25 އޮކްޓޯބަރ 2020 - 10:05

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުންނެވެ. އެކަމަކު އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"ބޮޑު ރޭޕް ކޭސްއެއް އެއަކު ނެތް. މިއީ ހަގީގަތަކީ،" އިމްރާން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށެވެ.
ކެންޔާ އަންހެންމީހާއާ ޖިންސީ ގޯނާކުރުމުގައި، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރެއްގެ ފިރިމިހާ ބައިވެރިވިކަމުގެ ތުހުމަތު އޭރު ކުރި އެވެ. އަދި މައްސަލަ އޮއްބާލަން ފުލުހުން މަސައްކަތްކުރީ ވެސް، ސިޔާސީ ނުފޫޒުގައި ކަމަށް ވެސް، އަޑު ފެތުރުނެވެ.
އެ އަންހެންމީހާއާ ބެހެން އުޅުމުން ސަފާރީން ފުންމާލީ އެވެ. މޫދުން އޭނާ ނަގައިގަނެގެން ހުޅުމާލޭ ޖެޓީއާ ހަމައަށް ގެންދިޔައީ ވެސް، އަންހެންމީހާއާ ޖިންސީ ގޯނާކުރަން އުޅުނު މީހުންނެވެ. ދަންވަރު އެ ގަޑީގައި ޖެޓީ މަތީގައި އެމީހުން ތިއްބާ، ހުޅުމާލޭގެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ބަޔަކު ގޮސް ސުވާލުކޮށް، އަންހެންމީހާ ދެއްކި ވާހަކަތަކާ ގުޅިގެން ދެ ފިރިހެނުން ވެސް ހުޅުމާލޭ ފުލުހަށް ގެންދިޔަ އެވެ. އެކަމަކު ހައްޔަރުނުކޮށް އެ މީހުން ދޫކޮށްލީ އެވެ.
ޖޫން މަހު ކުރިމަތިވި މި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ އުފުލޭ ފަދަ ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އޭގެ ފަހުން މިހާރު އެތައް މަހެއް ފާއިތުވީ އިރު ވެސް، ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައެއް ނުވެ އެވެ.
އަންހެންމީހާ އާއި ސަފާރީގައި ތިބި އެހެން މީހުން ބަނގުރާ ބޮއި ޕާޓީކުރިކަން ފުލުހުންނަށް ވެސް އެނގެ އެވެ. އެހެންކަމުން ބަނގުރަލުގެ މައްސަލަ ނުބެލީ ކީއްވެތޯ ޕްރެޒެންޓަރު ސުވާލުކުރި އެވެ. އެކަމަކު އެ ސުވާލަށް އިމްރާން އެހާ ސާފު ޖަވާބެއް ނުދެއްވަ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ފާހަގަވާ އެހެން މައްސަލަތައް ބެލުމުގައި ސުވާލުތަކެއް އުފެދޭ ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ކުށަކަށް ތުހުމަތުކުރެވޭ ދެ މީހެއްގެ މެދުގައި ތަފާތުކުރަން ފުލުހުންނަށް ނާންގަވާނެ ކަަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ތަފާތުކޮށްްފި ނަމަ އެ ފުލުހަކާ މެދު އަޅަން ޖެހޭ ފިޔަވަޅު ނާޅައެެއް ނުހުންނާނެ އެވެ.