ސިޔާސީ ހަރަކާތްތަކަށް ދަތިވާތީ އިދިކޮޅުން އީސީ އަށް
ސިޔާސީ ހަރަކާތްތަކަށް ދަތިވާތީ އިދިކޮޅުން އީސީ އަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސިޔާސީ ހަރަކާތްތަކަށް ދަތިވާތީ އިލެކްޝަން ކޮމިޝަން (އީސީ) އަށް އެކަމުގެ ޝަކުވާ ހުށަހަޅައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިން މިއަދު އީސީ އަށް ޝަކުވާ ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮވިޑް-19 އާ މަތިކޮށް ރަށްރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނީ އެ ކޯލިޝަނަށް ދަތިކުރުމުގެ ގޮތުން ކަމަށެވެ. އަންނަ މާޗް މަހަށް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު އިދިކޮޅު ޓީމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ހެދުމަށް ފަހު ސަރުކާރު ހިންގާ ޕާޓީތަކުގެ މެމްބަރުންނާއި އިސްވެރިން ރަށްރަށަށް ދަތުރުކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ އެމްޑީންނާ ބޭބޭފުޅުން އަތޮޅުތަކަށް ވަޑައިގެން ރަށްރަށުގައި އެބަ ދުވަސްތައް ހޭދަކުރައްވާ އެއްވެސް ކަހަލަ ގައިދުރު ކަމެއް ނެތި،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ކަންތައްކުރާ ގޮތުން އަޅުގަނޑުމެންނަށް އެބަ ހީވާކަހަލަ ސަރުކާރުގެ ބޭނުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކޮވިޑެއް ނުޖެހޭނެ އޭ."

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ބަޖެޓުން އެ ޕާޓީ އަށް އަދި ޕީޕީއެމް އަށް ވެސް ދޭން ޖެހޭ ފައިސާ އަދިވެސް ފުރިހަމަ އަށް ދީފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން ޕާޓީ ހިންގުމާއި ޕާޓީގެ ގިނަ ކަންތައްތައް އިންތިޒާމުކުރުމުގައި ވެސް ދަތިތައް ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ގާނޫނު ލާޒިމްކުރާ ކަމެއް އެއީ ބަޖެޓުގެ ވަކި އިންސައްތައެއް ސިޔާސީ ޕާޓީތަކަށް ދިނުމަކީ. ނޮވެމްބަރު މަސް މިއީ، މިހާހިސާބަށް އައި އިރު އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ކުޑަ އެތިކޮޅެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ވީ އެންމެ އަވަހަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ދާދި ފަހުން ވަނީ އެ ކޯލިޝަންގެ ޖޫރިމަނާތައް ދެއްކުމަށާއި ޕާޓީގެ އެހެން ކަންކަން ބެލެހެއްޓުމަށް ފަންޑު ފޮއްޓެއް ހުޅުވައި ލޯޔަލްޓީ ކާޑެއް ތައާރަފްކޮށްފަ އެވެ.