05 ނޮވެމްބަރ 2020 - 19:13

އެއް ފަހަރު ބޭނުންކޮށް، އުކައިލާ ޒާތުގެ ޕުލާސްޓިކް ރާއްޖެއަށް އެތެރެކުރުމާއި އެ ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޕްލާސްޓިކާ ގުޅޭ ޕްލޭން ތަންފީޒުކުރަން ނިންމެވީ އޮންލައިންކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމަށް އެންވަޔަރްމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުމާއި އުފެއްދުމާއި އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލަން އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލައިފަ އެވެ. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމެނޭ "ޖަޒީރާ ދިރިއުޅުން" ބައިގައި "ކުންޏަކީ ވަސީލަތަކަށް ހެދުން" ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް ކަނޑައަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭނުގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން، ރާއްޖެއަށް މިހާރު އެތެރެކުރާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓާލާނެ އެވެ. އޭގެ އިތުރުން ކުނީގެ ގޮތުގައި އުފައްދާ ޕްލާސްޓިކް މަދުކޮށް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް ބުންޏެވެ.
"މީގެ ސަބަބުން ތިމާވެށްޓާ ރަޙުމަތްތެރި އުފެއްދުންތައް ތައާރުފުކުރުމަށާއި ދެމެހެއްޓެވި ވެއްޓެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް 2023 ގެ ކުރިން ރާއްޖޭގައި ބޭނުންކުރުން ހުއްޓާލާނެ ކަމަށް ރައީސް އެންމެ ފުރަތަމަ އިޢުލާނު ކުރައްވާފައިވާ ވަނީ އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ސެޕްޓެމްބަރު 23، 2019 ގައި ބޭއްވި ކްލައިމެޓް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.