02 ނޮވެމްބަރ 2020 - 14:14

އުންމީދަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިތުބާރުކުރެވޭ ފެންވަރުގެ ރަނގަޅު ތަނަކަށް ހެދުން ކަމަށް އެ ހޮސްޕިޓަލްގެ އާ ސީއީއޯ ޑރ. މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ހޮސްޕިޓަލް ހިންގުމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. އަހަރުތަކެއް ވަންދެން އައިޖީއެމްއެޗް ވެސް ހިންގެވި ޑރ. ސޯލިހު މިހާރު މަސައްކަތްކުރައްވަނީ މެޑިކާ ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ ތެރޭގަ އެވެ.
"މިހާރު" އާ ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އައްޑޫ މީހެއްގެ ހައިސިއްޔަތުން އެ އަތޮޅުގެ ރަށްރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭއީއެޗްއާ ހަވާލުވެވަޑައިގަތީ ވެސް އެހެންވެ ކަމަށާއި މެޑިކާގެ މެނޭޖްމަންޓާ ވެސް ދުރުގައި ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އައްޑޫ މީހެއް. އެހެންވީމަ ރަށަށް ހިދުމަތެއް ކޮށްދިނުން އެއީ ޒިންމާއެއް ކަމުގައި ގަބޫލުކުރެވޭތީ މިކަމާ ހަވާލުވީ ހަގީގަތުގައި،" ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭއީއެޗްގައި މި ވަގުތު ތިބީ ގާބިލް ހުނަރުވެރި ޑޮކްޓަރުންނާއި ނަރުހުންނެވެ. އަދި ތަނަށް ބޭނުންވާ ފުރިހަމަ އިކުއިޕްމަންޓް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ. މިހާރު ބޭނުން ވަނީ ރަނގަޅު މެނޭޖްމަންޓަކުން ތަން ހިންގުން ކަމަށާއި މަގްސަދަކީ އެ ހޮސްޕިޓަލަކީ އިތުބާރު ކުރެވޭ މޮޅު ހޮސްޕިޓަލަކަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިޖީއެމްއެޗް އިން ވެސް އެ ފެންނަނީ އަޅުގަނޑު ހުރިއިރު ގެނަސްފައި ހުރި ބަދަލުތައް. މެޑިކާ ވެސް އެއީ ހަމަ 'ސްކްރެޗް' އިން ފަށައިގެން އެވަރުކުރި ތަނެއް. އަޅުގަނޑު ބޭނުމީ އޭއީއެޗް ވެސް އިތުބާރު ކުރެވޭ މޮޅު ހޮސްޕިޓަލަކަށް ހެދުން،" ސޯލިހު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި 25 އަހަރު ހޭދކުރައްވާފައިވާ ޑރ. ސޯލިހަކީ ރާއްޖޭގައި މަޝްހޫރު ސާޖަން އެކެވެ. އަދި ހޮސްޕިޓަލް މެނޭޖްމަންޓު ދާއިރާއިން މާސްޓާސް ވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އާ ހޮސްޕިޓަލް ހަވާލުކުރުމުގެ ކުރިން އޭއީއެޗް ހިނގަމުން ދިޔައީ ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުންނެވެ.