ދޯންޏަކަށް އަރާވަޑައިގެން، ރައީސް މަސްވެރިންގެ ހާލު ބައްލަވައިފި
ދޯންޏަކަށް އަރާވަޑައިގެން، ރައީސް މަސްވެރިންގެ ހާލު ބައްލަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ފަޅުގައި އޮތް ދޯންޏަކަށް އަރުއްވައި، މަސްވެރިންގެ ހާލު ބައްލަވައިފި އެވެ.

ޅ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފެލިވަރަށް ވަޑައިގެން އެ މަނިކުފާނު ވަނީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަޙައްދުތައް ބައްލަވާލައްވާފަ އެވެ. އަދި އެ ރަށު ފަޅުގައި އޭރު އަޅާފައި އޮތް ދޯންޏަކަށް އަރުއްވައި، އޭގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި އެކި ވާހަކަފުޅުތައް ދެއްކެވި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މަސްވެރިން ވަނީ އެ މީހުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ރައީސްއަށް ކިޔައިދީފަ އެވެ. އެގޮތުން އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު އެ މަނިކުފާނަށް ދިން ކަމަށް ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، މަސްވެރިންގެ އެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރަށްރަށަށް މިގޮތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައްޔިތުންނާ މިގޮތަށް ބައްދަލު ކުރެއްވުމަކީ ރައީސް ސޯލިހުގެ ފަރާތުން އާއްމުކޮށް ފެންނަ މަންޒަރެކެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އާއްމުންނާ މިގޮތަށް ބައްދަލުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، ފެލިވަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އާ ކޯލްޑް ސްޓޯރޭޖްގެ ޑިޒައިނާއި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު އަދި މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވާފަ އެވެ. އެ އޮފީހުން ބުނިގޮތުގައި މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި އިމާރާތް ބާވުމުގެ އިތުރުން، އެތަނުގައި އެންމެ އެކަށީގެންވާ މިންވަރަށް އައިސް ނުއުފެއްދެ އެވެ. އެހެންވެ، އިތުރަށް އައިސް އުުފެއްދުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވެފައިވާކަން ފާހަގަ ކުރި އެވެ.

ފެލިވަރަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ރައީސް ވަނީ އެ އަތޮޅު މާފިލާފުށްޓަށް ޒިޔާރަތްކުރައްވައި، ޚިދުމަތާ އަލަށް ގުޅުނު ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.