ހުޅުމާލޭގައި ބިލިއާޑް ފެސިލިޓީއެއް ހުޅުވައިފި
ހުޅުމާލޭގައި ބިލިއާޑް ފެސިލިޓީއެއް ހުޅުވައިފި

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހެދި ބިލިއާޑް ހައުސް ރޭ ހުޅުވައިފި އެވެ.

ބިލިއާޑް ހައުސް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އަދި އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަަކަ ދައްކަަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރުމުގައި ވީހާ ވެސް ގިނަ ޒުވާނުންނަށް ފުރުސަތު ލިބޭނެ ގޮތަކަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށާއި ބިލިއާޑް ފަދަ ކުޅިވަރުތަކުން ވެސް ކުރިއަށް ދެވޭނެ ފަދަ ރަނގަޅު ވަސީލަތްތަކެއް ހުރުން މުހިއްމު ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދީ ހުރިހާ ކުޅިވަރެއްގެ ތަރައްގީ އަށް ވެސް މަސައްކަތް ކޮށްދިނުން ކަމަށާއި މާލޭގައި ތަރައްގީ ކޮށްދެވޭ ބިލިއާޑް ހައުސް އަކީ ވޯލްޑް ޗެމްޕިއަންޝިޕް ވެސް ބޭއްވޭނެ ފަދަ ވަސީލަތެއްގެ ގޮތުގައި ކުރިއަށް އޮތްތަނުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

މިނިސްޓްރީގެ އެހީއާ އެކު ގައުމީ ބިލިއާޑް ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެހިފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ޖާގައިގެ ގޮތުން ތަނަވަސް ބިލިއާޑް ކުޅޭނެ ތަނެއް ލިބިގެންދިއުމަކީ ބިިލިއާޑް ކުރިއެރުވުމަށް އެމްޕީބީއޭ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ދެކެ އެވެ. މާލެ އާއި ހުޅުމާލޭގައި ބިލިއާޑް ކުޅެވޭނެ ގޮތަށް ވަސީލަތްތަކެއް ގާއިމްކުރުމަކީ މި ކުޅިވަރު ކުރިއެރުވަން އެތައް ގޮތަކުން ފަސޭހަވާނެ ކަމެއް ކަމަށް އެމްޕީބީއޭ އިން ވަނީ ބުނެފަ އެވެ.