ޓެސްލާގެ އޮޓޯޕައިލެޓުން އެކްސިޑެންޓްތައް މަދުކުރެވޭނެ: ދިރާސާ
ޓެސްލާގެ އޮޓޯޕައިލެޓުން އެކްސިޑެންޓްތައް މަދުކުރެވޭނެ: ދިރާސާ

ޓެސްލާ ކުންފުނިން ތަރައްގީކޮށްފައިވާ ފުލް ސެލްފް-ޑްރައިވިން (އެފްއެސްޑީ) ޓެކްނޮލޮޖީގެ "އޮޓޯޕައިލެޓް" ސޮފްޓްވެއާ އެއްގަމު ވެހިކަލްތަކުގައި ބޭނުންކުރާ ނަމަ މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރެވޭނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޓެސްލާގެ އޮޓޯޕައިލެޓުން އެކްސިޑެންޓްތައް މަދުކުރެވޭނެ: ދިރާސާ
ޓެސްލާގެ އޮޓޯޕައިލެޓުން އެކްސިޑެންޓްތައް މަދުކުރެވޭނެ: ދިރާސާ

ސެންޓަ ފޯ އޮޓޮމޭޓިވް ރިސާޗް (ކާ) އިން ހަދާފައިވާ ދިރާސާގައި ބުނީ "އޮޓޯޕައިލެޓް" ސޮފްޓްވެއާގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓްތައް 90 ޕަސެންޓް މަދުކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން މަގުމަތިން ވެހިކަލް މަދުކުރެވޭނެ ކަމަށެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޖަރުމަނުގައި ބޭނުންކުރާ ހުރިހާ ވެހިކަލްތަކެއްގައި "އޮޓޯޕައިލެޓް" ބޭނުންކުރާ ނަމަ އެއީ އެ ގައުމުގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު އަހަރަކު 281,849 އިން 29,413 މަދުކުރަން ބާރަކަށް ވާނެ އެވެ.

ޓެސްލާ އިން 80،000 ޑޮލަރަށް ވިއްކާ އެސްއެފްޑީ ޓެކްނޮލޮޖީ އަކީ ވެހިކަލްތައް ޑްރައިވަރަކާ ނުލައި ކޮންޓްރޯލްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އެކަމަކު އެ ޓެކްނޮލޮޖީ އަކީ ރަސްމީކޮށް އަދި ބޭނުންކުރަން ފަށާފައި އޮތް އެއްޗެއް ނޫނެވެ. އެ ޓެސްޓްކުރުމުގެ މަރުހަލާ އަދިވެސް އަންނަނީ ކުރިއަށެވެ. އެހެންވެ ޓެސްލާ އިން އެފްއެސްޑީ ދޭއިރު އެކަން ފާހަގަކޮށް ޑިސްކްލެއިމާއެއް ދެ އެވެ.

އޭގައި ބުނަނީ ހަމައެކަނި ސެލްފް ޑްރައިވިން އަށް ވެހިކަލް ބަރޯސާކުރުމުގައި ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ. އެހެންވެ ދުއްވަން އިންނަ މީހަކު ހުންގާނަށް ސަމާލުވާން ޖެހޭ ކަމަށް ބުނެ އެވެ. އެހެންވެ އެފްއެސްޑީ ޓެކްނޮލޮޖީއާ އެކު ޓެސްލާ އިން މި ވަގުތު ވިއްކަނީ ވެސް ވަރަށް ލިމިޓެޑް ކާރުތަކެވެ. އަދި އެއީ މި ވަގުތު ހަމައެކަނި އެމެރިކާ އާއި ކެނެޑާގަ އެވެ.

ޓެސްލާގެ ވެރިޔާ މަހުޖަނު އީލޮން މަސްކް މިދިޔަ މަހު ވިދާޅުވި ގޮތުގައި އެފްއެސްޑީ އަހަރުގެ ފަހުކޮޅު އުތުރު އެމެރިކާގެ އިތުރު ގައުމުތަކަށް ފުޅާކުރާނެ އެވެ.

ކާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޕްރޮފެސަރު ފާޑިނަންޑް ޑަޑެންހޯފާ ވިދާޅުވި ގޮތުގައި "އޮޓޯޕައިލެޓް" ސޮފްޓްވެއާ ކަހަލަ އެއްޗިއްސަކީ ކުރިއަށް އޮތް ތަނުގައި ވަރަށް ބޭނުންތެރި އެއްޗިއްސަށް ވާނެ އެވެ.

"އެހެންވީމާ މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކުރެވޭ ގޮތަށް ގައުމުތަކުގެ ގާނޫނުތަކާއި ގަވައިދުތައް ބައްޓަންވެފައި ހުރުމަކީ ވެސް ވަރަށް މުހިއްމު ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ. "އަދި މިކަމަށް މަގުފަހިވާ ގޮތަށް މަގުތައް ހުރުމާއި އެ ތަންތަނުގައި ހުންނަން ޖެހޭ ނިޝާންތައް ވެސް ވަރަށް މުހިއްމު އެއްޗިއްސަށް ވާނެ."