14 ނޮވެމްބަރ 2020 - 09:50

މި ފަަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން އުޒްބެކިސްތާން ގޯލްކީޕަރަކާއި ޖަޕާނުގެ ދެ މިޑްފީލްޑަރުންގެ އިތުރުން ސްޕެއިނުގެ ފޯވާޑެއް ގެނެސްފި އެވެ.
އެ ޓީމަށް ސޮއިކުރީ އުޒްބެކިސްތާން ލީގުގެ ޓީމުތަކަށް ކުޅެފައިވާ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އާއި ލާއޯސް އާއި އާރްމީނިއާގެ އިތުރުން ރާއްޖޭގެ ޖޭޖޭ އަށް ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ އާއި އިންޑިއާގެ އައި ލީގާއި ޖަޕާނާއި މެލޭޝިއާ ލީގާއި އިންޑޮނީޝިއާ ސުޕަ ލީގު އަދި ބަންގްލަދޭޝް ޕްރިމިއާ ލިގުގައި ކުޅެފައިވާ ޖަޕާނުގެ ވިންގް އަޓްސުޝީ ޔޮނެޒޭވާ އަދި ސްޕެއިނު އެކި ޓީމުތަކަށް ކުޅެފައިވާ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒް އެވެ.
ސަސްއާ ގުޅުނު އުމުރުން 26 އަހަރުގެ ގޯލްކީޕަރު މިރްޒޮހިދު ވަނީ އުޒްބެކިސްތާން ޔޫތު ލީގާއި އުޒްބެކިސްތާން ދެ ވަނަ ޑިވިޝަނާއި އުޒްބެކިސްތާން 23 އަހަރުން ދަށުގެ ލީގުގެ އުޒްބެކިސްތާން ސުޕަ ލީގުގެ ޓީމުތަކަށް ކުޅެފަ އެވެ. އޭނާ ކުޅުނު ޓީމުތަކަށް ބަލާއިރު އެފްސީ ނަސަފް ޔޫތު ކްލަބާއި އެފްސީ ޒޮތީރާ 79 އާއި އެފްސީ ނަވްބަހޯރް އަދި އެފްސީ ޝުރްޓަން ހިމެނެ އެވެ.
ކުރިން މި ސީޒަނުގައި ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް އޮތް ނަމަވެސް ކްލަބްތަކުން އެދޭތީ އެފްއޭއެމުން ވަނީ އެ ނިންމުން ބަދަލުކޮށް ވަގުތީ ހުއްދައެއް ދީފަ އެވެ. މިހާތަނަށް ބިދޭސީ ކީޕަރުން ގެންނަން އެއްބަސްވުމަކަށް އައިސްފައިވާ ކްލަބްތަކުގެ ތެރޭގައި ސަސްގެ އިތުރުން ޗެމްޕިއަން މާޒިޔާ އާއި އީގަލްސް އަދި ޓީސީގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ހިމެނެ އެވެ.
ސަސް އިން ގެނައި ޖަޕާނުގެ ޔޮނެޒޭވާ ވަނީ އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޖެފް ޔުނައިޓެޑާއި އިންޑިއާގެ އައި ލީގުގެ ރޯޔަލް ވެހިންޑޯ އާއި އައިޒޯލް އަދި މިނެރްވާ އަށް ކުޅެފަ އެވެ. އިންޑޮނީޝިއާގެ ޕާސިބާ ބަންޓުލް އާއި މިޔަންމާގެ ޒިއުކަޕިން ޔުނައިޓެޑްގެ އިތުރުން ބަންގްލަދޭޝްގެ ރަހުމަތުގަންޖް އަށް ކުޅުނު ޔޮނެޒޭވާ އެންމެ ފަހުން ގުޅުނީ މެލޭޝިއާގެ ޕީޑީއާރްއެމްއާ އެވެ.
ސްޕެއިނުގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކުޅެފައިވާ އުމުރުން 28 އަހަރުގެ ވިކްޓޯ ވަނީ އޮސްޓްރިއާގެ ކްލަބަކަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. އޭނާ ވަނީ ސްޕެއިނުގެ ކަޕް މުބާރާތް ކަމަށްވާ ކޮޕަ ޑެލް ރޭގައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށް ދެ މެޗެއް ކުޅެފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވަނީ ސަސްއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ)، އަބްދުﷲ ހަނީފް (ބެންޖޯ)، އަހުމަދު ޝާފިއު (ޝާފީ) އަދި މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެ އެވެ. ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ އިތުރުން ގައުމީ އެކި ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.
މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި 13 ޑިސެމްބަރު ވަނަ ދުވަހުގެރޭ ކުޅޭނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕް ކަމަށްވާ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.