04 ނޮވެމްބަރ 2020 - 11:47

ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ބޭއްވި ޖަލްސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު ގަޑިއިރު ބޭންދުމަށް ފަހު ހަ ތުހުމަތެއްކޮށްފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އަށް ފުލުހުން ކުރާ ތުހުމަތުތަކަށް ލިއުމުން ޖަވާބުދޭން، މާދަމާ ޕޮލިހަށް ހާޒިރުވާން އޮތީ ޗިޓު ދީފަ އެވެ. ޝުޖާއު ޕޮލިހަށް ގެންދިޔައީ، ޕީޕީއެމުން އެ ޖަލްސާ ރާވައި އިންތިޒާމްކުރުމުގައި އޭނާ އިސްކޮށް އުޅުއްވުމުންނެވެ.
ޝުޖާއު ވިދާޅުވީ ފުލުހުން ކުރި ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެއީ، އަސްލެއް ނެތް ތުހުމަތުތަކަކަށްވާތީ އިންކާރު ކުރައްވާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ފުލުހުން އެތަނުގައި އަޅުގަނޑު ހުއްޓައި އެންގި ކަންކަން ދޭތެރެ ދޭތެރެއިން ޖަލްސާގައި ދިޔައީ އިއުލާންކުރަމުން، އެއީ، ގައިދުރުކޮށް ތިބުން ފަދަ އެންގުންތައް،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅުން ބާއްވާ ޖަލްސާއަކާ ގުޅިގެން ތުހުމަތުތައް ކުރުމަކީ، ޑިމޮކްރަސީއެއް ނޫނެވެ. އެއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އިދިކޮޅުގެ އިސް ބޭފުޅުންނަށް އަމާޒުކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދާ ސިލްސިލާގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މަކަރު ހަދައިގެން އިންތިޚާބު ކާމިޔާބު ކުރަން ފަށާފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް އިދިކޮޅުގެ ޖަލްސާތަކަށް ހުރަސްއެޅުމަކީ، އަޅުގަނޑުމެން އަމާނެއް ނުދޭނަން،" ޝުޖާއު ވިދާޅުވި އެވެ.
ކޮވިޑުގެ ނަމުގައި ވެސް ސަރުކާރުން ފެންނަމުންދަނީ، ޝުޖާއު ވިދާޅުވި ގޮތުގައި، އޮޅުވާލާތަނެވެ. ހާލަތާ ހެދި ކަމަށް ބުނެ ރައްޔިތުން ގެއަށް ވައްދައި، ނާޖާއިޒު ފައިދާ ނަގަމުންދަނީ ސަރުކާރުގައި ތިބި ބޭފުޅުން ކަމުގެ ތުހުމަތު ޝުޖާއު ކުރެއްވި އެވެ.
"ސަރުކާރު ޖަވާބުދާރީކުރުވުމަކީ އަޅުގަނޑުމެންގެ ޒިންމާ، އެކަމެއް ނުހުއްޓުވޭނެ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއުގެ އިތުރުން އެ ޖަލްސާ އިން ޕީޕީއެމްގެ އެކްޓިވިސްޓަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާ ވެސް ރޭ ވަނީ ދޫކޮށްލައިފަ އެވެ.