އިންޓަލިޖެންސް މައުލޫމާތު ބައިޑަންއާ ހިއްސާކުރަން ވެސް ދެކޮޅު
އިންޓަލިޖެންސް މައުލޫމާތު ބައިޑަންއާ ހިއްސާކުރަން ވެސް ދެކޮޅު

ވޮޝިންޓަން (ނޮވެމްބަރު 13) - އެމެރިކާގައި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ނުކުރައްވައި، ގޮތުގައި ހިފަހައްޓަވަމުން ގެންދަވާއިރު، އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން އަށް އިންޓަލިޖެންސް މައުލޫތު ހިއްސާކުރަން ވެސް ދެކޮޅު ހަދައިފި އެވެ.

ޕްރެޒިޑެންޝަލް ޑެއިލީ ބްރީފިން (ޕީޑީބީ) ގައި ގައުމުގެ އެންމެ ނާޒުކް މައްސަލަތަކުގެ ޖާސޫސީ މައުލޫމާތު ހިއްސާކުރެ އެވެ. އެ މައުލޫމާތު ރައީސް އަށް ހިއްސާކުރާ ގޮތަށް އިންތިޚާބު ކާމިޔާބު ކުރާ ރައީސަކަށް ވެސް ފަހަކަށް އައިސް ވަނީ ހިއްސާ ކުރަން ފަށައިިފަ އެވެ. އެކަމަކު މިހާތަނަށް 290 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު އިންތިޚާބުން ކުރި ހޯއްދަވާފައިވާ ޖޯ ބަައިޑަން އަށް ޖާސޫސީ މައުލޫމާތު ދިނުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ފްލޮރިޑާގެ ވޯޓުގެ މައްސަލައިގައި އެމެރިކާގައި މައްސަލަ ބޮޑުވި 2000 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ވެސް އޭރުގެ ރައީސް ބިލް ކްލިންޓަން ވަނީ ގަވަރުނަރު ޖޯޖް ޑަބްލިއު. ބުޝް އިންތިޚާބު ކާމިޔާބު ކުރެއްވިކަން ޔަގީން ނުވަނީސް އިންޓަލިޖެންސް މައުލޫމާތު ހިއްސާ ކުރައްވަން ފައްޓަވައިފަ އެވެ. އެ އިންތިޚާބުގައި ބުޝްއާ ވާދަކުރެއްވީ ކްލިންޓަންގެ ދެ ދައުރުގެ ނައިބް އަލް ގޯ އެވެ. ފްލޮރިޑާގެ އިންތިޚާބުން ބުޝް އަށް ކުރި ލިބިވަޑައިގެންނެވީ އެންމެ 538 ވޯޓުންނެވެ. އެހާ ފަރަގު ކުޑަވުމުން އަލް ގޯ އެދިވަޑައިގެންނެވީ ވޯޓު އަލުން ގުނުމަށެވެ. އެފަހަރު ނަތީޖާ އޮތް ގޮތުން ވެރިކަމަށް ވަޑައިގެންނެވޭނީ ފްލޮރިޑާގެ ވޯޓު ކާމިޔާބު ކުރާ ފަރާތެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ވޯޓު ގުނުން ހުއްޓުވައިފަ އެވެ. ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ވެސް ކުރި ހޯއްދެވި އަލް ގޯ ވަނީ އިންތިޚާބުން ބަލިވެވަޑައިގަތް ކަމަށް ގަބޫލް ނުކުރެއްވިއަސް ކޯޓުގެ ނިންމުމަށް އިހްތިރާމް ކުރައްވައިފަ އެވެ.

އެ ފަހަރުގެ އިންތިޚާބުގައި ގޮތެއް ނުނިމި ދިޔަ ގާތްގަނޑަކަށް ފަސް ހަފުތާ ތެރޭ އިންޓަލިޖެންސް މައުލޫމާތު ބުޝްއާ ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް މައުލޫތު ހިއްސާ ކުރުމުގައި ފުރަތަމަ ކޮޅު ލަސްތަކެއް ދިމާވި އެވެ.

އަލަށް ވަޑައިގަންނަވާ އެމެރިިކާގެ ރައީސަށް މައުލޫމާތުތައް ނުދީ ލަސް ކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ބިރު ބައެއް ފަހަރު އޮވެ އެވެ. އެގޮތުން ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދިން ޓެރަރިސްޓްގެ ހަމަލާއާ ގުޅިގެން އެކުލަވާލި ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން 2000 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ބުޝް އަށް ގައުމީ ސަލާމަތާ ގުޅޭ ބައެއް މައުލޫމާތުތައް ދިނުން ލަސްވުމަކީ އެ ހަމަލާ ހުއްޓުވަން ދުރާލާ ފިޔަވަޅު ނޭޅުނު އެއް ސަބަބެވެ.

މި ފަހަރު ފެނިގެން ދަނީ ކްލިންޓަން ދެއްކެވި ފަދަ ރީތި މިސާލަށް ޓްރަމްޕް ދެކޮޅު ހައްދަވާ މަންޒަރެވެ.

ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސީނިއާ ސެނެޓަރުން ވެސް މިހާރު ގެންދަވަނީ ޓްރަމްޕް ބަލި ގަބޫލް ކުރައްވައި، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާތަކަށް ބައިޑަން އަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

ބައިޑަން އަކީ ޚާރިޖީ ކަންކަމާއި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އިންޓަލިޖެންސް ބްރީފިންތަކުގައި ބައިވެރި ނުކުރެއްވިއަސް އެމަނިކުފާނުގެ މާބޮޑު ޝަކުވާއެއް ނެތެވެ.

"އިންޓަލިޖެންސް މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް. އެކަމަކު އަޅުގަނޑަކީ މި ވަގުތު ރައީސްކަމުގެ މަގާމުގައި ހުރި މީހެއް ނޫން،" ބައިޑަން ވިދާޅުވި އެވެ. "ޖެނުއަރީ 20 އާ ހަމައަށް ވެރިކަމުގައި ހުންނަވާނީ ޓްރަމްޕް."

އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް ސަރުކާރުގެ އިދާރާތަކުން މައުލޫމާތުތައް ދޭން ފަށާނީ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީސީއޭ) އިން އެކަން ރަސްމީކޮށް ކަނޑައެޅުމުންނެވެ. އެމެރިކާގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު އޮންނަ ގޮތުން އިންތިޚާބުވާ ކެންޑިޑޭޓް ހުވާ ކުރެއްވުމުގެ ކުރިން އޮފީހަކާއި އެތަން ހިންގުމުގެ ޚަރަދު ހަމަޖައްސައި ދިނުމުގެ އިތުރުން އެމެރިކާގެ ސިއްރު މައުލޫމާތު ދޭން ޖެހެ އެވެ. ނަމަވެސް ރައީސް ކަމަށް ބައިޑަން އިންތިޚާބުވިކަން އިއުލާން ކުރަން ޖީސީއޭ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.