ޓެކުހާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރަން ބޮޑެތި ބާރުތަކެއް ލިބޭ ގަވާއިދެއް މީރާ އިން އެކުލަވާލައިފި
ޓެކުހާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރަން ބޮޑެތި ބާރުތަކެއް ލިބޭ ގަވާއިދެއް މީރާ އިން އެކުލަވާލައިފި

ޓެކްސްއާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ތަހުގީގު ކުރުމާ ބެހޭ ގަވާއިދެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުލަވާލައިފި އެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން އެކުލަވާލައި، އިއްޔެ އިން ފެށިގެން އަމަލު ކުރަން ފެށި ޖިިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާ އިން އަމަލުކުރާނެ އިޖުރައާތުގެ ގަވާއިދު ބުނާގޮތުން، ޓެކްސްއާ ގުޅޭ ޖިނާއީ ކުށެއްގެ މައުލޫމާތު ލިބޭ މީހުންނާއި ގާނޫނު ތަންފީޒުކުރާ އެހެން އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް މީރާ އިން ހުށަހެޅިދާނެ އެވެ. މީރާ އިން ކުރިއަށް ގެންދާ އޮޑިޓްތަކާއި ތަހުގީގުތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް އެ އިދާރާގެ އަމިއްލަ އިސް ނެގުމުގައި ވެސް ތަހުގީގު ކުރެވިދާނެ ކަމަށް އާ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައި ވަނީ ތުހުމަތު ކުރެވޭ މީހުންނާއި ހެކިވެރިންނާއި ތަހުގީގަށް މައުލޫމާތު ދެވޭނެ މީހުން ތަހުގީގަށް ހާޒިރުވާން މީރާ އަށް އެންގިދާނެ ކަމަށާއި ޖެހިޖެހިގެން ދެ ފަހަރު އެންގުމުން ވެސް ހާޒިރު ނުވެއްޖެ ނަމަ، ކޯޓު އަމުރެއްގެ ދަށުން އަދި ފުލުހުން މެދުވެރިކޮށް އެ މީހަކު ބަންދުގައި ބަހައްޓައިގެން މީރާ އަށް ހާޒިރު ކުރެވޭނެ ކަމަށެވެ. މީރާ އަށް ހާޒިރުނުވި މައްސަލައިގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އެ މީހަކަށް ޖިނާއީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވިދާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ތަހުގީގުގައި ސުވާލު ކުރުމާ ބެހޭ އުސޫލުތައް ވެސް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. ތަހުގީގުގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުން ނުވަތަ އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ނުވަތަ މަދަނީ އަދަބެއް ކަނޑައެޅުމަށް ފަހު، މައްސަލަ ނިންމިދާނެ ކަމަށް ގަވާއިދުގައިވެ އެވެ. އިއުތިރާފުވާ މައްސަލަތައް ފަސް ދުވަސް ތެރޭގައި ނިންމަން އެ ގަވާއިދު ލާޒިމު ކުރެ އެވެ.

މީރާ އިން އެދިގެން މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމާއި ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމާއި ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ބެލުމާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރަށް އެދެވޭނެ އުސޫލުތަކާއި ފޯން ކޯލް އަޑުއެހުމާ ގުޅޭ އުސޫލުތައް ވެސް އެ ގަވާއިދުގައިވެ އެވެ.