ބިގަށް ތުހުމަތުވާ މަނީ ލޯންޑްރިން މައްސަލައެއް ބަލަނީ
ބިގަށް ތުހުމަތުވާ މަނީ ލޯންޑްރިން މައްސަލައެއް ބަލަނީ

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލާއި އެ އޮފީހުގެ ފޮޓޯގްރާފަރު މުންޝިދް މުހައްމަދުގެ ހިއްސާ އޮންނަ ބިިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގުކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހަޅަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިގުން ބޭންކް އޮފް ސިލޯނަށް ނަގުދު ފައިސާތަކެއް ޖަމާކުރުމުގައި މަނީ ލޯންޑްރިންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީން ބަލަައި އެކުލަަވައިލި ރިޕޯޓް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެ ރިޕޯޓް ދިރާސާކުރަން ނަޝީދު ފޮނުއްވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

އެމަނިކުފާނު ވިދާޅުވީ ބިގްގެ މައްސަލަ އޭސީސީން ބަލަން ފެށީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފޮނުވި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) އަކާ ގުޅިގެން ކަމަށެވެ. އޭސީސީގެ ރިޕޯޓާ ހަވާލާ ދެއްވައި އެމަނިކުފާނު ވިދާޅުވީ ބިގުން ޖަމާކުރަން ގެންދިޔަ 2.1 މިލިޔަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް އިން ޖަމާކޮށް ނުދިނީ އެކުންފުނިން ހުށަހެޅި ލިޔެކިއުންތަކުން ފައިސާގެ އަސްލު ކަށަވަރު ނުކުރެވިގެން ކަަމަށެވެ. މިއަހަރުގެ މާޗް މަހުގެ 16 ގައި ޖަމާކުރަން ދިޔަ އެ ފައިސާ ބޭންކް އޮފް މޯލްޑިވްސް އިން ޖަމާކޮށް ނުދިނުމުން ފައިސާ ޖަމާކުރީ ބޭންކް އޮފް ސިލޯނުގައި އޮންނަ އެކައުންޓަކަށް ކަމަށް ވެސް ރިޕޯޓާ ހަވާލާދީ ނަޝީދުު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބިގްގެ ޓްރާންސެކްޝަންގައި މަނީ ލޯންޑްރިން ހިމެނޭތޯ ބަލަން ފުލުހުންނަށް ހުށަަޅަން އޭސީސީން ނިންމީ މައިގަނޑު ތިން ސަބަބަކާ ހެދި އެވެ. އެއް ސަބަބަކީ އެކުންފުންޏަށް ފައިސާ ދިން ކަމަށް ބުނާ ސިންގަޕޫރުގެ ކުންފުންޏަކީ ސައްހަ ކުންފުންޏެއްކަން ކަށަވަރު ނުކުރެވުމެވެ.

"އެ ނަގުދު ފައިސާ ދިން ކަމަށް ބިގުން ބުނެފަަައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ނޭނގޭތީއާއި އެ ނަގުދު ފައިސާގެ އަސްލު ޔަގިން ނުވާތީ އެމުއާމަލާތާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ނަމްބަރު އެފްއައިޔޫ-އެސްޓީއާރު//2020/036، ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގައި މަނީ ލޯންޑްރިންގެ ކުށުގެ އަމަލުތައް ހިމެނޭތޯ ބެލުމަށް އެރިޕޯޓް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ގެނައުމަށް ވެސް ނިންމާފައި ވާތީވެ އަޅުގަނޑު މިރިޕޯޓް މި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިިފިން،" ނަޝީދު ވިދާޅުވި އެވެ.

އޭސީސީން މަޖިލީހަށް ފޮނުވި ހުލާސާ ރިޕޯޓްގައިވާ ގޮތުން ބިގުން ޖަމާކުރަން ގެންދިޔަ ފައިސާ އަކީ ސިންގަޕޫރުގެ އީސްޓް ސެންޗަރީ ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ރެންޓަލް އެގްރީމެންޓެއްގެ ދަށުން ލިބުނު ރެންޑް އެޑްވާންސް ފައިސާ ކަމަށް ވަނީ ބޭންކުގައި ބުނެފަ އެވެ. މި ފައިސާގެ މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ ކޮވިޑް ރިކަވަރީ ލޯނަށް ބިގް ކުންފުންޏަށް ހޯދައިދޭން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައެއްގެ ތެރެއިންނެވެ.

ބިގް އަކީ ފައްޔާޒްގެ ހިއްސާ ކުރިން އޮތް ކުންފުންޏެކެވެ. އަދި މިހާރު އެ ކުންފުނީގައި ހިއްސާ އޮންނަ ހަސަން އިސްމާއީލަކީ ފައްޔާޒާ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.

މި ފައިސާ އަކީ ކޮވިޑް ރިކަވަރީ ލޯނަށް ބިގް ކުންފުނި ޝަރުތު ހަމަވާ ގޮތަށް ހެދުމަށް، ދަރަނި ހަލާސްކުރުމަށް ދެއްކި ފައިސާ ކަމަށް ތުހުމަތުކޮށްފައި ވިޔަސް އޭސީސީން ބުނެފައިވަނީ އެކަމަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށެވެ. ރިޕޯޓްގައި ބުނެފައިވަނީ ބިގުން ލޯނަށް ފޯމު ވެސް ހުށަނާޅާ ކަަމަށާއި އެހެންވެ ފައްޔާޒަށް މިކަމުގައި ތުހުމަތުކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ. އެކަމަކު މަނީ ލޯންޑަރިން އަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި އެކަން އޭސީސީން ފުލުހުންނަށް ހުށަހެޅީ އެވެ.