ހޮންކޮންގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރުން އިސްތިއުފާ
ހޮންކޮންގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރުން އިސްތިއުފާ

ހޮން ކޮންގް (ނޮވެމްބަރު 12) - ޗައިނާގެ ނުފޫޒާ ހެދި، ހޮންހޮންގެ ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެސީ އަށް ތާއީދުކުރާ ހުރިހާ މެންބަރުން އިސްތިއުފާ ދީފި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ސިޔާސީ ފަރާތްތައް މަގާމުތަކުން ބޭރު ކުރުމުގެ ގަރާރެއް ޗައިން އިން ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އޭގެ ފަހުން އިދިކޮޅު މެންބަރުން ބުނެފައި ވަނީ ގާނޫނު ހަދާ މަޖިލީހުން އެންމެން އެކުގަައި އިސްތިއުފާ ދީފައިވާ ކަމަށެވެ.

ހޮންކޮންގެ ގާނޫނު ހަދާ މަޖިލީހުގެ 70 ގޮނޑީގެ ތެރޭން 19 ގޮނޑި ހިއްސާ ކުރަނީ ޑިމޮކްރެސީއަށް ތާއިދުކުރާ އިދިކޮޅު މެންބަރުންނެވެ. ނަމަވެސް އިސްލާހަށް ތާއީދުކުރާ އެ 19 މެންބަރުންގެ ތެރޭން އެކަކު ވެސް މިހާރަކު ނެތެވެ. ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭޑިން ކޮމިޓީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ހޮންކޮންގެ މިނިވަން ކަމަށް އެ މެންބަރުން ތާއީދުކުރާ ނަމަ ގާނޫނު ހަދާ މަޖިލީހުން ބޭރުކުރާނެ ކަމަށެވެ. ގަރާރު ފާސްކުރިތާ އިރުކޮޅެއްގެ ތެރޭގައި ހަތަރު މެންބަރަކު ވަނީ ބޭރުކޮށްލައިފަ އެވެ. އެކަމަކު އެ ހަތަރު މެންބަރުންނަކީ ހޮންކޮންގެ މިނިވަން ކަމަށް ވަކާލާތު ކުރާ ބައެއް ވެސް ނޫނެވެ. ބާކީ ތިބި 15 މެންބަރުން ވަނީ މަގާމުން ދުރުކުރި މެމްބަރުންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން މިއަދު އިސްތިއުފާ ދީފަ އެވެ.

ހޮން ކޮންގުގެ ޕާލަމެންޓުގައި އިދިކޮޅު އެއްވެސް މެންބަރަކު މިއަދު ނެތެވެ. މުޅިން ވެސް ތިބީ ޗައިނާ އަށް ވަފާތެރި މެންބަރުންނެވެ. އިދިކޮޅު ހުރިހާ މެންބަރުން އިސްތިއުފާ ދިނުމުން ޗައިނާ އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.