31 އޮކްޓޯބަރ 2020 - 15:20

އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރަށް ކުރިން ދީފައި އޮތް މިނިވަންކަން އަތުލައި، މައި ސަރުކާރުގެ ދަށަށް ގެންދިޔަ ފަހުން އެތަނުގެ ނޫސްވެރިންނަށް އެތައް ނުރައްކަލަކާއި ޖެއްސުންކުރުންތަކާ ކުރިމަތިވެއްޖެ އެވެ.

އެކަން މި ހަފުތާގައި ވެސް ވަނީ ހާމަވެފަ އެވެ. އެގޮތުން ގްރޭޓާ ކަޝްމީރު ނޫހުގެ އޮފީސްތަކަށާއި ދުނިޔޭގެ ބޮޑު ނިއުސް އެޖެންސީއެއް ކަމަށްވާ އޭއެފްޕީގެ ނޫސްވެރިއެއް ކަމަށްވާ ޕަރުވާއިޒް ބުހާރީގެ ގެޔަށް، ޓެރަރިޒަމްއާ ދެކޮޅަށް ހަރަކާތްތެރިވާ އިންޑިއާގެ އެންމެ އިސް އިދާރާއިން ވަދެ ވަނީ ފާސްކޮށްފަ އެވެ.
ވެރިރަށް ސްރީނަގަރުގެ ނުވަ ތަނަކަށް އެ އިދާރާގެ އެޖެންޓުން ވަދެ ފާސްކޮށްފައިވާ ކަމަށް، މީޑިއާތަކުން ބުނެ އެވެ. އޭގެ ތެރޭގައި އަމިއްލަ ޖަމިއްޔާތަކުގެ އޮފީސްތައް ވެސް ހިމެނެ އެވެ.
ރަސްމީ ފަރާތްތަކުން ބުނަނީ އެ ތަންތަނަށް ވަދެފައިވަނީ ގައުމުން ބޭރުން މާލީ އެހީތެރިކަން ހޯދައިގެން ވަކިވެގަތުމުގެ ހަރަކާތްތަކަށް އެހީތެރިވުމުގެ "ސާފު ހެކިތައް ލިބިގެން" ކަމަށެވެ. ނަމަވެސް ފާޑުކިޔާ މީހުން ދެކޭ ގޮތުގައި މިއީ މިނިވަން ނޫސްވެރިކަމަށް އިންޑިއާ ސަރުކާރުން އަޅާ ހުރަސްތަކުގެ ބައެކެވެ. މިދިއަ އަހަރު މަދުވެގެން 18 ނޫސްވެރިޔަކާ، ކަމާ ބެހޭ ފަރާތްތަކުން ސުވާލުކޮށް، އެތައް ބައިވަރު ނޫސްވެރިންނަށް އެކި ކަހަލަ ހަމަލާތަކާ ކުރިމަތިވެފައިވާ ކަމަށް، ސަރުކާރުގެ އަމަލްތަކާ ދެކޮޅު މީހުން ބުނެ އެވެ.
ފުލުހުން ސުވާލުކުރި ބައެއް ނޫސްވެރިން ވަނީ އެ މީހުންގެ ތަޖުރިބާ ބީބީސީއަށް ކިޔައިދީފަ އެވެ. އެގޮތުން އާގިބު ޖަވީދު ބުނި ގޮތުގައި ސައިބާ ޕޮލިސް ސްޓޭޝަނުން އޭނާއަށް އެންގީ ވެބްސައިޓެއްގައި ޖެހި އާޓިކަލްއެއްގެ ފޮޓޯ އާއި ސުރުހީ ބަދަލުކުރުމަށެވެ. އޭނާ ލިއުނީ ކަޝްމީރަށް ހާއްސަ ބާރުތަކަކާއި މިނިވަންކަމެއް ލިބިދޭ އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާގެ ބާރު ކަނޑުވާލުމުން އެކަމާ ސުވާލުކޮށް ޓްވީޓްކުރި މީހުން ފުލުހަށް ހާޒިރުކުރި ފަހުން ހިމޭންވި މައްސަލައާ ބެހޭ ގޮތުންނެވެ.
ސައިބާ ޕޮލިސް ސްޓޭޝަނަށް އޭނާ ގެންގޮސް ހޭދަވި ވަގުތު އިހުސާސްކުރެވުނީ، ޖަވީދު ބުނި ގޮތުގައި، އޭނާ "ރަހީންކޮށްފައި" އިން ފަދަ ގޮތެކެވެ. އަދި މޫނު ނިވާކޮށްގެން ހުރި ފުލުހަކު އޭނާގެ މޫނު މަތީގައި ޖެހި ކަމަށް ވެސް ބުންޏެވެ.
ބީބީސީން ސުވާލުކުރުމުން ފުލުހުން ވަނީ ޖަވީދުގެ ވާހަކަތައް ދޮގުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ހަބަރުގެ ފޮޓޯ އާއި ސުރުހީ އަދި ބައެއް މައުލޫމާތު ވެސް ގޯހެވެ.
އެ ހަބަރުގެ ސުރުހީ ފަހުން ބަދަލުކުރި އެވެ. އަދި އެ ސްޓޭޝަނުގެ ގޯސް ފޮޓޯއެއް ބޭނުންކުރެވުނީތީ މައާފަށް ވެސް އެދުނެވެ.
"އެއީ ހަމައެކަނި ފޮޓޯގެ މައްސަލައެއް ނަމަ ފުލުހުން އެކަން ސާފުކޮށްދީފައި އަހަރެމެންނަށް އެންގިޔަސް ބަދަލުކޮށްލެވުނީސް،" އޭނާ ފުލުހަށް ގެންދިޔައީ ހަމައެކަނި ފޮޓޯގެ މައްސަލައެއްގައި ނޫންކަން ބުނެދެމުން، ޖަވީދު ކިޔައިދިނެވެ.
"ނޫސްވެރިންނަށް ޖެއްސުންކޮށް، ހަމަލާދިނަސް އެކަން ބެލޭނެ ގޮތެއް ނެތް. އެހެންވެ މިހާރު އެހާ ގިނައިން ނޫސްވެރިންނާ ސުވާލުކުރަނީ."
ދަ ހިންދޫގެ ނޫސްވެރިއެއް ކަމަށްވާ ޕީރުޒާދާ އާޝިގްއާ ފުލުހުން ސުވާލުކުރީ މަރުވި ދެ ހަނގުރާމަވެރިއެއްގެ ހަށިގަނޑު އަލުން ނަގައި، އެމީހުންގެ ކަށުނަމާދުގެ ކަންކަން ކުރުމުގެ ހުއްދަ އާއިލާއަށް ދިން ވާހަކަ ލިއުމުންނެވެ. ފުލުހުންނާ ދެމެދު ހިނގި ހަމަލާތަކެއްގައި މަރުވި ހަނގުރާމަވެރިންގެ ހަށިގަނޑު ވަޅުލާފައި އޮތީ، އެމީހުންގެ މަހާނަ ވަކިކުރާނެ ގޮތެއް ވެސް ނުހަދަ އެވެ. ރަސްމީ ފަރާތްތަކުން ބުނަނީ އާއިލާއާ ހަށިގަނޑު ހަވާލުނުކުރީ ޖަނާޒާ ބޭއްވުން ފަދަ މީހުން އެއްވާ ކަންކަމުގެ ސަބަބުން ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
އެކަމަކު މަރުވި އެކެއްގެ އާއިލާ އިން އާޝިގު ކައިރީ ބުނެފައިވާ ގޮތުގައި އެ މީހުންގެ ހަށިގަނޑު ކޮނެގެން ނަގައި، ޖަނާޒާ ބޭއްވުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ނޫސްވެރިޔާއާ ފުލުހުން ސުވާލުކުރީ ކަމާ ބެހޭ ފަރާތްތަކުން އެކަން ޔަގީންނުކޮށް، ލިއުމުން އާންމުންގެ ތެރޭގައި ބިރާއި ޝައްކު އުފެދޭނެ ކަމެއް ކަމަށް ބުނެ އެވެ. އެކަމަކު ރަސްމީ ފަރާތްތަކުގެ ބަސް ހޯދަން އާޝިގު މަސައްކަތްކުރިކަން، ހަބަރުގައި ލިއެފައި ވެސް އޮތެވެ.
ދަ ހިންދޫގައި ފަހުން ލިއުނު ގޮތުގައި، މަހާނަ އޮތް ތަނަށް ޒިޔާރަތްކުރަން އާއިލާއަށް ދިން ހުއްދަ އެމީހުން ބެލީ ހަށިގަނޑު ކޮނެގެން ނަގަން ލިބުނު ހުއްދައެއްގެ ގޮތުގަ އެވެ.
އެކަމަކު މައްސަލައަކީ، އާޝިގު ބުނި ގޮތުގައި، ފޯނުކޮށްލާފައި ނުވަތަ އީމެއިލްއަކުން ވެސް ކޮށްލެވެން އޮތް ކަަމެއް، 60 ކިލޯމީޓަރު ދުރުގައި ހުރި ފުލުހުންގެ ސްޓޭޝަނަކަށް އޭނާ ގެންގޮސް އެތައް އިރެއް ވަންދެން ބޭންދުމެވެ.
"ތަކުރާރުކޮށް ވެސް ކުރީ ހަމަ އެއް ސުވާލުތަކެއް،" އެއީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް މާނަކުރަމުން އާޝިގު ބުންޏެވެ.
ފޮޓޯޖާނަލިސްޓެއް ކަމަށްވާ މަސްރަތު ޒަހްރާ ބުނި ގޮތުގައި ފުލުހުންގެ ބިރުދެއްކުންތަކާ ހެދި އެތައް ނޫސްވެރިންނެއް މިހާރު ވެސް ވަޒީފާ ދޫކޮށްލައިފި އެވެ.
"ފާޅުގައި ވާހަކަ ދައްކާކަށް މިހާރު އެކަކު ވެސް ބޭނުމެއް ނުވޭ. ނޫސްވެރިންގެ މެދުގައި އެފަދަ ބިރެއް [ފުލުހުން] އުފެއްދުމުން އެތައް ބަޔަކު ނޫސްވެރިކަން ވެސް ހުއްޓާލައިފި،" އުމުރުން 26 އަހަރުގެ ނޫސްވެރިޔާ ބުންޏެވެ.
ޒަހްރާއާ ފުލުހުން ސުވާލުކުރީ އިންޑިއާގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަލާތަކެއްގައި މަރުވި ބަރުހާން ވާނީގެ ފޮޓޯ ހިފައިގެން ބަޔަކު ތިބި މަންޒަރު އިންސްޓަގްރާމްގައި ޖެހުމުންނެވެ. ބަރުހާންއަކީ އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަންކުރަން ހަނގުރާމަކުރި ޒުވާނެކެވެ. ކަޝްމީރުގެ ގިނަ މީހުންގެ މެދުގައި އޭނާ ވަރަށް މަޝްހޫރެވެ.
ފުލުހުން ޒަހްރާއާ ސުވާލުކުރި ފޮޓޯ ޖެހީ 2018 ގަ އެވެ. އޭގެ އަހަރުތަކެއް ފަހުން ސުވާލުކުރުމަކީ ވެސް، އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.
"ކޮންމެ ވަގުތެއްގައި ވެސް އެމީހުން އަހަރެން ހައްޔަރުކޮށްފާނެކަމުގެ ބިރު އޮވޭ،" ޒަހްރާ ބުންޏެވެ.
"އަހަރެން މެދުވެރިކޮށް ނޫސްވެރިންނަށް މެސެޖެއް ދެނީ ކަންނޭނގެ އަސްލު - އެއީ އަހަރެން ކަހަލަ އަންހެނަކާ މެދު އެހެން ކަންތައް ކުރަންޏާ، ކަލޭމެން ކޮންމެ މީހަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅިދާނެއޭ ބުނުން."