އިނިގރޭސިވިލާތުން ލުއި ދިން ލިސްޓަށް ރާއްޖެ
އިނިގރޭސިވިލާތުން ލުއި ދިން ލިސްޓަށް ރާއްޖެ

އެކި ގައުމުތަކުން އިނގިރޭސިވިލާތަށް އެނބުރި ދާ މީހުން 14 ދުވަހު އައިސޮލޭޓު ވާން ނުޖެހޭގޮތަށް ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

އެ ގައުމުގެ ޓްރާންސްޕޯޓް ސެކެޓްރީ ގްރާންޓް ޝެޕްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެ ހިމެނޭހެން ހަތަރު ގައުމެއް އެ ގައުމުގެ "ޓްރެވަލް ކޮރިޑޯ" ލިސްޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އާދީއްތަ ދުވަހުން ފެށިގެން އެ ގައުމުތަކުން އިނގިރޭސިވިލާތަށް ދާ މީހުން އައިސޮލޭޓް ވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭގައި ރާއްޖޭގެ އިތުރުން ކެނެރީސް އާއި ޑެންމާކާއި މައިކޮނޮސް ހިމެނެ އެވެ.

އިނގިރޭސިވިލާތަށް އެނބުރި ދާ މީހުން އައިސޮލޭޓް ވާން ނުޖެހޭގޮތަށް އެ ގައުމުން ލުއި ދޭން ފެށީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. ނަމަވެސް އެންމެ ފުރަތަމަ ލުއި ދިން ލިސްޓުތަކުގައި ރާއްޖެ ނުހިމަނަ އެވެ.

އެ ގައުމުން ލުއި ދޭ ލިސްޓުގައި ގައުމުތައް ހިމަނަނީ، އެ ގައުމެއްގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރާއި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމަށްފަހު އެވެ. އެހެންކަމުން ރާއްޖެ މި ލިސްޓުގައި ހިމަނާފައި ވަނީ ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު މަދުވުމުގެ ސަބަބުން ކަމަށް ލަފާ ކުރެވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން އިނގިރޭސިވިލާތުން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ޒިޔާރަތް ކުރަމުންނެވެ. ނަމަވެސް އެނބުރި ގައުމަށް ދިއުމުން 14 ދުވަހު އައިސޮލޭޝަންގައި ތިބެން ޖެހުމުގެ ސަބަބުން ޓޫރިސްޓުން އަންނަ އަދަދު ވަނީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންކަމުން މި ލިސްޓުގައި ރާއްޖެ ހިމެނުމުގެ ކުރިއަށް އޮތްތާނގައި އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 1،982 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.