އައި އިރު ބޯޓު ޖައްސަނީއެވެ. އެއާރ އެމްބިއުލާންސްގެ ގޮތުގައި އައީ ކުޑަ ޖެޓެކެވެ. އެއީ އެ ހިދުމަތް ދޭ ބޯޓުތަކުގެ ތެރެއިން އެއްވަނަ ދަރަޖައިގެ ބޯޓެކެވެ. ޑަކުޓަރުންނާ ނަރުހުން ތިއްބެވެ. ކުދި އޮޕަރޭޝަން ކުރެވޭ ވަރަށް ސާމާނު ހުއްޓެވެ. އެއީ އޭގެ ޒާތުގައި ފުރިހަމަ ހޮސްޕިޓަލެކެވެ. ބޯޓު މަޑުކުރިތާ ގިނަ އިރެއް ނުވެ ރިފާމެން ބޯޓަށް އެރިއެވެ. ވައިކަފައިފައި ދިޔަ މަތިންދާބޯޓު ޖައްވު ތެރެއަށް އުދުހިގަތެވެ. މާލޭގެ ސިޓްރޯން ރެސްޓޯރަންޓުގެ މޫދު ކައިރީގައި ހުރި މޭޒެއް ކައިރީގައި އިން މިހާދަށް އެ މަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ. އެ ދަތުރުގައި މިހާދު ބައިވެރި ނުވީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ދުރާލައި މިހާދު ރާވައިލި ރޭވުމެކެވެ.
"ސޮރީ ރިފާ!" ހިތާހިތުން މިހާދު ބުނެލިއެވެ. "ވަރަށް ބޮޑަށް ސޮރީ!"
ނުނިމޭ