24 ނޮވެމްބަރ 2020 - 08:26

ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި 2018 ގެ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ދެވަނަ ބައިގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި މާވެލް ސްޓޫޑިއޯ އިން ކުރިން ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި "ބްލެކް ޕެންތާ 2" ގެ ޝޫޓިން ފަށާށެވެ. އެކަމަކު ފިލްމުގެ މައި ކެރެކްޓާ ކުޅުނު ޗާޑް ބޯޒްމަން ކެންސަރު ބަލީގައި ކުއްލި ގޮތަކަށް އޮގަސްޓް މަހުގެ ތެރޭގައި މަރުވުމާ ގުޅިގެން ލިބުނު ހިތްދަތިކަމާ ހެދި ފިލްމުގެ ޝޫޓިން ފަސްކުރީ އެވެ.
ބައެެއް ފޭނުން ވަނީ "ބްލެކް ޕެންތާ 2" ހަދާ އިރު، ކޮންމެވެސް ގޮތަކަށް ބޯޒްމަން ފިލްމުގައި ހިމަނަން ވެސް މާވެލް އަށް ގޮވާލައިފަ އެވެ. ކޮމްޕިއުޓަ-ޖެނެރޭޓެޑް އިމޭޖަރީ (ސީޖީއައި) ގެ އެހީގައި މިހާރު މީހަކު ފައްކާކުރުމަކީ އެއްވެސް ކަމެއް ނޫނެވެ. ނަމަވެސް އެކަމާ ގުޅިގެން އެ ސްޓޫޑިއޯ އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ދެވަނަ ބައިން ވެސް ކުރީގެ ބައިގެ ބައެއް ތަރިން ފެންނާނެ އެވެ. އޭގެ ތެރޭގައި ލެޓިޓިއާ ރައިޓާއި ލުޕިޓާ ނިއޮންގޯ އާއި ވިސްޓަން ޑޫކްގެ އިތުރުން އެންޖެލާ ބެޒޭ ހިމެނެ އެވެ. އަދި "ބްލެކް ޕެންތާ 2" ގެ މައި ވިލަން އަކީ ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ނާކޯސް: މެކްސިކޯ" އިން ވިދައިލި ޓެނޯކް ހިއުޓާ އެވެ.
"ބްލެކް ޕެންތާ 2" ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ވެސް ޑައިރެކްޓްކުރި ރަޔަން ކޫގްލާ އެވެ. މީގެ ދެވަނަ ބައި ހަދާކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ބުނެފައިވާ ގޮތުގައި ފިލްމު ސިނަމާތަކަށް އަންނާނީ މެއި 6، 2022 ގަ އެވެ.
ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބްލެކް ޕެންތާ" އަކީ 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
މީގެ ކާސްޓުންގެ ތެރޭގައި މައިކަލް ބީ ޖޯޑަން، އެލް ކަލުޔާ، މާޓިން ފްރީމަން ދި ފޮރެސްޓް ވިޓޭކާ ހިމެނެ އެވެ.
ނުވަދިހަ އެއް ވަނަ އޮސްކާ އެވޯޑްސްގައި "ބްލެކް ޕެންތާ" ހަތް ކެޓަގަރީއަކުން ނޮމިނޭޓްވެ، ތިން އެވޯޑް ހޯދި އެވެ. އެއީ އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިނެވެ.