ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

މައްސަލަ ބޮޑުވެގެން އުވާލުމަށް ފަހު، އަލަށް އެކުލަވާލި ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދު ގެޒެޓްކޮށް އިއްޔެ އަމަލުކުރަން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ގަވާއިދު އުވާލީ ގާނޫނީ ފުށުއެރުންތަކެއް ހުރެގެން އެޓާނީ ޖެނެރަލްގެ ލަފާ ލިބިގެން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބޯޑަށް ހުށަނާޅުއްވައި ގަވާއިދު އުވާލުން މައްސަލައެއްގެ ގޮތުގައި މިނިސްޓަރާ ދެކޮޅަށް ވިޔަފާރިވެރިންތަކެއް އޭސީސީއަށް ވެސް މައްސަލައެއް ވެއްދި އެވެ.

ޓްރާސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ގަވާއިދަށް އަމަލުކުރަން ފެށުމާ ގުޅިގެން ޝިޕިން އެޖެންސީ ލައިސަންސް ހިދުމަތަށް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ގަވައިދަށް އަމަލުކުރަން ފެށުމާ އެކު އެޖެންސީތަކުުން ކަނޑައަޅާފައިވާ އަގުތައް ވަނީ ކޮންޓްރޯލްކުުރެވިފަ އެވެ. ޑީއޯއަކަށް ނެގޭނެ އަދަދުވެސް މި ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ.

ގަވައިދުގައި ބުނާގޮތުން ޑެލިވަރީ އޯޑާ ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެން ގިނަ ސީބީއެމް ހިމެނޭ ބީއެލްއަކަށް ނެގޭނީ 771 ރުފިޔާ އެވެ. ޑެލިވަރީ އޯޑާ ޗާޖު ފުލް ކޮންޓެއިނަރަކަށް ވުރެ މަދުން ހުންނަ ބީއެލްއަކަށް ނެގޭނީ 385.50 ރުފިޔާ އެވެ.

ކޮންޓްރޯލްކޮށްފައިވާ އަގަށް ވުރެ ބޮޑުކޮށް އަދި އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސަައިނީއާ އެއްބަސްވެފައިިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނަގައިފި ނަމަ، ފުތަރަމަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ގަވައިދާ ހިލާފަށް ދެވަަނަ ފަހަރަށް ފީއެއް ނަަގައިފި ނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި ދެ ފަހަރަށްވުރެ އިތުރުވެއްޖެ ނަމަ ކޮންމެ ފަހަރަކަށް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.