އެމެރިކާގެ އިންތިޚާބުގެ ވޯޓާސް ލިސްޓް އީރާނަށް!
އެމެރިކާގެ އިންތިޚާބުގެ ވޯޓާސް ލިސްޓް އީރާނަށް!

ވޮޝިންޓަން (އޮކްޓޯބަރު 22) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންނާ ބެހޭ މައުލޫމާތު އީރާނަށާއި ރަޝިޔާ އަށް ލިބިފައިވާ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

ގައުމީ ސަލާމަތާ ބެހޭ އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީގެ ވޯޓުލާ މީހުންނަށް ފޮނުވި ބިރުދެއްކުމުގެ އީމެއިލްތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށެވެ. އެ އީމެއިލްތައް ފޮނުވާފައި ވަނީ ކަނާތު ފިޔައިގެ ޓްރަމްޕަށް ތާއީދުކުރާ ގްރޫޕަކުން ކަމަށާއި އެ މީހުންގެ ބޭނުމަކީ "ހަމަނުޖެހުން އުފެއްދުން" ކަމަށް ނޭޝަނަލް އިންޓަލިޖެންސް ޑިރެކްޓަރު ޖޯން ރެކްލިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ވޯޓާސް ލިސްޓާ ބެހޭ މައުލޫމާތު އީރާނާއި ރަޝިޔާ އިން ހޯދާފައިވާކަމުގެ މައުލޫމާތު އެމެރިކާގެ ބައެއް އޮފިޝަލުންނަށް ލިބިފައިވާ ކަމަށެވެ.

ވޯޓާސް ލިސްޓާ ބެހޭ މައުލޫމާތު އީރާނާއި ރަޝިޔާ އަށް ލިބިފައިވާކަން ހާމަކޮށްފައި މި ވަނީ އިންތިޚާބަށް 13 ދުވަހަށްވެފައި ވަނިކޮށެވެ. އަދި ބޭރުގެ ފަރާތްތަކުން އިންތިޚާބަށް ނުފޫޒް ފޯރުވަފާނެކަމުގެ ކަންބޮޑުވުން އެމެރިކާ ސަރުކާރުން ފާޅުކޮށްފައި ވަނިކޮށެވެ.

ރެކްލިފް ވިދާޅުވީ ވޯޓުލާ މީހުންގެ ޑޭޓާ ބޭނުންކޮށްގެން، ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ދޮގު މައުލޫމާތު ފޮނުވައި ގަޑުބަޑުކޮށް އަދި އެމެރިކާގެ ޑިމޮކްރެސީ އަށް އޮތް އިތުބާރު ގެއްލުވާލަފާނެ ކަމަށެވެ.

ބައެއް ސްޓޭޓްތަކުގައި ވޯޓުލާ މީހުންގެ ޑޭޓާ އަކީ އެކަމަށް އެދި ހުށަހެޅުމުން ލިބޭ އެއްޗެކެވެ. ނަމަވެސް އެ މައުލޫމާތު ހޯދަން އެދި ހުށަހެޅޭނީ ވަކި ބަޔަކަށެވެ.

އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވްރޭ ވިދާޅުވީ އިންތިޚާބު ސިސްޓަމަކީ ރައްކާތެރި އަދި އިތުބާރު ބޮޑު އެއްޗެއް ކަމަށާއި އެއްވެސް ބަޔަކަށް އެ ސިސްޓަމާ ނުކުޅެވޭނެ ކަމަށެވެ.

ވޯޓާސް ލިސްޓާ ބެހޭ މައުލޫމާތު އީރާނާއި ރަޝިޔާ އިން ހޯދީ ކޮންގޮތަކުންކަން އެފްބީއައި އިން ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް ފަހިވާ ގޮތަށް ރަޝިޔާ އިން ހެކްކޮށްފައިވާ ކަމަށް އިންޓަލިޖެންސް އެޖެންސީން ބުނެފައިވެ އެވެ.

އެމެރިކާގެ އިންތިޚާބުގައި އާލީ ވޯޓުގެ ގޮތުގައި މިހާތަނަށް ވަނީ 40 މިލިއަން މީހުން ވޯޓުލައިފަ އެވެ.