02 ނޮވެމްބަރ 2020 - 15:32

ފައިނޭޝަލް އިންޓެލިޖެންސް ޔުނިިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރަށް ދައުވާކުރާ މައްސަލައިގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އާތިފްގެ މައްޗަށް މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފްވުމުގެ ދައުވާ ދައުލަތުން ކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދަށުން އޮންނަ އެފްއައިޔޫ ވެރިއަކަށް ހުންނެވިއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ގެނެސްފައިނުވާ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އާތިފްގެ ދިފާއީ ވަކީލުންގެ ޓީމުގައި ނިހާޔަތު އިންނެވުމުން އޭނާ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ ދައުލަތުން އިޖްރާއީ ނުކުތާއެއް ނަގައިފަ އެވެ. ދައުލަތުން ބުނީ އާތިފްގެ މައްސަލާގެ ތަހުގީގު ހިިންގިއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ނިހާޔަތު ލަފާ ދީފައިވާ ކަމަށާއި އޭރު އޭނާ އަކީ އެ އޮފީހުގެ އިކޮނޮމިކް އެންޑް ފައިނޭޝަލް ކްރައިމްސް ޔުނިޓްގެ ވެރިޔާ ކަމަށެވެ.
ޖަވާބުގައި ނިހާޔަތު ވިދާޅުވީ ތަހުގީގު ހިނގިއިރު އޭނާ ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުުންނެވިޔަސް، އެ މައްސަލައާ ގުޅޭ އެއްވެސް ލަފައެއް ދިން ކަމެއް ނުވަތަ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވި ހަނދާނެއް ނެތް ކަމަށެވެ. އަދި އިކޮނޮމިކް އެންޑް ފައިނޭޝަލް ކްރައިމްސް ޔުނިޓްގެ ވެރި އަކީ އޭރު އޭނާ ކަމަށް ވިޔަސް، އެމްއެމްޕީއާރުސީގެ މައްސަލާގެ ކަންކަން ކުރިއަށް ގެންދިޔައީ ޕީޖީ އޮފީހުގެ މޭޖާ ކްރައިމްސް ޔުނިޓުން ކަމަށާއި އާތިފްގެ މައްޗަށް ދައުވާ ކުރީ ވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ފަހުން ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށާއި އެކަމަކު އާތިފްގެ މައްސަލާގައި އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއް އޮތް ނަމަ އެކަމެއް އެނގޭނެ ގޮތެއް ލިޔުމުން ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދައުލަތުން ބުނީ އޭރު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ހިނގާ ކަންކަން ލިޔުމުން ނޯންނާތީ އެކަން އެނގޭނެ ލިޔުމެއް ނެތް ކަމަށެވެ. އެކަމަކު ނިހާޔަތު އެ މަރުހަލާގައި ލަފާ ދިން ކަމަށް އެ މައްސަލަތަކުގައި އުޅުނު އެ އޮފީހުގެ ވަކީލުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އެކަމާ މެދު ގޮތެއް ނިންމަން ޝަރީއަތް މެދުކަނޑާލުމަކަށް ފަހު އަލުން ފަށައި، ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގެ ތަހުގީގު ހިނގިއިރު ޑެޕިއުޓީ ޕީޖީގެ މަގާމުގައި ނިހާޔަތު ހުންނެވިއިރު އެ މަގާމުގައި ހުންނެވި ބޭފުޅަކާ މަޝްވަރާ ކުރުމެއް ނެތި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަންކަން ނިންމާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ، އެއްވެސް ބާވަތެއްގެ ޝައްކެއް މައްސަލައާ މެދު ނުބޭއްވުމަށްޓަކައި ނިހާޔަތަށް އެ މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރި ނުވެވޭނެ ކަމަށް ނިންމެވީ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ނިހާޔަތު ވިދާޅުވީ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވާނެ ކަމަށާއި އެ މައްސަލަތައް ހިނގިއިރު އޭނާގެ އިތުރުން ޑެޕިއުޓީ ޕީޖީ މަހްމޫދު ސަލީމް އޭރު ވެސް ހުންނެވި ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ އޭރު ދިޔައީ ޑީޕީޖީ މަހްމޫދު ސަލީމްގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާޒީ ޝަކީލް ވިދާޅުވީ ޑެޕިއުޓީ ޕީޖީގެ ގޮތުގައި ދެ ބޭފުޅުން ތިއްބެވިޔަސް، އެއް ބޭފުޅަކު ޗުއްޓީއަށް ވަޑައިގަންނަވާ ހާލަތްތަކުގައި އަނެއް ބޭފުޅަކާ ޒިންމާތައް ހަވާލުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނިހާޔަތަށް ވަކީލެއްގެ ގޮތުން ބައިވެރިވުމުގެެ ފުރުސަތު ނުދޭން ނިންމެވީ އެކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.
އެހެންވުމުން އާތިފް އެދިވަޑައިގަތީ އެހެން ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހު ބާއްވާނެ ކަމަށް ގާޒީ ޝަކީލް އިއުލާން ކުރެއްވި އެވެ.