ވިހާފައި އައިޖީއެމްއެޗަށް ދަރިފުޅު ދޫކޮށް މަންމަޔަކު އަނެއްކާވެސް ފިލައިފި
ވިހާފައި އައިޖީއެމްއެޗަށް ދަރިފުޅު ދޫކޮށް މަންމަޔަކު އަނެއްކާވެސް ފިލައިފި

ވިހާފައި ދަރިފުޅު އައިޖީއެމްއެޗަށް ދޫކޮށް މަންމަޔަކު އަނެއްކާވެސް ފިލައިފި އެވެ.

"މިހާރު" އަށް އެނގުނު ގޮތުގައި ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެންމީހާ ފިލީ މިދިޔަ މަހު 19 ވަނަ ދުވަހު ފިރިހެން ދަރިފުޅު ނާސަރީއަށް ލީ ވަގުތު އެވެ. އޭރު މަންމަ އޮތް ކަމަށް ވަނީ ވޯޑުގަ އެވެ.

ދަރިފުޅު ދޫކޮށް މަންމަ ފިލިކަން އައިޖީއެމްއެޗުން ވެސް ޔަގީންކޮށްދެ އެވެ. އެކަމަކު އެ ހާދިސާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއްނުކުރެ އެވެ.

ތުއްތު ކުއްޖާ މިހާރު ވެސް އޮތީ ޖެންޑާ މިނިސްޓްރީގެ ހަވާލުގައި ނާސަރީގަ އެވެ. އޭނާގެ ހާލު ގޯހެއް ނޫނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަންމަ އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.

މިއީ މި އަހަރު އައިޖީއެމްއެޗުގައި ވިހާފައި ދަރިފުޅު ދޫކޮށް މައިމީހާ ފިލި ތިން ވަނަ ހާދިސާ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓާ އަހުމަދު މައުސޫމް ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ މީހުން އެގޮތަށް ފިލުމުގެ މައްސަލަ ދިމާވާ ކަމަށެވެ. އާއްމު ގޮތެއްގައި މީހުން ފިލަނީ، ކެންޓީނަށް ދާން ކަމަށް ބުނެ ނުކުމެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ އަތުގައި ޓެގު އަޅުފާއި ހުންނާނީ. އެ މީހުން އެހެން ފިލަން އުޅޭއިރު ސެކިއުރިޓީން ބައެއް ފަހަރަށް ހިފަހައްޓާނެ. އެކަމަކު ވޯޑަށް މީހުން ވަދެ ނިކުމެ އުޅޭއިރު އެންމެން މޮނީޓާއެއް ނުކުރެވޭނެ ދެއްތޯ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެކިއުރިޓީން ހިފެހެއްޓުމުން ވެސް ބައެއް މީހުން ގަދަދައްކާފައި ނިކުމެ ފިލާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގެ ބެލުމުގެ ދަށުގައި އޮއްވާ އެންމެ ފަހުން މަރުވި ފަސް މަހުގެ ފިރިހެން ކުއްޖާ ވެސް ހިޔާއަށް ނެގީ ވިހާފައި ހޮސްޕިޓަލަށް ދޫކޮށް މަންމަ ފިލުމުންނެވެ.