އަންނަ މަހުން ފެށިގެން ހޯރަފުއްޓަށް ހަފްތާއަކު 3 ދަތުރުކުރާނެ
އަންނަ މަހުން ފެށިގެން ހޯރަފުއްޓަށް ހަފްތާއަކު 3 ދަތުރުކުރާނެ

އަންނަ މަހުން ފެށިގެން ހޯރަފުށި އެއާޕޯޓަށް މޯލްޑިވިއަނުން ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ޑެއިލީ ދަތުރުތައް ހޯރަފުއްޓަށް ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ނަމަވެސް މި މަހު އެ ރަށަށް ދަތުރުކުރާނީ އެ ދުވަހު އެކަނި ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މާލެއިން ހޯރަފުއްޓަށް އެއްކޮޅުގެ ޓިކެޓުގެ އަގަކީ މާލެއިން ކުޅުދުއްފުށި އަދި ހަނިމާދޫއަށް ވެސް ދަތުރުކުރާ އަގު ކަމަށްވާ 1،113ރ. ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައި އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

މީގެ އިތުރުން ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް ހަދާފައިވެ އެވެ.

މި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުވިކަމަށް އެއާޕޯޓު ތަރައްގީކުރުމާ ހަވާލުކުރި އެމްޓީސީސީން ވަނީ ބުނެފަ އެވެ.